ބޮލީވުޑް އެކްޓަރު ސަންޖޭ ދަތުގެ ފުއްޕާމެއަށް ކެންސަރު ޖެހި ތިން ވަނަ ސްޓޭޖުގައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. އަދި ވަގުތުން އެމެރިކާއަށް ފުރަން ތައްޔާރުވަމުން ދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ސަންޖޭ، 61، ގާތް އެކުވެރިއަކު ބުނި ގޮތުގައި ކެންސަރު ޖެހިފައި ވާކަން އެނގުމުން ވަރަށް ފުން ހިތާމައެއް ސަންޖޭއަށް ވަނީ ލިބިފަ އެވެ. އޭނާގެ ކުޑަ ދެ ދަރިން ތިބުމުން އެ ކުދިންނާ މެދު އެކުދިންނަށް ވެދާނެ ގޮތަކާ މެދު ވެސް ސަންޖޭ ވަރަށް ވަރަށް ފިކުރު ބޮޑުވެފަ އެވެ.
މިވަގުތު ސަންޖޭގެ އަންހެނުން މަންނީތާ އާއި ކުޑަ ދެ ދަރިން ތިބީ ޑުބާއީގަ އެވެ. ލޮކްޑައުންގެ ކުރިން ޗުއްޓީ އަކަށް ދިޔަ ގޮތަށް އެމީހުން އެނބުރި މުމްބައީއަށް ނާދެ އެވެ. އެހެންކަމުން ސަންޖޭގެ އަންހެނުންނަށް މި ޚަބަރު ދިނުމަކީ ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.
"ބަލިން ރަނގަޅުވެވޭނެ ކަމުގެ އުންމީދު ސަންޖޭގެ އެބައޮތް. އަދި ޑޮކްޓަރުން ވެސް ބުނަނީ އަވަހަށް ބޭސް ފަރުވާ ފަށައިފިއްޔާ ރަނގަޅުވާނޭ. ނަމަވެސް ވަރަށް ވަރުގަދަ ފަރުވާތަކެއް މި ބައްޔަށް ދޭން ޖެހޭނެ ކަން ޔަގީން،" އެކުވެރިޔާ ބުންޏެވެ.
ނޭވާ ކުރުވާ ގޮތް ވާތީ މި ހަފުތާގެ ކުރީކޮޅު ސަންޖޭ އަށް މުމްބާއިގެ ނާނާވަތީ ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ. އޭނާ ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށާއި ހެދި އިތުރު ޓެސްޓްތަކުގެ ނަތީޖާ ލިބުނީ އަންގާރަ ދުވަހު ކަމަށާއި އެ ނަތީޖާތަކުން އޭނާގެ ފުއްޕާމޭގައި ކެންސަރު ހުރި ކަން އެނގިފައިވާ ކަމަށް ވެސް ސަންޖޭގެ އެކުވެރިޔާ ބުނެފައި ވެއެވެ.
ސަންޖޭގެ ބަލީގެ ޚަބަރު ބޮލީވުޑްގައި ފެތުރުމާއެކު އަމީތާބް ބައްޗަން، އަބީޝެކް ބައްޗަން، ސަލްމާން ޚާން ފަދަ އެކްޓަރުން އޭނާއަށް ގުޅި ނަމަވެސް އެއްވެސް މީހެއްގެ ފޯނަކަށް ޖަވާބު ދޭނެ ހިތްވަރެއް ސަންޖޭގެ ކިބަޔަކު ނެތެވެ. އެހެންވެ އޭނާ އެއްވެސް މީހެއް ކުރި ކޯލެއް ނުނަގާ ކަމަށް ވެސް އެކުވެރިޔާ ބުނެފައި ވެއެވެ.
ފިލްމީ ރޮނގުން ބަލާއިރު ސަންޖޫގެ "ސަޅަކް 2" މި މަހު އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އޭނާ މިވަގުތު ސޮއިކޮށްފައި އޮތީ "ކޭއެފްޖީ ޗެޕްޓާ 2" އެކަންޏެވެ. މި ފިލްމުގެ މަސައްކަތް ފަށަން އުޅޭކަން ސަންޖޭ ދަތު އިއުލާން ކުރީ މިދިޔަ ޖުލައި 29 ވަނަ ދުވަހު ފާހަގަ ކުރި އޭނާގެ 61 ވަނަ އުފަން ދުވަހުގަ އެވެ.