ބޮލީވުޑް

ކުޅޭ ކޮންމެ ފިލްމަކުން ސަލްމާނަށް ލިބޭވަރު އިނގޭތަ؟

ސަލްމާން ޚާނަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ ތަރިންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ އެކްޓަރެވެ. ފޭނުންގެ މެދުގައި އޭނާގެ މަގްބޫލުކަން ހުރި މިންވަރު ރިލިޒްކުރާ ކޮންމެ އާ ފިލްމަކާ އެކު ހާމަވަމުން ދެއެވެ.

ފިލްމެއް އުފައްދާއިރު އެ ފިލްމަކަށް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ގެރެންޓީއެއް އޮންނަ ނަމަ އަދި އެ ފިލްމަށް ކުރާ ޚަރަދުގެ އެތައް ގުނައެއް ފައިދާގެ ގޮތުގައި ލިބޭނެކަން ޔަގީންވާނަމަ އެ ފިލްމެއްގައި ބައިވެރިވާ އެކްޓަރަކު ކިޔާ އަގެއް ދޭކަށް ޕްރޮޑިއުސަރުން އެއްވެސް ޖެހިލުމެއް ނުވާނެ އެވެ. ސަލްމާނަށް ވަނީ މިހެންނެވެ.

ސަލްމާން އުޅޭ ފިލްމެއް ނަމަ ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެންމެންނަށް ވެސް އޮވެ އެވެ. އެހެންކަމުން ސަލްމާން ވެފައިވަނީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު ފީއެއް ދޭ އެއް އެކްޓަރަށެވެ. އޭނާގެ ކޮންމެ ފިލްމަކަށް މަދުވެގެން 50 ކްރޯޑު ރުޕީސް މިހާރު ނަގާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

ފީގެ އިތުރުން ކޮންމެ ޕްރޮޖެކްޓެއްގެ ވެސް ފައިދާގެ ބޮޑު ބައެއް ވެސް ދަނީ ސަލްމާނަށެވެ. އެއީ އޭނާ ކުޅޭ ގިނަ ފިލްމު ތަކަކީ މިހާރު އޭނާ އަމިއްލައަށް ޕްރޮޑިއުސްކުރާ ފިލްމުތަކަށް ވާތީ އެވެ. އަދި ސިނަމާތަކުގައި ފިލްމު އަޅުވައިގެން ލިބޭ ފައިދާގެ އިތުރުން ސެޓެލައިޓް ރައިޓްސް ވިއްކައިގެންނާއި ރިމޭކް ރައިޓްސް މީހަކު ބޭނުންވާ ނަމަ އެ ވިއްކައިގެން ވެސް ސަލްމާނަށް އިތުރު ފައިދާ ލިބެ އެވެ.

ސަލްމާނާ އެއްވަރުގެ ފީއެއް ލިބޭ އެކްޓަރުން ބޮލީވުޑްގައި މަދެވެ. އަކްޝޭ ކުމާރާއި އާމިރު ޚާން އަދި ޝާހްރުކް ޚާން ފިޔަވައި ސަލްމާނާ އެއްވަރަށް ފައިސާ ލިބޭ އެކްޓަރަކު ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތެއް ނުކުރެ އެވެ.
ނަމަވެސް ސައުތު އިންޑިޔާގެ ތަރިންނަށް ބޮލީވުޑް ތަރިންނަށް ވުރެ މާ ގިނައިން ފައިސާ ލިބޭ ކަމަށް އިންޑިޔާގެ ނޫހެއްގައިވާ މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ތެލުގޫ ސުޕަސްޓާ ޕްރަބާސް އަށް ކޮންމެ ފިލްމަކުން 100 ކްރޯޑު ލިބޭ ކަމަށް ވެއެވެ.