ބާޒާރުގެ ހިތް: "ޑޯން ކެފޭ"އިން ލޯތްބާއެކު!

Aug 17, 2020

މިއަކީ މި އޯގަސްޓުން އެއް ދުވަހުގެ ފަހުން އައި އާދީއްތާގައި މަޝްހޫރު ޑޯންކެފޭގެ ދޮރު ލައްޕާލުމަށް ފަހު ހިތުގެ އެންމެ ފުނުން ލޯތްބާއެކު "ޑޯން ކެފޭގެ ލޮބުވެތި ކަސްޓަމަރުންނަށް" ލިޔެފައިވާ އެ ސައި ހޮޓަލުގެ އެންގުމެކޭ އެހެންނާ ބަޔާނެކޭ ކިޔަސް އޯކޭވާނެ އެވެ. ލިޔެފައި ވެއެވެ: "ޑޯން ކެފޭގެ އިމާރާތުގެ ވެރިފަރާތުގެ ބޭނުމަށް މި އިމާރާތް ހުސް ކުރަން އަންގާފައިވާތީ އެކަށީގެންވާ އެހެން ތަނަކަށް ހޮޓާ ބަދަލު ކުރުމަށްޓަކައި މިއަދުން ފެށިގެން ޑޯން ކެފޭ ބަންދު ކުރެވިފައިވާ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން މި ހޮޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ. މި ވޭތުވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ތިޔަ ބޭފުޅުންނަށް ހިދުމަތް ކުރުމުގެ ހެޔޮ ނަސީބު މިންވަރު ކުރެއްވި ކަމަށްޓަކައި ގަދަ ކީރިތި ވަންތަ ﷲ އަށް ޝުކުރު ކުރަމެވެ. މިދިއަ މުއްދަތުގައި މި ހޮޓަލަށް ވަޑައިގެން ސައިތަޓެއް ބައްލަވާފައިވާނަމަ ހޫނު މަސްރޮއްޓެއް ނުވަތަ ބޮނޑިބަތްތައްޓެއް ފަރީކުޅުއްވާފައިވާނަމަ ތިޔައީ އަޅުގަނޑުމެންގެ ޝުކުރު ހައްގުވެފައިވާ މި ހޮޓަލުގެ ގާތް ހިއްސާދާރެކެވެ... މާތް ﷲ ގެ އިރާދަފުޅާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި އާ ހިދުމަތްތަކާއެކު ވަރަށް ކައިރި މުސްތަގުބަލެއްގައި ޑޯން ކެފޭ އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ދަންނަވަމެވެ. އަދި އަޅުގަނޑުމެން އެންމެނަށް ދިމާވެފައި މިވާ ބަލިމަޑު ކަމާއި ދަތިހާލު، ﷲ ގެ ރަހުމަތުން ފިއްލަވައިތޯ އެކަލާނގެ ހަޒުރަތުގައި ދުއާ ދަންނަމެވެ."

ހަމަ އެއްވެސް ޝައްކެއް ނެތެވެ. މިއީ ހުރިހާ ވާހަކައެއް ހިތުގެ ފުނުން ލޯތްބާއެކު ބުނެލައި ދީފައިވާ އިބާރާތްކޮޅެކެވެ. މި މާނަ ފުން ނޯޓިހާއެކު ޑޯން ކެފޭ ގެ ދޮރު ލެއްޕުމުން ހިތަށް ކޮންމެވެސް ގޮތެއް ނުވާ ދިވެއްސަކު ހުންނާނެހެނެއް ހަމަ ހީއެއް ނުވެއެވެ. މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އަހުމަދީ ބާޒާރުގައި އަބަދުހެން އުޅޭ އެންމެނާއި މުޅި ހިސާބުގަނޑާ ގުޅިފައިވާ ދައުލަތުގެ ބޮޑެތި މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ފަޅު އޮޑިފަހަރާއި ނާލު ބޯޑު ފަހަރުގައި ހޭލަމޭއްޔަށް އުޅޭ އެންމެނާ ވެސް އެންމެ ކައިރި ތަނަކަށް ވާނީ އެއް ފެންވަރެއްގައި 30 އަރު ދުވަހު ދެގޮތެއް ނުވެ ސައި ހަދައިދިން "ޑޯން ކެފޭ" އެވެ.

އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ނޯވެ އެވެ. މެދުކެނޑުމެއް ނެތި ހިދުމަތުގައި އޮތް ޑޯން ކެފޭ އާ ފަތިހަކަށް ދާން ހިނގައިގަތެވެ. އެ ހިނގުމުގައި ވަގުތީ ބަންދެއް ގެންނާން ޖެހި ދޮރު ލައްޕައިލީ އެވެ. އެކަނަކު އެތާނގެ ބަންދު ބޯޑު އެޅުވުމުން އެތަކެއްހާސް މީހުނެއްގެ ހިތުޖެހިއްޖެ އެވެ. އެ އެންމެން ވެސް ޑޯންކެފޭ މިސް ވެގެން އެބައުޅެ އެވެ.

ތީމުގޭގެ އަތިރިއަށް އޮންނަ މަގަށްވާ ޑޯން ކެފޭއަކީ ފަހަރެއްގައި މިހާރު މާލޭގައި ހުރި އެންމެ ދުވަސްވީ ހޮޓާ ކަމަށް ވެދާނެ އެވެ. އެހެން ނުވިޔަސް އެންމެ ދޮށީ ހޮޓާ ލިސްޓްގައި ޑޯން ކެފޭގެ ނަން އޮންނާނެ އެވެ. ޑޯން ކެފޭއަކީ ވަރަށް ދުވަަސްވެފައިވާ އިމާރާތެއްގައި ހިންގާ ހޮޓަލެވެ. އެކަމަކު އެއަކީ އެ ސަރަހައްދުގެ މަސް މާރުކޭޓުގެ އިމާރާތުގައި ހުންނަ ކަހަލަ ބޮޑު ހޮޓަލެއް ނޫނެވެ.

އެ ހޮޓާ ހުރީ، މުސްކުޅި ޒަމާނުގައި ހިންގި "ޑޯން ކެފޭ" އަށް ފަހު ހަމަ އެ ބިމުގައި މީގެ 30 އަހަރު ކުރިން މުހައްމަދު ޔޫސުފު، ބާޒާރުމަތީގައި އެންމެ ދަންނަ ފެންގަސް ކުޑޭ އެ އިމާރާތުގައި ޑޯންކެފޭ ފެށި އިރު ވެސް ހުރި ގޮތަށެވެ. މެދަށް ދިގު މޭޒަކާއި ދެ ފަރާތުގެ ދެ ތިން މޭޒާއި ކޮޅު ހުރަހަށް ދެމޭޒާއެކު އަބަދުވެސް ތަން ފުރާލައިގެން ހިނގާ ހޮޓަލެކެވެ. ބާރުބޮޑު މާރުކޭޓް ސަރައްހަދުގައި ހުންނަ މި ހޮޓާ އަބަދުހެން އޮންނަނީ މުޑިކާއްޓެއްހެން ފުރިފަ ބާރުވެފަ އެވެ.

ދެރަ ފަގީރު، ޔަތީމު، މިސްކީނެއް ވެރިއެއް މުއްސަންޖެއް ކިޔާނެ ކަމެއް ނެތެވެ. ކުއްޖަސް ބޮޑަސް ހަރު، މުސްކުޅި ވިޔަސް ހުރިހާ ގިންތިއެއްގެ އެތައް ހާސް ބައެއްގެ ހަނދާންތައް، ކެއިން ބުއިމުގެ އަދަބުތަކާއި ދުއާ ތަކާއި މީހުނާ މުއާމާލަތް ކުރުމުގެ އެންމެ ހެޔޮ ގޮތްތަކާއި ބަސްތައް ލިޔުމުން ބުނެދީފައިވާ ޑޯންކެފޭގެ ހަތަރުފާރުން އެތެރެއާ ގުޅިފައި ވާނެ އެވެ.

