ސުޝާންތު ސިންގް

ސުޝާންތު މަރުވި ފަހުން ފެނުނު އަންހެނަކީ ކާކު؟

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރަށް ފަހު ކޮންމެ ދުވަހަކު ވެސް އެކަމާ ގުޅޭ ކޮންމެ ކަހަލަ ޚަބަރުތަކެއް އިންޑިޔާގެ ނޫސްތަކުން ފެނެ އެވެ. އޭނާގެ ޗެޓްލޮގްތައް އަދި ފޮޓޯތަކާއި ވީޑިއޯތައް ވެސް ލީކުވެ އޭނާގެ މަރާ ގުޅިފައިވާ އޮޅުން ބޮޅުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެއް ބަޔަކު ގަބޫލު ކުރަނީ ސުޝާންތު އަމިއްލައަށް މަރުވީ ނޫން ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށެވެ. އަނެއް ބަޔަކު ގަބޫލުކުރަނީ އޭނާ މަރުވާން މަޖްބޫރު ކުރުވީ ކަމަށެވެ.

އެންމެ ފަހުން ލީކު ވެފައިވަނީ ސުޝާންތު ދިރިއުޅުނު ބިލްޑީންގްގެ ބޭރުން އެ ދުވަހު ނަގާފައިވާ ސީސީޓީވީ ފުޓޭޖެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ސުޝާންތުގެ މަރުވެފައިވާ މަސްގަނޑު ފުލުހުން އައިސް އެޕާޓްމަންޓުން ނެރެގެން ގެންދިޔަ އިރު ކްރައިމް ސީން ގައި ކާކުކަން ނޭނގޭ އަންހެނަކު ވަހަރަކާތްތެރި ވެފައި ވެއެވެ. ހުދުކުލައިގެ ރޮނގުތަކެއް ދަމާފައިވާ އަތްކެނޑި ޓީޝާޓެއް ލައިގެން އަތަށް އަންގި ވެސް ލައްވާފައި ހުރި އަންހެނެކެވެ.

މި ވީޑިއޯ ބަލާފައި މިހާރު ގިނަ ބަޔަކު ސުވާލު ކުރަނީ އެއީ ކޮން އަންހެނެއްތޯ އެވެ؟ އަދި އެންމެ މާ ދުރަށް ލާފައި ތިބިއިރު ކްރައިމް ސީން އަށް އޭނާއަށް ވަދެވުނީ ކިހިނެއްތޯ އާއި އެތަނަށް ވަންނަން ހުއްދަ ދިނީ ކާކުތޯ އެވެ؟ އެ އަންހެންމީހާ ގޮސް ގޮތް ނޭނގޭ އެހެން މީހަކާ ބައްދަލުކުރާ މަންޒަރު ވެސް މި ވީޑިއޯގައި ފެނެ އެވެ. ހުސް ކަޅު ހެދުމުގައި ހުރި މިމީހާ އާ ކޮންމެވެސް އެއްޗެއް ބަދަލުކުރާ މަންޒަރު ވެސް ވީޑީއޯގައި ފެނެ އެވެ.

އިންޑިޔާގެ ވެރިކަން ކުރާ ސިޔާސީ ޕާޓީ ބީޖޭޕީގެ ލީޑަރު ސުބްރަމާނިޔަމް ސުވާމީ ވަނީ މުމްބައި ފުލުހުން މި މައްސަލަ ތަހުގީގުކުރާ ގޮތް ކަމު ނުގޮސްގެން އެމީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ޚާއްސަކޮށް ކްރައިމް ސީންގައި ގޮތް ނޭނގޭ ދެ މީހަކު ހަރަކާތްތެރިވާ މަންޒަރުތައް އޮންލައިންގައި ދައުރުވާން ފެށުމުން ފުލުހުން ކުރަމުންދާ ތަހުގީގުގެ ރަނގަޅުވާނެ ކަމާ ދޭތެރޭ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

"ސުޝާންތުގެ މަރަށް 62 ދުވަސް. މުމްބައި ފުލުހުންނަށް އެންމެ އެފްއައިއާރް އެއް ވެސް ރަޖިސްޓްރީ ކުރެވުނުތަ؟" ބީޖޭޕީ ލީޑަރު ސުވާލު ކުރައްވާފައި ވެއެވެ. މުމްބައިގައި ހުންނަ އޭނާގެ އެޕާޓްމަންޓުގައި ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.