ރައީސް މުހައްމަދު ނަޝީދު

ހުސައިން ރަޝީދުގެ ތަރުޖަމާއެއް ނަޝީދު ނެރެއްދެއްވައިފި

ޝައިހް ހުސައިން ރަޝީދު އަހުމަދު، ތަރުޖަމާ ކުރަވާފައިވާ ސަހީހް މުސްލިމްގެ ހަދީސް ފޮތުގެ 11 ވަނަ ބައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެ ދެއްވައިފި އެވެ.

ސަހީހް މުސްލިމްގެ ތަރުޖަމާއަކީ 2012 ވަނަ އަހަރުން ފެށިގެން ހުސައިން ރަޝީދު ތަރުޖަމާ ކުރައްވާ ބައިބަޔަށް ނެރުއްވަމުން ގެންދަވާ ފޮތް ސީރީޒެކެވެ. އެ ފޮތުގެ 11 ވަނަ ބައި ނަޝީދު ނެރެދެއްވީ، މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސަހީހް މުސްލިމް އަކީ މިލާދީން 800 ވަނަ ގަރުނުގައި ދިރިއުޅުއްވި އިސްލާމީ ޢިލްމުވެރިއެއް ކަމަށްވާ މުސްލިމް ބިން ހައްޖާޖް (އިމާމް މުސްލިމް) އެކުލަވާލައްވާފައިވާ ހަދީސް ފޮތެކެވެ. މި ފޮތުގެ ތަރުޖަމާ ޗާޕް ކުރައްވައި ފޮތެއްގެ ސިފައި ނެރުއްވުމުގެ ކުރިން ހުސައިން ރަޝީދު ވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދެވި ކްލާސްތަކުގައި ފޮތް ކިޔަވައި ދެއްވާފަ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަން ކުރެއްވި ހުސައިން ރަޝީދަށް މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމު، މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި އޮވެ އެވެ. އޭނާއަކީ ކުރީން ރައީސް ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަދި މިހާރު އަމިއްލަ ހައްޖު އުމުރާ ގްރާޕަކާއެކު ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.

ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަކީ އިސްލާމީ އުސޫލުތަކާއި ބީރައްޓެހި، އަދި ދީނުގެ ކަންކަމާ ދިވެހިން ދުރުކުރުވުމުގެ ބޭނުމުގައި ދައްކަވާ ވާހަކަތަކެއް ކަމަށް ބައެއް އިލްމުވެރިންނާއި، އާންމުން ދަނީ ބުނަމުންނެވެ. ނަމަވެސް އެފަދަ ކޮންމެ ހާލަތެއްގައި ރައީސް ނަޝީދުގެ ދިފާއުގައި ނިކުންނަވާ އެއް ބޭފުޅަކީ ހުސައިން ރަޝީދު ވެއެވެ.