ޑައިރެކްޓަރު މަހޭޝް ބަޓް ގިނަ ދުވަސް ތަކެއް ވަންދެން ފިލްމު އުފެއްދުމުގެ މަސައްކަތާ ދުރުގައި ހުރުމަށްފަހު އުފައްދާ "ސަޅަކް 2" މިމަހުގެ ފަހުކޮޅު އޮންލައިންކޮށް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ބުދަ ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ.
އާލިއާ ބަޓް، އަދިތުޔާ ރޯއި ކަޕޫރު، ސަންޖޭ ދަތު އަދި ޕޫޖާ ބަޓް މުހިއްމު ރޯލުތައް އަދާކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ ބަލާފައި ބެލުންތެރިން ވަނީ ވަރަށް މަސްހުނި ޚިޔާލުތަކެއް ފާޅުކޮށްފަ އެވެ. ގިނަ ބަޔަކު މި ޓްރެއިލާ އަށް މަލާމާތްކޮށް ޔޫޓިއުބުގައި ޑިސްލައިކް ޖެހުމުގެ ސަބަބުން އެންމެ 24 ގަޑިއިރު ތެރޭގައި މި ޓްރެއިލާއަށް ފަސް މިލިއަނަށް ވުރެ ގިނަ ޑިސްލައިކް ލިބިފައި ވެއެވެ.
ހަގީގަތުގައި މި ފިލްމަށް ދިމާވެގެން އުޅެނީ ނެޕޮޓިޒަމް އާ ގުޅޭ މައްސަލަ އެވެ. ފިލްމީ ތަރިންގެ އާއިލާގެ މީހުންނަށް ބޮލީވުޑް ފިލްމު އުފައްދާ ފަރާތްތަކުން ތަފާތުކުރާ ކަމަށް ބުނެ ކުރަމުންދާ ބަހުސް އެވެ. އަދި މި ބަހުސް މާ ބޮޑަށް ހޫނުވުމުގެ ސަބަބުން މީހުންގެ ހިތުގައި ސްޓާރުންގެ ދަރިންނަށް ނުވަތަ އެމީހުންގެ އާއިލާގެ މީހުންނަށް އުފެދިފައިވާ ނަފްރަތެވެ.
ފިލްމު ބަލާ މީހުންގެ ރުޅިގަނޑު މާ ބޮޑަށް ގަދަވެގެން މިއުޅެނީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި ނެޕޮޓިޒަމް އާ ގުޅުވައިގެން ވާހަކަ ފަތުރާތީ އެވެ. ސުޝާންތަކީ ފިލްމީ އާއިލާއަކާ ގުޅުމެއް ނެތް ބޭރު މީހަކަށް ވާތީ އޭނާއަށް ވަރަށް ދެރަކޮށް ފިލްމު އިންޑަސްޓްރީން ކަންތައްތައް ކޮށްފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އަދި އޭނާ މަރުވި ހަގީގީ ސަބަބަކީ މިކަމުގެ ސަބަބުން މާ ބޮޑަށް ޑިޕްރެޝަން އަށް ގޮސްގެން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
"ސަޅަކް 2" އަކީ އެންމެ ޑިސްލައިކް ގިނައިން ލިބުނު ޓްރެއިލާ އަށް ވިޔަސް ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ މި ޓްރެއިލާ އަކީ އެންމެ ޓޮޕް ޓްރެންޑިން ވީޑީއޯ އަށް ވެސް ވެފައިވާ ކަމެވެ.
ޓުވިޓާގައި ޕޫޖާގެ ފޭނަކު އޭނާއަށް އިލްތިމާސް ކޮށްފައިވަނީ ޑިސްލައިކް ގިނަ ވިޔަސް ހިތްބަރު ނުކުރުމަށާއި އެއްވަނައިގައި ޓްރެންޑް ވަނީ ވެސް މި ޓްރެއިލާ ކަމަށެވެ. އޭނާއަށް ޕޫޖާ ޖަވާބު ދީފައި ވެއެވެ. ޕޫނާ ބުނެފައިވާ ގޮތުގައި އޭނާ އެކަމަކާ އެއްގޮތަކަށް ވެސް ދެރައެއް ނުވެ އެވެ. ލޯބިވާ މީހުންނާއި ނަފްރަތު ކުރާ މީހުންނާއި ފައިސާފޮތީގެ ދެ ފުށުގެ ގޮތުގައި ޕޫޖާ ސިފަ ކުރި އެވެ. އެހެންވީމާ އެ ދެ ބައި މީހުން ވެސް އެމީހުންގެ އަގުހުރި ވަގުތުގެ ބޭނުން ހިފައިގެން އެ ޓްރެއިލާ އަށް އެމީހުން ބޭނުންވާ ގޮތަކަށް އިޖާބަ ދެނީ ކަމަށް ޕޫޖާ ބުންޏެވެ.