ޑޯން ކެފޭގެ ދޮރުލައްޕައިލި އިރު ހިދުމަތުގައި ދެވަނަ އެއް ނެތް އެ ސައި ހޮޓަލަކީ މީހުނަށް ހިދުމަތް ދިނުމުގަ އާއި މީހުން ހިދުމަތް ހޯދުމުގައި މުޅި ރާއްޖޭގައި ވެސް ވަރަށް މަޝްހޫރުވެފައިވާ، ދިވެހި ރާއްޖެ ފެންމަތީގައި އޮތްހާ ހިނދަކު ނަން ހުންނާނެ ހޮޓަލެކެވެ.

ރަށްރަށުން އައިސް މާލެ ވަންނަ ފަޅު އޮޑި ފަހަރުގައި ތިބޭ މީހުން ކައިބޮއި ހެދުމުގެ އެންމެ ހާއްސަ ސުފުރާއަކީ ޑޯން ކެފޭ އެވެ. ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި މުޅި ބާޒާރުގެ ވިޔަފާރިގެތަކާއި ކުންފުނި އޮފީސްތަކުން ކަރުތެއްމާލާލާން ވަންނަ ތަނަކީ އެއީ އެވެ. ރަށުތެރޭން އެންމެ ހެން ހެދިކާ ހެދިކާ ގަންނަން ދާ ހޮޓަލަކީ އެއީ އެވެ. މި ބޮޑު މާލޭގެ އެކި ދިމާއިން ފަތިސް ނަމާދުން ފައިބައިގެން ގިނަ ބަޔަކު ހެލި ގަންނާނީ ޑޯންކެފޭއާ ދިމާއަށެވެ. ބާޒާރާއި ރަށުތެރޭގައި އުޅޭ މީހުންގެ އެހީ ބޭނުންވެފައިވާ އަދި ބަނޑު ފުރާނަ މުއްތި ކުރުމުގައި ދަތިވެފައިވާ މީހުންގެ ކާގެއަކީ ވެސް އެއީ އެވެ. މިދިއަ ތިރީހަކަށް އަހަރުގެ ތެރޭގައި އެއީ މާލޭ ބާޒާރުގެ ހިތެވެ.

ޑޯން ކެފޭ އެހެން ސައި ހޮޓާތަކާ ހިލާފަށް ތަފާތު ރަހަތަކެއް ހުރިހާ ގަޑިއެއްގައި ވެސް ލިބޭ ގޮތަށް ހިނގަމުން އައި ހޮޓަލެކެވެ، ބިންބީގެ މާފުށާއި ބަނބުކެޔޮ ބޮނޑިބަތް އަބަދުހެން ލިބެން ހުރެ އެވެ. ބޮޑިބަނތާއި ހަނާކުރި މަސް ހުންނާނެ އެވެ. ފާރޮއްޓާއި މޮޑުނު ބިސްކޯދު ހުރެ އެވެ، ހުނިހަކުރާއި ފުފޫ ކަންޖާއި ފިހުނު މަހުގެ ގިނަ ބާވަތްތަކާއި ދިވެހިން ގަޔާވާ ގިނަ ކެއުންތައް ހުރެ އެވެ، އަދި ޑޯންކެފޭގެ ބަޖިޔަލާއި މަސްރޮއްޓަކީ ރަހައިގެން ގޮތުން ހާއްސަ ދެ ހެދިކާ އެވެ. ޑޯންކެފޭގެ މަސް ރޮއްޓަކީ ބާޒާރާއި ރަށުތެރޭގައި ހޫނުކޮށް ހިނގާ މަސްރޮއްޓެކެވެ.

ފެންގަސް ކުޑޭ 69، އަކީ ޑޯންކެފޭ ހިދުމަތުގެ ދިގު ޒަމާނުގެ އެންމެ ހާއްސަ ނަމެވެ. އެތާނގެ ހަޔާތުން ސައްބީހަކަށް އަހަރު އިސްވެ އަމަލީ ގޮތުން އުޅުއްވެވީ އޭނާ އެވެ. ކުޑޭ ވިދާޅުވާ ގޮތުގައި އޭނާ އެ ހޮޓާ ހިންގަން ފެށުމުގެ ކުރިން ވެސް ހަމަ އެ ނަމުގައި ހަމަ އެެ ބިމުގައި ސައި ހޮޓަލެއް ހިންގި އެވެ. ނަމަވެސް އޭރު އެ ހޮޓާ ހިނގީ ކުޑޭ ޅިޔަނެކެވެ. ކުޑޭގެ އަތްމައްޗަށް އައީ އޭގެ ފަހަށެވެ.

