ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެ

Aug 12, 2020

އަނެއްކާވެސް ކޮވިޑް ބަލީގައި މިއަދު ދިވެއްސަކު މަރުވެއްޖެ އެވެ.

ހެނދުނު 9:20 އެހާކަންހާއިރު މަރުވެފައި ވަނީ ދޮށީ އުމުރުގެ އަންހެނެކެވެ. އިއްޔެވެސް ރާއްޖެއިން ދިވެއްސަކު މަރުވި އެވެ.

އުމުރުން 77 އަހަރުގެ މި އަންހެން މީހާ، މަރުވީ ހުޅުމާލޭގައި ގާއިމް ކޮށްފައިވާ މެޑިކަލް ފެސިލިޓީޒްގައި އޮއްވަ އެވެ. އޭނާ ކޮވިޑް ބަލީގައި މަރުވުމުން ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 21 އަށް އަރައިފައި ވެއެވެ. އޭގެ ތެރޭގައި ބިދޭސީންގެ ފަސް މީހަކު ވެސް ހިމެނެ އެވެ.

އިތުރު މީހަކު މަރުވި އިރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. މިހާރު ވެސް އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 148 މީހަކު ހޮސްޕިޓަލްތަކުގައި އެބަތިއްބެވެ.

ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުން އެޑްމިޓް ކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޑީއެޗްގެ 11 ވަނަ ބުރީގައި ތިބެނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުނެވެ. އެ ފްލޯގައި ގާއިމްކޮށްފައި ވަނީ އައިސީޔޫއެކެވެ. ޑީއެޗްގެ 16 ވަނަ ބުރީގައި ތިބެނީ ކޮވިޑްޖެހޭ މާބަނޑު މީހުނެވެ.

އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން އަށް މީހަކު ތިބީ އައިސީޔޫގަ އެވެ. އޭގެ ތެރެއިން ހަތް މީހަކު ހުޅުމާލޭ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ޑީއެޗްގެ އައިސީޔޫގައިވެސް ދެ މީހަކު އެބަތިއްބެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5,223 އެވެ. އޭގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2849 އެވެ. އަދި ޝިފާއެއް ލިބިފައި ނުވާ ބަލީގައި ރަނގަޅުނުވެ ތިބީ 2354 މީހުންނެވެ.