ބޮލީވުޑް

"ކަސޯޓީ"އަށް މިވަނީ ކިހިނެއް؟ އެރިކާ ވަކިވަނީ

ބާލާޖީ ޓެލެފިލްމްސް އިން އުފައްދާ އިން ސްޓާ ޕްލަސް އިން ދައްކާ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އަށް ބަޔެއްގެ އެސްފީނާ ޖެހިގެން އުޅޭހެން ހީވާ ކަހަލަ ކަންތައްތަކެއް ފަހަކަށް އައިސް ދިމާވަމުން އެބަދެ އެވެ. ޝޯގެ މުހިއްމު ރޯލުތައް ކުޅޭ އެކްޓަރުން ޝޯ އިން ވަކިވުމާއި ގިނަ އެކްޓަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޝޫޓިން މެދުކަނޑާލަން ޖެހުން ފަދަ ވަރަށް ގިނަ ކަންތައްތަކެއް މި ފަހަކަށް އައިސް ޝޯ އަށް ދަނީ ދިމާވަމުންނެވެ.

މި ޑްރާމާގެ އެންމެ މުހިއްމު ކެރެކްޓާ ކަމަށްވާ އަނުރާގު ބާސޫގެ ރޯލު އަދާކުރާ ޕާތު ސަމްތާން ޝޯ އިން ވަކިވާން ނޯޓިސް ފޮނުވާފައިވާކަން ވަނީ ޔަގީންވެފަ އެވެ. އެއާއެކު ދެން އެންމެ މުހިއްމު ކެރެކްޓާ ކަމަށްވާ ޕްރޭރްނާ ޝަރުމާގެ ރޯލު ކުޅޭ އެރިކާ ފެނާންޑިސް ވެސް ޝޯއިން ވަކިވާން ގަސްތުކުރާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ. ޕާތު ނޯޓިސް ދިނަސް ސެޕްޓެމްބަރު 11 އާ ހަމައަށް ޝޫޓިންގައި ބައިވެރިވާނެ އެވެ. އެއަށްފަހު އޭނާގެ ބަދަލުގައި ކޮންމެވެސް އެހެން އެކްޓަރަކު މި ރޯލާ ހަވާލު ވާނެ އެވެ.

ސެޕްޓެމްބަރު 25، 2018 ގައި މި ޝޯ ފެށި ފަހުން ވަރަށް ގިނަ މުހިއްމު ކެރެކްޓާ ތަކެއް ކުޅޭ އެކްޓަރުން ބަދަލުވެފައި ވެފައި ވެއެވެ. އެގޮތުން ހީނާ ޚާން ވަނީ ކޯމަލިކާގެ ރޯލު ދޫކޮށްލާފަ އެވެ. އަދި ކަރަން ސިންގް ގްރޯވަރު ވަނީ މިސްޓަ ބަޖާޖްގެ ރޯލު ދޫކޮށްލާފަ އެވެ.
އެރިކާ އާއި ޕާތު "ކަސޯޓީ" ދޫކޮށްލަން ބޭނުންވަނީ އެމީހުންގެ ކެރެކްޓާ ޑިވެލޮޕްވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކަމަށް ޚަބަރުތައް ބުނެ އެވެ. ޚާއްސަކޮށް 10 އަހަރުގެ ކުއްޖެއްގެ މައިންބަފައިންގެ ރޯލު ކުޅެން ޕާތު އާއި އެރިކާ އަދި ބޭނުމެއް ނުވެ އެވެ.

ޕާތު ހިތްހަމަނުޖެހޭ އިތުރު ކަންތައްތަކުގެ ތެރޭގައި މިސްޓަ ބަޖާޖްގެ ރޯލު މިހާރު ކުޅޭ ކަރަން ޕަޓޭލް އަށް މާ ބޮޑަށް ޝޯ ގައި ސަމާލުކަން ދީ އޭނާ ކުޅޭ އަނުރާގުގެ ކެރެކްޓާއަށް މާ ބޮޑުކަމެއް ކުރަން ނުޖެހުން ހިމެނެ އެވެ. އަދި ފައިސާގެ މައްސަލަތަކެއް ވެސް ބާލާޖީ އާތި ޕާތުގެ މެދުގައި ޖެހިފައި ވެއެވެ.

އިންޑިޔާގެ އޮންލައިން ނޫސްތަކުން ބުނަނީ މި ޝޯ އިން ޕާތު ވަކިވަނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް އޭނާއަށް ލިބިފައިވުމާއެކު އެ ޝޯ އަށް މުޅިން ހުސްވާން ވެގެން ކަމަށެވެ. އެރިކާ އަށް ވެސް ވަރަށް ރަނގަޅު ޕްރޮޖެކްޓެއް ހުށަހެޅިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
މިހާރު ސުވާލަކަށް ވެފައިވަނީ ޕާތުގެ ބަދަލުގައި އަނުރާގުގެ ރޯލަށް ހޮވާނީ ކޮން އެކްޓަރެއް ބާއެވެ؟ ބާލާޖީން އަނުރާގުގެ ރޯލަށް ހޮވުމަށް ހަރްޝަދް ޗޯޕްޅާ އާއި ބަރުން ސޮބްތީ އާ މަޝްވަރާ ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ޓީވީ އެކްޓަރު ކަރަން ވާހީ އަކީ ވެސް އަނުރާގުގެ ރޯލަށް ވާދަކުރާ ކެންޑިޑޭޓެކެވެ.

ޕްރޭރްނާގެ ރޯލަށް ދިވްޔަންކާ ޓްރިޕާތީ ހޮވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ދިވްޔަންކާ ވަނީ މި ޚަބަރު ދޮގުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ މިއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.