އިދިކޮޅު ފަރާތްތައް

ޔާމީންގެ ސަޕޯޓަރުން އދ. އޮފީސް ކުރިމަތީ މުޒާހަރާކޮށްފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ހުންނަ އދ. ގެ އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި އެވެ.

އދ. ގެ އޮފީސް ކައިރިއަށް ޖަމާވެ ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ ލޯ މަތީގައި ކަޅު ފޮތިކޮޅަކުން ބަނދެގެންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިނގިރޭސި ބަހުން ލިޔެފައިވާ ޝުއޫރުތައް ހިމެނޭ ބޯޑުތަކެއް ވެސް ހިފަހައްޓައިގެންނެވެ. ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ބައެއް ބޯޑުތަކުގައިވެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އދ. ގެ އޮފީސް ކައިރިއަށް ޖަމާވި ރައީސް ޔާމީންގެ ސަޕޯޓަރުން އެ ތަނުގައި އިރުތަކެއް ވަންދެން ތިބުމަށްފަހު އެ ތަނުން ވަނީ ގޮސްފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަންގެ ސަޕޯޓަރުން އދ. އޮފީސް ކުރިމަތީ ބޭއްވި އެއްވުމަކީ ރައީސް ޔާމީން އިިންސާފުން ބޭރުން ޖަލަށް ލައި ސިޔާސީ މަގްސަދެއްގައި ކުރި ދައުވާތަކެއް ކަން އެ ޖަމިއްޔާއަށް އެންގުމަށް ބޭއްވި އެއްވުމެކެވެ.

މިއަދު އެފަދަ އެއްވުމެއް ބޭއްވީ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގައި ރާއްޖޭގެ އިދިކޮޅު ސަޕޯޓަރުންގެ ޝުއޫރުތައް އދ. އަށް އެންގުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައި އެމަނިކުފާނު ބަންދު ކުރި ފަހުން އިދިކޮޅު ސަޕޯޓަރުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު އެ ކޯލިޝަންގެ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. ބައެއް ރޭރޭ ފުލުހުން ގޮސް އެއްވުންތައް ރޫޅާލައި މީހުން ހައްޔަރު ވެސް ކުރެ އެވެ. އަދި މާ އިރުތަކެއް ނުވަނީސް ހައްޔަރު ކުރާ މީހުން ދޫކޮށްލަ އެވެ.

މި ސަރުކާރު އައުމާއެކު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލުނެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ވަން އެސްއޯއެފް އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް ބޭނުން ކުރި ކަމުގެ މައްސަލާގައި އުފުލި ދައުވާ އެކެވެ.

އެ މައްސަލަ ބަލަން ބެންޗެއް އެކުލަވާލަން ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ މައްސަލަ ބަލަން އެކުލަވާލި ފަސް ފަނޑިޔާރުންގެ ބެންޗުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް މިހާރު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ނަމަވެސް އިސްތިއުނާފު މައްސަލަ ބަލަން އެ ކޯޓުން އަދި ނުފަށަ އެވެ.