ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގެ ބަތަލު ޕާތު ސަމްތާން އަށް ކޮވިޑް-19 ޖެހިގެން ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން ޝޫޓިންގްގައި ބައިވެރި ނުވެ ހުރުމަށް ފަހު އަލުން ޝޫޓިންތަކުގައި ބައިވެރި ވާން ފެށީ ދާދި ފަހުންނެވެ. އެއީ ބަލިން ރަނގަޅުވުމަށް ފަހު ޕޫނޭގައި ތިބި މައިންބަފައިން ކައިރިއަށް ގޮސް އެ މީހުން ކައިރީގައި ވެސް ދުވަސްކޮޅަކު މަޑުކޮށްފައި އެނބުރި އައުމުންނެވެ.
ޕާތު އޭނާގެ މައިންބަފައިންގެ ކައިރިއަށް ދިޔަކީ ކަރަންޓީނު ގަވާއިދުތަކާ ޚިލާފަށް ކަމަށް ބުނެ އޭނާގެ އަވަށްޓެރިން މައްސަލަ ޖެއްސުމުގެ ސަބަބުން މިހާރު ފުލުހުން ވެސް އޭނާގެ މައްސަލަ ވަނީ ބަލަން ފަށާފަ އެވެ. އެއާއެކު ނަފްސާނީ ގޮތުން ކުރިން ވެސް އުނދަގޫވެފައި ހުރި ޕާތުގެ ސިކުނޑިއަށް އިތުރު ބުރައަކަށް މިކަން ވިއެވެ. ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި "ކަސޯޓީ" ގައި ޕާތު ކުޅެމުންދާ އަނުރާގު ބާސޫގެ ރޯލު ދޫކޮށްލާ އެ ޝޯ އިން ވަކިވާން ޕާތު މިހާރު ވަނީ ނިންމާފަ އެވެ. އަދި އިސްތިއުފާގެ ސިޓީ "ކަސޯޓީ" ގެ ޕްރޮޑީއުސަރު އެކްތާ ކަޕޫރަށް މިހާރު ވަނީ ހަވާލު ކޮށްފަ އެވެ.
ޕާތު ބޭނުންވަނީ އޭނާގެ ސިއްހަތަށް އިތުރަށް ސަމާލުކަން ދީ މުޅިން ބަލިން ފަސޭހަވާން މަސައްކަތް ކުރަން ކަމަށް ވެއެވެ. "ކަސޯޓީ" ގެ ޝޫޓިންގްގައި ބުރަކޮށް އުޅެން ޖެހުމުން ސިއްހަތަށް އަޅާ ލެވޭ މިންވަރު ކުޑަވާ ކަމަށް އޭނާއަށް ގަބޫލުކުރެވެ އެވެ. ޝޯ އިން ވަކިވަނީ މި ސަބަބާ ހުރެ ކަމަށް އޭނާގެ ސިޓީގައި ބުނެފައިވަ ކަމަށް ވެއެވެ.
ސިއްހަތު ހަމަޔަކަށް އެޅުމުން މުޅިން އާ ޝޯތަކެއްގައި ބައިވެރިވާން ޕާތު ގަސްތުކުރާ ކަމަށް މި ރިޕޯޓުގައި ވެއެވެ. މި ޝޯއިން ޕާތު ވަކި ނުވޭތޯ އެކްތާ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށާއި ނަމަވެސް ޕާތު ހުރީ އެއްގޮތަކަށް ވެސް އެކްތާ ދައްކާ ވާޙަކަ އަޑުއަހާ ކަހަލަ މޫޑެއްގައި ނޫންކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޕާތު އާއެކު "ކަސޯޓީ"ގައި އަނޫޕަމް ގުޕްތާގެ ރޯލު އަދާ ކުރާ ސާހިލް އާނަންދު ވެސް މި ޝޯ އިން ވަކިވާން ވަނީ ނިންމާފަ އެވެ. ނަމަވެސް ޕާތު އާއި ސާހިލްގެ އިސްތިއުފާ އަދި ޕްރޮޑަކްޝަން ހައުސް އިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް މި ދެ އެކްޓަރުން ގޮތް ދޫނުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޕާތުގެ ބަދަލުގައި "ކަސޯޓީ"ގައި އަނުރާގުގެ ރޯލު ކުޅޭނެ އެކްޓަރެއް ހޯދުމުގެ މަސައްކަތް ވެސް ބާލާޖީ ޓެލެފިލްމްސް އިން މިހާރު ވަނީ ފަށާފަ އެވެ.
"ކަސޯޓީ"ގެ މިފަހަރުގެ ސީޒަން ފެށުނީއްސުރެ ތަފާތު ގިނަ މައްސަލަތައް ޝޯ އަށް ދަނީ ދިމާވަމުންނެވެ. އެގޮތުން ބަޖާޖްގެ ރޯލު އަދާކުރި ކަރަން ސިންގް ގްރޯވަރު އެ ޝޯ ދޫކޮށްލުމުގެ ސަބަބުން އޭނާގެ ބަދަލުގައި ކަރަން ޕަޓޭލް މިހާރު ވަނީ ބަޖާޖްގެ ރޯލު ކުޅެން ފަށާފަ އެވެ. އަދި ކޯމަލިކާގެ ރޯލު އެންމެ ފުރަތަމަ ކުޅުނު ހީނާ ޚާން ޝޯ ދޫކޮށްލުމުން މިހާރު އެ ރޯލު ކުޅެނީ އާމްނާ ޝަރިފެވެ.