ސުޝާންތު ސިންގް

ސުޝާންތަށް ހާއްސަ ގައުމީ އިނާމެއް ދެނީ

ދާދިފަހުން މަރުވި ޒުވާން ބަތަލު ސުޝާންތު ސިންގް ރާޖްޕޫތަށް ޚާއްސަ ގައުމީ އިނާމެއް ދޭން ނިންމާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. މި އިނާމު ދޭނީ މި އަހަރުގެ ގައުމީ އިނާމު ދިނުމުގެ ހަފުލާގައި ކަމަށާއި މިއީ ވަރަށް ޚާއްސަ އިވެންޓަކަށް ވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި އިނާމު ދޭނީ ކޮން ނަމެއްގައިތޯ އާއި އޭނާގެ ފިލްމީ ޚިދުމަތުގެ އަގު ވަޒަން ކުރާނެ ގޮތަކާ ދޭތެރޭ އަދި ދަނީ މަޝްވަރާ ކުރަމުންނެވެ.

އިންޑިޔާގެ ސަރުކާރުގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލް ބުނި ގޮތުގައި ސުޝާންތުގެ ކުއްލި މަރުން މުޅި ފިލްމީ އާއިލާ އާއި އިންޑިޔާގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ. އޭނާގެ ކުރު ހަޔާތުގައި ފިލްމީ ރޮނގުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާތީ އެކަން ފާހަގަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. ޚާއްސަ ގައުމީ އިނާމެއް ދޭން ހަމަޖައްސަނީ އެހެންވެ އެވެ.

ސުޝާންތު ދުނިޔޭގައި ހުރިއިރު އޭނާ އާ ދޭތެރޭގައި ގިނަ ބަޔަކު ވަރަށް ނާއިންސާފުން ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި ދަނީ އަޅުވަމުންނެވެ. އެހެންވެ ސަރުކާރުން ދޭ މި އިނާމަކީ ގޯސްކޮށް ކުރެވިފައިވާ ކަންތައްތައް ކޮންމެވެސް ވަރަކަށް ބެލެންސް ކުރަން ދޭ އިނާމެއް ކަމަށް ވެއެވެ.

މި އެވޯޑާއެކު ސުޝާންތު ކުޅެފައިވާ ފިލްމުތަކުގެ ފެސްޓިވަލް އެއް ވަކިން ބާއްވަން ވެސް ސަރުކާރުން ދަނީ އިންތިޒާމް ކުރަމުންނެވެ. ނެޝަނަލް އެވޯޑު އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެއްޗެއްގެ ގޮތުގަ އެވެ.