ސަންޖޭ ދަތު

ސަންޖޭ ދަތު ސޮއިކުރި އަގުބޮޑު ފިލްމުތަކަށް ދެން ވާނީ ކިހިނެއް؟

ސަންޖޭ ދަތުގެ ފުއްޕާމެއަށް ކެންސަރު ޖެހި ތިން ވަނަ ސްޓޭޖުގައިވާކަން މި ހަފުތާ ތެރޭގައި ވަނީ ހާމަވެފަ އެވެ. އަދި ވަރަށް އަވަހަށް އެމެރިކާއަށް ފަރުވާއަށް ސަންޖޭ ފުރާނެ އެވެ.

ސަންޖޭ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ދޫކޮށްލުމުން އޭނާ ނެރުނު ބަޔާނެއްގައި ބުނީ ބަލިވެގެން ފަރުވާ ހޯދަން ގައުމުން ބޭރަށް ދާން ޖެހޭތީ ދުވަސްކޮޅަކަށް ފިލްމީ މަސައްކަތާ ދުރަށް ދަނީ ކަމަށެވެ. މި ބަޔާނުގައި ސަންޖޭ އިތުރަށް ބުނެފައި ވަނީ ހަދަހަދައިގެން ފާޑުފާޑުގެ ވާހަކަތައް ނުދެއްކުމަށާއި އޭނާއާ ދޭތެރޭ ކަންބޮޑު ނުވުމަށެވެ. އަދި އެނބުރި އަންނާނެ ކަމަށް ވެސް ސަންޖޭ ބުނެފައި ވެއެވެ. ނަމަވެސް އެއީ ކިހާ ދުވަހަކުން ކަމެއް ބުނާކަށް ޚުދް އޭނާއަކަށް ވެސް ނޭނގެ އެވެ.

ސަންޖޭ ބައިވެރިވެ މަސައްކަތް ކުރަމުންދާ ހަ ފިލްމެއް މި ވަގުތު އެބައޮތެވެ. މި ފިލްމުތަކުގެ އަގު 735 ކްރޯޑަށް އަރަ އެވެ.
މީގެ ތެރެއިން "ސަޅަކް 2" ގެ ޝޫޓިން މުޅިން ނިމި އޮގަސްޓް 28 ގައި އޮންލައިންކޮށް ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސަންޖޭ ފުރާނީ މި ފިލްމަށް ޑަބްކޮށް ނިންމާފަ އެވެ.

ދެ ވަނައަށް އޮތީ "ޓޯރްބާޒް" އެވެ. މި ފިލްމުގެ ޝޫޓިންގް ވެސް ވަނީ ނިމިފަ އެވެ. އަދި ރިލީޒް ކުރާނީ އޮންލައިންކޮށެވެ. ނަމަވެސް އަދި ރިލީޒްކުރާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

"ބޫޖް: ދަ ޕްރައިޑް އޮފް އިންޑިޔާ" ވެސް އޮތީ ނިމި ރިލީޒް ކުރުމަށް ތައްޔާރުވެފަ އެވެ. ޑިޒްނީ-ހޮޓްސްޓާ އިން ރިލީޒްކުރާ މި ފިލްމު ސްޓްރީމްކުރަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހަތަރު ވަނަ ޔަށް އޮތީ "ކޭއެފްޖީ ޗެޕްޓާ 2" އެވެ. މި ފިލްމުގެ ޝޫޓިންގްގެ ތެރެއިން ސަންޖޭއަށް ފުރިހަމަ ނުކުރެވި އޮތީ ތިން ދުވަހުގެ ޝޫޓިންގް އެވެ. ފަސް ވަނަ އަށް އޮތީ "ޝަމްޝޭރާ" އެވެ. މި ފިލްމުގެ ވެސް ސަންޖޭ ކުޅެން ޖެހޭ ބޮޑު ބައި ވަނީ ނިމިފަ އެވެ. ބާކީ އޮތީ 4-6 ވަރަކަށް ދުވަހުގެ ޝޫޓިންގް އެވެ.

އެންމެ ފަހަށް އޮތީ "ޕްރިތުވީރާޖް" އެވެ. މި ފިލްމުގެ ބޮޑު ބައި އޮތީ ނުނިމި އެވެ. މިހާތަނަށް ނިމިފައިވަނީ 40 ޕަސެންޓެވެ. ސަންޖޭގެ ފިލްމުތަކުގެ ތެރެއިން އޭނާ ބަލިވުމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ މި ފިލްމަށް ކަމަށް ބެލެވެ އެވެ.

އަކްޝޭ ކުމާރާއި ރީތީގެ ރާނީ މާނޫޝީ ޗިލާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ޝޫޓިން ކޮރޯނާވައިރަހާ ހެދި މާޗް މަހުއްސުރެ ވަނީ ހުއްޓިފަ އެވެ. ޑރ. ޗަންދުރަޕްރަކާޝް ދިވޭދީ ޑައިރެކްޓްކުރާ މި ފލްމުގެ ބަޖެޓަކީ 300 ކްރޯޑެވެ. ގިނަ ދުވަސް ތަކަކަށް ސަންޖޭ އަށް މި ފިލްމުގެ ޝޫޓިންގްގައި ބައިވެރި ނުވެވޭނެކަން ޔަގީން ވެފައިވާއިރު މި ފިލްމުގެ މުސްތަގްބަލާ މެދު ވަނީ ސުވާލު އުފެދި އެވެ.

ސަންޖޭގެ ބަލި ފަސޭހަ ވަންދެން އޭނާއަށް އިންތިޒާރު ކުރަން މި ފިލްމު އުފައްދަ ފަރާތުން މަޑުކުރާނެތޯ ނުވަތަ ނޫންތޯ އަދި ޖަވާބު ދޭން ތަންކޮޅެއް އަވަހަށް ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ. ފިލްމުގެ ޑައިރެކްޓަރު ބުނެފައިވަނީ ސަންޖޭ އަންނަންދެން މަޑުކުރާނީ ކަމަށެވެ. ނަމަވެސް އެގޮތަށް މަޑުކުރަން ޖެހޭނީ ކިހާ ދުވަހެއް ކަމެއް ނޭނގުމަކީ ކަންބޮޑުވުމެކެވެ.