އިތުބާރު ނެތް ކަމުގެ މައްސަލަ

ފައްޔާޒު ވޯޓް: ޑިމޮކްރަސީއަށް ދެވޭ ހަމަލައެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނު ފަހުން އެގްޒެކެޓިވް ބާރާއި ގާނޫނު ހަދާ މަޖިލިހުގެ ބާރާއި މި ދެ ބާރުން ޑިމޮކްރަސީ އަށް އިސްކަންދޭ މިންވަރު ވަޒަން ކުރަން، ރައްޔިތުންނަށް، މިދިޔަ ހަފުތާ ނިމެން އުޅެނިކޮށް ފެންމަތިވި ކެބިނެޓްގެ އިގްތިސޯދީ ވަޒީރު، ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމަށް "މަޖިލިހަށް ފެނިގެން" އުޅޭ މައްސަލައިން މިވަނީ ކުރިމަތި ކުރުވާފަ އެވެ. އަދި މިވަގުތު މިއީ ޑިމޮކްރަސީއަށް ކުރިމަތިވި ނުރައްކަލެއްތޯ ރައްޔިތުން ހިތު ތެރޭ މިވަނީ ސުވާލެއް ކުރިމަތިވެފަ އެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މިއީ ކޮންގޮތަކަށް ކުރިއަށް ދާން ޖެހޭ މައްސަލަ އެއްތޯ ރައްޔިތުންނަށް އެނގުން ވެސް މިކަމުން މިވަނީ މުހިއްމުވެފަ އެވެ. އެހެން ކަމުން ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖެހިލަމާ ހެއްޔެވެ؟

ރާއްޖޭގެ ޑިމޮކްރަސީގައި އެގްޒެކަޓިވް ބާރު ސީދާ މި ހޮވަނީ ރައްޔިތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވާފައި މިވަނީ ކުރިއަށް އޮތް ފަސް އަހަރަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ދީފައިވާ މި ބާރުގެ ދަށުން ދައުލަތް ހިންގުމަށް އޭނާ އެކުލަވާ ކެބިނެޓް އެކުލަވާލެވެނީ ވެސް ފަސް އަހަރު ދުވަހަށެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ ކެބިނެޓަށް ގެންނާނީ ކެބިނެޓަށް ގެންނަން ގާބިލް ފަރާތެއްތޯ ޔަގީން ކުރުމަށް ފަހު އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހަށް ކެބިނެޓްގެ ރުހުން ވެސް އޮތްތޯ ބެލުމަށް ދެވިފައި އޮންނަ ފުރުސަތުގައި މައްސަލަ އެއް ކުރިމަތިވުން އެއީ މުސްތަހީލު ކަމެކެވެ. އެއީ ރައިސުލްޖުމްހޫރިއްޔާ އެކަން ކުރާނީ އެވަރުގެ ގާބިލްކަމާ އެކުގައި ކަމުގައިވާތީ އެވެ. އެގޮތުން މިފަހަރު ރައީސް ސޯލިހު ވެސް މިވަނީ އެމަނިކުފާނުގެ ކެބިނެޓް މި ބީދައިން އެކުލަވާލައްވާ އަދި މަޖިލުހުން މަޖިލިހުގެ ރުހުންވެސް އެގޮތުގެ މަތީން ހޯއްދަވާފަ އެވެ.

މަޖިލިސް ވެސް މި ހޮވަނީ ސީދާ ރައްޔިތުންގެ ބާރުންނެވެ. ރައްޔިތުންގެ މަސްލަހަތަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގުމަށް ބޭނުންވާ ގާނޫނުތައް ގެނެސް ދޭށާއި ޑިމޮކްރަސީ ހިނގަމުންދަނީ ރައްޔިތުންނަށް އިންސާފު ވެރިކަމާއެކުގައިތޯ ކަށަވަރު ކުރުމަށް މަޖިލިހަށް ވާޖިބެވެ.

އެގޮތުން ގައުމީ މަސްލަހަތުގައި ދައުލަތުގެ އެއްމެހާ ކަމެއް ހިނގަމުންދޭތޯ އާއި މިނިވަން މުވައްސަސާތަކަށް ފާރަވެރިވުމާއި ދައުލަތުގެ މާލީ ކަންކަން ހިނގަމުންދަނީ އަދުލުވެރިކަމާއެކީތޯ ފާރަވެރިވާން ޖެހެ އެވެ. އަދި ރައްޔިތުންނަށް ދެފުށް ފެންނަ ވިޔަފާރީގެ ވާދަވެރިކަމުގެ ރޫހު ދަމަހައްޓައި އެއްމެނަށް ހަމަހަމަ ފުރުސަތުގެ ތެރެއިން ހިނގަމުންދޭތޯ ކަށަވަރު ކޮށްދޭން ޖެހެ އެވެ.

