ފިނިޕޭޖް

ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިޔަމްގެ ހާލު ސީރިއަސް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސްޕީ ބާލަ ސުބްރަމާނިޔަމް (އެސްޕީބީ) މިހާރު އޮތީ އައިސީޔޫގަ އެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލުގެ ފަރާތްތަކާ ހަވާލާ ދީ އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

އޮގަސްޓް ފަސް ވަނަ ދުވަހު ލަވަކިޔުންތެރިޔާ ރިލީޒްކުރި ވީޑީއޯއެއްގައި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައި ވެއެވެ. މި ވީޑިއޯގައި އޭނާ ބުނި ގޮތުގައި ހުން އައިސް މޭގައި ވަރަށް ގަދަޔަށް ރޯގާ ހިފައިގެން ޓެސްޓް ކުރުމުން އޭނާއަށް ކޮވިޑް-19 ޖެހިފައިވާ ކަން ޔަގީން ކުރެވުނެވެ.

އެ ދުވަހުން ފެށީގެން ލަވަކިޔުންތެރިޔާ އަށް ފަރުވާ ދެމުން ދިޔައީ ހޮސްޕިޓަލުގަ އެވެ. އަދި އޮގަސްޓް 13 ވަނަ ދުވަހު އޭނާގެ ހާލު ކުއްލިއަކަށް ސީރިއަސް ވީއެވެ. އިންޑިޔާގެ ނޫސްތަކުން ހުކުރު ދުވަހު ބުނެފައިވަނީ މިހާރު އެސްޕީބީ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓާގައި ބާއްވައިގެން ކަމަށެވެ.

ލަވަކިޔުންތެރިޔާ ބަލި ވުމާ ގުޅިގެން ވަރަށް ގިނަ ފަންނާނުން ސޯޝަލް މީޑިއާގައި ދަނީ އޭނާއަށް ހެޔޮއެދުންތައް ފޮނުވާ އަވަސް ޝިފާ އަށް އެދި މެސެޖުތައް ޕޯސްޓު ކުރަމުންނެވެ.

މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާން ކުރި ޓުވީޓެއްގައި ހުރިހާ މިއުޒިކް ފޭނުން އެސްޕީބީ އަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފައި ވެއެވެ.

"އަޖައިބެއް ފަދަ ރީތި އަޑަކުން އޭނާ ވަނީ ގިނަ ބަޔަކު ހިތް އުފާ ކޮށްދީފައި،" ރަހްމާންގެ ޓުވީޓްގައި ވެއެވެ.