ފިނިޕޭޖް

ޝާހްރުކްގެ "ޕަތާން" ޝޫޓިން ނޮވެމްބަރުގައި


ޝާހްރުކް ޚާން އަލަށް ފަށާ ފިލްމު "ޕަތާން" ގެ ޝޫޓިން އަންނަ ނޮވެމްބަރު މަހު އިނގިރޭސި ވިލާތުގައި ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިއީ ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާ އަކަށް ހަމަޖައްސާފައިވަނީ ދީޕިކާ ޕަދުކޯން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިހާރު ކުރިޔަށް ދަނީ ޝޫޓިން ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީ ތަކެވެ. އެގޮތުން ވީޑިއޯ ކޯލް މެދުވެރިކޮށް ޝޫޓިން ސްޕޮޓްސް، އެކްޝަން ބޯޑު އަދި ކެރެކްޓާ ޓްރެއިޓްސް ފަދަ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ.

"ޕަތާން" އަކީ 2018 ގައި ޝާޙްރުކް ކުޅުނު "ޒީރޯ" އަށް ލިބުނު ބޮޑު ނާކާމިޔާބަށްފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމަށެވެ.

ޝާހްރުކްގެ ޝެޑިއުލް އާ ގުޅޭ މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ކުރިން ހަމަޖެހިފައި އޮތީ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އުފައްދާ ފިލްމެއްގެ މަސައްކަތް ޝާހްރުކް އެންމެ ފުރަތަމަ ފަށާ ގޮތަށެވެ. ނަމަވެސް ސްކްރިޕްޓް ލިޔުމުގެ ކަންތައް އަދިވެސް ހިރާނީ އަށް ނިންމާ ނުލެވޭތީ އަދި ފިލްމު ފަށަން ވަރަށް ގިނަ ދުވަސް ނަގާނެތީ "ޕަތާން"ގެ މަސައްކަތް ކުރަން ޝާހްރުކް ނިންމީ އެވެ.
ހިރާނީގެ ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ 2022 ގެ ފަހުކޮޅު އެވެ. ނަމަވެސް "ޕަތާން" ރިލީޒްކުރަން 2021 ގެ ތާރީޚެއް މިހާރު ދަނީ ބަލަމުންނެވެ.

މިހާރު ބެލެވިފައިވަނީ "ޕަތާން" ގެ ޝޫޓިން ޝާހްރުކް ނިންމާލާއިރަށް ހިރާނީގެ ފިލްމުގެ ޝޫޓިންގް ފެށޭ ވަރު ވާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް އަންނަ އަހަރުގެ ޖޫން ހިސާބެވެ.

"ޕަތާން" ޑައިރެކްޓް ކުރަނީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" ގެ ޑައިރެކްޓަރު ސިދާރްތު އާނަންދެވެ. "ވޯ" އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބުގެ ސަބަބުން ސިދާރްތުގެ ޑިމާންޑް ވަނީ ވަރަށް މައްޗަށް ގޮއްސަ އެވެ.

މި ފިލްމުގެ ސްކްރިޕްޓާ ޔާޝްރާޖް ފިލްމްސްގެ އެންމެން ވެސް ވަރަށް ހިތްހަމަޖެހެ އެވެ. އެހެންވެ ދެ ތިން އަހަރުގެ ޗުއްޓީ އަށް ފަހު ޝާހްރުކް އަލުން އެނބުރި އައުން ފާހަގަ ކުރަން މި ފިލްމު ވަރަށް ރަނގަޅުވާނެ ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވިގެން މި ފިލްމުގެ މަސައްކަތް ފެށީ އެވެ.