އަބްދުއްރަހީމް އަބްދުﷲ

އެމްޑީޕީގެ މުޅި އަމާޒަކީ ރައީސް ޔާމީނަށް އަނިޔާ ކުރުން: އަދުރޭ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮންޓްރޯލް ހޯދުމަށް ފަހު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މުޅި އަމާޒު ހިފާފައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލައި އަނިޔާ ކުރުމަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަަދުރޭ ވިދާޅުވީ އެމްޑީޕީގެ މުޅި އަމާޒަކީ ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިބެގެން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރަމުން ދަނީ ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުން ކަނޑައެޅި މެންބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން އާއި، ރަައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އަދި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އިބްރާހިމް ރިފްއަތް އިންނަވަ އެވެ. ކޮމިޝަންގެ ރައީސަކަށް މިހާރު ހުންނެވީ ވެސް ހިސާން އެވެ.

އަދުރޭ ވިދާޅުވީ ޖޭއެސްސީ އޮޕަރޭޓް ވަމުން އަންނަނީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ކަމަށާއި އެ ކޮމިޝަން އެ ގޮތުގައި އަދުލު އިންސާފު ގާއިމު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ރައީސް ޔާމީނާ ވާދަވެރި އެމްޑީޕީގެ މުޅި އަމާޒު މިހާރު ހުރީ އެމަނިކުފާނު ޖަލަށް ލުމަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައީސް ނަޝީދަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ޖޭއެސްސީގައި އިންނެވިޔަސް މި މައްސަލާގައި އަދުލު އިންސާފު ގާއިމު ކުރަން ބޭނުންފުޅުވާނެ ބޭފުޅެއް ނޫން، ދެން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނާއި ހުރިހާ ގާތް މީހުން އެ ތިއްބެވީ އެ ތަނަށް ޖަމާވެފައި،" އަދުރޭ ވިދާޅުވި އެވެ.

އެމްޑީޕީއަށް ޖޭއެސްސީގެ ކޮންޓްރީލް ލިބުމުން މިހާރު ބޭނުން ވަނީ އަދުލު އިންސާފުގެ ނިޒާމުގައި އެންމެ މަތީ ބާރަށް ވުމަށް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އެހެން ވިޔަސް ގާނޫނު އަސާސީގައި އަދުުލު އިންސާފުގެ ނިޒާމުގައި އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓާއި އެ ކޯޓުގައި އިންނަވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރު ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެކަމަކު ގާނޫނު އަސާސީގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވާ ޒިންމާ އަދާ ކުރުމަށް ޖޭއެސްސީން އެބަ ހުރަސް އަޅާ. އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރުން އެއީ ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެއީ ގާނޫނު އަސާސީއަށްވުރެ ބާރުގަދަ ގާނޫނެއް ނޯންނާނެ." އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލަށް ލައި އަނިޔާ ކުރުމަށް އެމްޑީޕީން އަމާޒު ހިފިޔަސް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމިގެން ދާނީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށާއި އެމަނިކުފާނަށް އިންސާފު ހޯދައިދެއްވުމަށް ކުރެވެން އޮތް މަސައްކަތެއް އިދިކޮޅު ކޯލިޝަނުން ކުރާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.