މި ދެ ބާރަށް ވެސް ދާދި އެއްވަރެއްގެ އެންމެ ސީރިއަސް ދެ މަސްއޫލިއްޔަތު އެ މަގާމުތަކަށް އަންނަ ގާބިލް ފަރާތްތަކަށް ގާނޫނުއަސާސީން މިވަނީ މަތި ކުރެވިފަ އެވެ. އެހެންކަމުން ރައްޔިތުންގެ ކަންކަން ގައުމީ މަސްލަހަތުގައި ހިނގަމުންދާކަން ދެ ބާރުން ވެސް ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހެއެވެ.

ސަރުކާރަށް ދެ އަހަރުވާން ދާއިރު މިހާތަނަށް ދައުލަތް ހިންގުމުގައި ފެނިގެން ގޮސްފައި ވަނީ މަޖިލިހުން އެގްޒެކެޓިވް ބާރަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުން ދާތަނެވެ. ސަރުކާރުން ބޭނުންވާ ބައެއް ގާނޫނުތައް އެ އަވަސް މިނުގައި ކުރިއަށް ނުގޮސް އަނެއްބައި ގާނޫނުތައް މާ ބާރު މިނުގައި ހިނގާތަނެވެ. އެހެން އެކަން ދިމާވަނީ މަޖުލިހުގެ ނާގާބިލްކަމުންތޯ ރައްޔިތުން ޔަގީނުން ވެސް މަޖުލިހުގެ މަސައްކަތަށް ފާރަވެރިވެ ގޮތެއް ނިންމާނެކަން ކަށަވަރެވެ.

މިދިއަ ހަފުތާ ނިމެން ދަނިކޮށް އައި ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ، ފެންމަތިވީ މީޑިއާ ތެރެއިން ލާފައި ވަރަށް ސިއްރު ގޮތަކަށެވެ. މިފަދަ މުހިއްމު ބާރެއްގެ މައްސަލައެއް މިފަދައިން ސިއްރު ގޮތަކަށް ހިނގުމުން ރައްޔިތުންގެ އެތަކެއް ސުވާލެއް ވަނީ އެކަމާގުޅިގެން ކުރިމަތިވެފަ އެވެ. އެސަބަބުތައް ރައްޔިތުން ބަލަން ވެސް ޖެހޭނެ އެވެ.

ސިއްރުން މިކަން ކުރުމުގެ އެއްބޭނުމަކީ ވަޒީރު، ދައުލަތުގެ މަސްލަހަތު އިސް ނުކޮށް ނާޖާއިޒު ކަންކަން ހިންގާކަން މަޖިލިހަށް ސާބިތުވެ އެކަންކަން މަޖިލިހުން ބެލުމަށް ވަޒީރު ހުރަސްތައް ކުރިމަތި ކުރުވަފާނެތީ އެވެ. ނަމަވެސް އެފަދަ ވަރުގަދަ ސާބިތު ހެކިތަކެއް ވަޒީރާ ދެކޮޅަށް ހުރިނަމަ ސިއްރުން އިތުބާރު ނެތްކަމުގެ ވޯޓަކަށް މަގުފަހި ކުރުމުގެ މަސައްކަތް ހިންގަން ރައްޔިތުންނެއް ނޭދޭނެ އެވެ.

އެ ސާބިތު ހެކިތައް މަޖިލިހަށް ލިބުމާއެކު މަޖިލިހުގައި އެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންނަށް އެކަން ދެ ފުށް ފެންނަ ގޮތަށް ސާފުކޮށް ހިނގަމުންދާ ގޮތަށް މަޖުލިހުން ކުރިއަށް ގެންދަން ރައްޔިތުން ބޭނުންވާނެކަން ޔަގީނެވެ.