"ހަވާލުވި ގޮތަށް އަޅުގަނޑު މި އުޅެނީ. އަދި މިހާރު އަޅުގަނޑުގެ ކުދިން އެކަމުގައި އިސްކޮށް އުޅެނީ،" ކުޑޭ ވިދާޅުވި އެވެ.

ކުޑޭއަކީ އޭގެ ކުރިން ވެސް ސައި ހޮޓާ ހިންގުމާއި ތަށިމަތި ބެލެހެއްޓުމުގެ ތަޖުރިބާކާރެކެވެ، އޭނާއާ ޑޯންކެފޭ ހަވާލުވުމަށް މުޅި ސައި ހޮޓާ ޝޭޕް ކުރެއްވީ މާލޭ ބާޒާރު އެއް ބައިގަނޑަކަށް ގޮސް އެ ކުޑަ ހޮޓަލަށް ވަނަސް ތަނުގެ ސާފު ތާހިރުކަން ނުގެއްލޭނެ އަދި އެކަކު އަނެކަކާ އިހުތިރާމާއެކު ބައްދަލު ވެލައި ސައިބޮއި ކައި ހީނ ސަމާސަކޮށް އުޅެވޭނެ ގޮތަށެވެ.

ހޮޓަލުގެ މޭޒުތަކާއި ފާރުތައް ވެސް ބުނެދޭނީ އިސްލާމް ދީނަށް ހުރިމަތްތެރިކޮށް ހިތުމަށާއި ކެއިންބުމުގެ އަދަބު އަހުލާހު ދެމެހެއްޓުމަށެވެ. ސާފުތާހިރު ކަމަށް ލޯބި ކުރުމަށާއި އަނެކުންނަށް އަޅާލައި ގަދަރު އިހުތިރާމް ދޭށެވެ.

"އެދެން ފެށުނީއްސުރެ އުސޫލުތަކެއްގެ ހިންގަން އިސްކަން ދެވުނީ" ކުޑޭ ވިދާޅުވި އެވެ.

މިހިނދަށް ޑޯންކެފޭ ބަންދުވީ އެވެ. އެކަމަކު "ޑޯންކެފޭގެ އާއިލާ" ހުއްޓާލާ ނުލައި މަސައްކަތް ކުރަނީ މޭލެތެރޭން ލިބޭ ރަނގަޅު ބިމެއްގައި ވީހާ އަވަހަށް ޑޯންކެފޭގެ ހިދުމަތަށް އަންނާށެވެ. ކެފޭ ބަންދު ކުރަމުން ވާހަކައެއް ބުނެލާފައި އޮތީ މުޅީން ތެދަށެވެ. އެހެންވެ ބުނެލަން އޮތީ މި ވޭތުވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ޑޯން ކެފޭގެ ހިދުމަތް ލިބުމުގެ ނަސީބު މިންވަރުވި ކަމަށްޓަކައި ގަދަ ކީރިތި ވަންތަ ﷲ އަށް ޝުކުރު ކުރަމެވެ. އެ މުއްދަތުގައި ތިޔަ ތަނުން ސައިތަޓެއް ބޮވިފައި ވާނަމަ، ހޫނު މަސްރޮއްޓެއް، ބޮނޑިބަތްކޮޅެއް ކެވުނު ނަމަ، އެއިން ކޮންމެ ފަހަރަކީ އެތައް ހާސް އުފަލެވެ. އެ ހާއްސަ މީރު ރަހައަށްޓަކައި ހިދުމަތުގެ ހިއްސާއެއް އޮތް މީހެއްގެ ގޮތުގައި ޝުކުރިއްޔާ އެވެ. އަދަކު މާދަމާއަކު އާ ފަތިހަކަށް ޑޯންކެފޭ އާއެކު އަލި ވިލޭން އުންމީދު ކުރަމެވެ.