ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ދައްކަންވަންޖެހޭ ފައިސާ ހޯދަން މީރާއަށް ލިޔުން ފޮނުވައިފި

Aug 12, 2020
6

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަންޖެހި ވަޑައިގަންނަވާ ޖޫރިމަނާގެ ފައިސާ ހޯދަން ލިޔެކިޔުންތައް މީރާއަށް ފޮނުވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ ފަސް އަހަރަށް އެމަނިކުފާނު ޖަލަށް ލުމާއެކު 5،000،000.00 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ހުކުމްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ފައިސާ ދައްކަވާފައި ނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ރައީސް ޔާމީން ދައްކަވަން ޖެހި ވަޑައިގަންނަވާ ޖޫރިމަނާ ފައިސާ ހޯދަން އެ މައްސަލައިގެ ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާ ކުރުން ކަމުގައިވާނަމަ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ ޖޫރިމަނާ ދައްކަންޖެހެ އެވެ. އަދި އެ މާއްދާގެ އަކުރު (ނ) ގައި، ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން ދައުލަތުން އަމަލުކުރާ އުސުލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާން ކުރެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ އަކުރު (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރު ކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައި ނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުސޫލާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާ ހޯދައި ހުކުމް ތަންފީޒުކު ރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ އެކަން އެ އިދާރާއާ އިއްޔެ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މި ގޮތަށް ލިޔުން ފޮނުވި އިރު މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި މިދިއަ ހޯމަ ދުވަހު ވަނީ ގެޒެޓް ކޮށްފައި ވެއެވެ. އެއާއެކު ރައީސް އަބްދުﷲ ޔާމީންގެ މުދަލާއި ގެދޮރު ހިފަން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އިދިކޮޅުން ބުނަނީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ރައީސް ޔާމީންގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ހިފަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ހޯމަ ދުވަހު އެމްއެމްއޭ އިން ގެޒެޓްކުރި ގަވައިދަކީ އެ މަގުސަދަށް ސަރުކާރުން ހެދި މަކަރާއި ހީލަތެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި އަދި ނިމިފައެއް ނުވެއެވެ. ނަމަވެސް މިހާރު އެ މައްސަލަ އޮތީ ހުކުމްގެ މަރުހަލާގަ އެވެ.