ނަމަވެސް މުޅި މި މައްސަލަ މިވަނީ ނުކިއްސަރު ގޮތަކަށް ފެންމަތިވެ ދެ ބާރުގެ ފަރާތުން އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށް މަގުފަހި ކުރުވާ ގައުމީ މަސްލަހަތަށް ބުރޫ އަރާނެ ފަދަ އެތައް ކަމަކަށް މަގުފަހިކޮށްފަ އެވެ. ރައްޔިތުން އެގްޒެކެޓިވް ބާރަށް ދީފައިވާ ބާރު ރައްޔިތުންގެ ހައްގުގައި ހިންގުމަށް ކެބިނެޓްގައި ފުޅާކޮށް މަޝްވަރާ ކުރެވި ކެބިނެޓްގެ ރުހުން އެކަން ކަމަށް އެއްކޮށް އޮންނަން ޖެހެ އެވެ. އެހެންކަމުން މި މައްސަލައިގައި ކެބިނެޓްގެ ރުހުންނެތި އިގްތިސޯދީ ވަޒީރު ހުރަސް ކުރި ހިސާބަކީ ސީރިއަސް މައްސަލައަކަށް ވާނެ އެވެ.

އަނެއްކޮޅުން ފައްޔާޒާ ދެކޮޅަށް ސާބިތު ހެކި ހުރިނަމަ އެއީ ކެބިނެޓުގެ ރުހުން އޮވެމެ ހިނގި ކަންކަންކަމަށް ވާނަމަ މުޅި ކެބިނެޓް އެކަމަށް ޒިންމާ އުފުލާ ހިސާބަށް ދާން ޖެހި ސަރުކާރުގެ ނޯ ކޮންފިޑެންސް މޯޝަނަކަށް މަސައްކަތް ކުރަން މަޖުލިހަށް ލާޒިމުވާ ހިސާބަށް ކަންކަން ދާނެއެވެ.

މިހިނދަށް ފައްޔާޒާ ދެކޮޅަށް ސާބިތު ހެކިތަކެއް ހުރިނަމަ އެކަމަކުން ޔަގީނުން ވެސް ސާބިތު ވާނީ އެގްޒެކެޓިވް ބާރު މާގަދަފަދަވެފައިވާ ކަމުގަ އެވެ. އެހެންކަމުން މިފަދަ ސީރިއަސް މައްސަލައެއް ހިނގަނޖެހޭ ގޮތުގެ މަތީން ހިންގުމަށްޓަކައި ސިއްރުން ކުރެވޭ ކަންކަން ނިމުމަކަށް ގެނެވި، ސާބިތު ހެކިތަކެއް ވަޒީރާ ދެކޮޅަށް ލިބިފައިވާނަމަ އެކަން ވަގުތުން މަޖިލިހަށް އެޖެންޑާ ކުރަން ޖެހެ އެވެ. އެހެން ނޫން ކަމުގައިވާނަމަ މިއީ މިއީ ޑިމޮކްރަސީއަށް މިވަގުތު ކުރިމަތިވެފައިވާ އިންތިހާއަށް ބިރުވެރި ސީރިއަސް މައްސަލައެކެވެ.

މިހާތަނަށް މިމައްސަލަ ހިންގާފައިވާ ގޮތުން މިވަނީ ސާބިތުހެކިތަކެއް ހުރެ ސިއްރުން މިކަން ކުރަން އުޅުނީ ކީއްވެގެންތޯ ސުވާލު އުފެދި މަޖިލިހުގެ އިތުބާރަށް ވަރުގަދަ ލޮޅުމެއް އައިސްފަ އެވެ. ހަގީގަތުގައި ވެސް ކެބިނެޓުގެ ބާރު މާގަދަވީތޯ ނުވަތަ މަޖިލިހުގެ ބާރު މާ ގަދަ ކުރަނީތޯ މިވަނީ މި މައްސަލައިގެ ހުރި ހެކިތަކެއްގެ މައްޗަށް ބިނާވެފަ އެވެ. އިންތިހާއަށް ސީރިއަސް މިމައްސަލާގައި ހުރި ހެކިތައް މަޖިލިހުން ސިއްރު އެޖެންޑާ ދަށުން އިތުރަށް ނުހިންގައި މަޖިލިހުގެ ގަވާއިދުގެ ތެރެއިން މައްސަލަތައް ބަލައި ރައްޔިތުންގެ އިތުބާރާއެކު މައްސަލައަށް ނިމުމެއް ގެންނަން އެބަޖެހެއެވެ. އެއީ ޑިމޮކްރަސީގެ ރައްކަލަކަށެވެ.