ފިނިޕޭޖް

ސޯނޫ ސޫދު ޔަތީމު ތިން ކުދިން އެޑޮޕްޓްކޮށްފި

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ދުނިޔެ ކުރިމަތިލީއްސުރެ އިންޑިޔާގެ ރައްޔިތުންގެ ޚިދުމަތުގައި އަތުކުރި އޮޅާފައިވާ މީހުންގެ ތެރެއިން ވެސް އެންމެ ކުރީގައި ހުރީ އެކްޓަރު ސޯނޫ ސޫދެވެ. ބަލިމަޑުކަމާ ހެދި ވަޒީފާ ގެއްލި އެތައް ހާސް މޭލެއް ދުރުގައިވާ އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއް ނެތިފައި ތިބި އެތައް ލައްކަ ބަޔަކު ސޯނޫގެ އަމިއްލަ ޚަރަދުގައި އެމީހުންގެ ގޭގެއަށް ފޮނުވައި ދިނެވެ. ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި އެތައް ސަތޭކަ ބަޔަކަށް ޚާއްސަ ފްލައިޓްތައް ބާއްވައިގެން އިންޑިޔާއަށް ގެނެސްދިނެވެ. ހާލުގައި ޖެހުނު ބައެއް ދަނޑުވެރިންނަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދިނެވެ. މިފަދަ ގުނާ އަދަދު ނުކުރެވޭ ވަރުގެ ގިނަ ގުނަ އެހީތެރިކަން މިއަދާ ހަމައަށް ވެސް ސޯނޫ ދަނީ ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އޭނާ ކޮށްފައިވަނީ ކުރިން ކޮށްދިން ކަންތައްތަކަށް ވުރެ ވެސް މާ އިންސާނިއްޔަތުކަން ބޮޑު ކަމެކެވެ. އިންޑިޔާގެ ތެލަންގަނާގެ ޔަދާދްރީ ބޮންގިރް ޑިސްޓްރިކްޓްގެ އާތުމާކޫރް އަވަށުގައި ދިރިއުޅޭ ކުޑަ ތިން ކުދިން އެޑޮޕްޓް ކުރީ އެވެ. މި ތިން ކުދިންގެ މައިންބަފައިން ދާދިފަހުން ވަނީ މަރުވެފަ އެވެ.

ސޯނޫއަށް މި ކުދިންގެ ހާލަތު އެނގުނީ ރާޖޭޝް ކުރާނަމް ކިޔާ މީހަކު ސޯނޫ ޓެގްކޮށްފައި ކުރި ޓުވީޓަކުންނެވެ. އޭނާ ސޯނޫ ކައިރީގައި ބުނީ މައިންބަފައިން މަރުވެ ބަލާނެ އެއްވެސް މީހަކު ނެތި ޔަތީމު ވެފައިވާ ކުޑަ ތިން ކުދިންގެ އޭނާގެ އަވަށުގައި އެބަ ތިބި ކަމަށެވެ. އަދި އެކުދިން ސޯނޫގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.

ރާޖޭޝް ކުރާނަމްގެ ޓުވީޓާއެކު އޭނާ ހިމަނާފައިވާ ވީޑިއޯގައި ބުނެފައިވާ ގޮތުގައި މި ތިން ކުދިންގެ ބައްޕަ މަރުވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި މިދިޔަ ހަފުތާގައި މަންމަ ވަރަށް ބޮޑަށް ބަލިވެ އުޅެފައި މަރުވީ އެވެ. ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ވަރަށް އާދޭހާއެކު ސޯނޫ ކިބައިން އެމީހުންނަށް އެހީތެރިވެދޭން އެދޭ ތަން މި ވީޑީއޯ އިން ފެނެ އެވެ.

"ސޯނޫ އަންކަލް ވަރަށް ގިނަ މީހުންނަށް އެހީވެދޭ މަންޒަރު އަހަންނަށް ވަނީ ފެނިފައި. އެފަދަ އަންކަލް އެއް އަހަރެމެންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ނަމަ ކިހާ ރަނގަޅު. އަހަރެން ބޭނުންވަނީ ކިޔަވައިގެން ޑޮކްޓަރަކަށް ވާން. އަދި ނިކަމެތި ފަގީރުންނަށް އަހަރެންގެ ޚިދުމަތް ފޯރުކޮށްދޭން،" އެންމެ ނުވަ އަހަރުގެ މި ކުއްޖާ ބުނެފައި ވެއެވެ.

މި ކުއްޖާ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާގެ ހަގު ދެ ކޮއްކޮއަށް ވެސް ހުރިހާ ކަމެއް ކޮށްދެނީ އޭނާ އެވެ. ހިތްފަޅައިގެންދާ ވަރުގެ މި ވީޑިއޯ ބަލާފައި ސޯނޫ ވަގުތުން އެ ތިން ކުދިން އެޑޮޕްޓްކުރަން ނިންމީ އެވެ.

"އެކުދިންނަކީ މީގެ ފަހުން ޔަތީމު ކުދިންނެއް ނޫން. އެ ކުދިންގެ ޒިންމާ އަހަރެން އުފުލާނަން،" ސޯނޫ އަށް ޓުވީޓްކުރި މީހާއަށް ޖަވާބު ދިނުމުގެ ގޮތުން ސޯނޫ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ. އިންޑީޔާގެ ގިނަ ބަޔަކު ވެސް މިހާރު އެއްބަސްވަނީ ސޯނޫ ސޫދު ކަހަލަ މީހުން އިންޑިޔާގައި ގިނަ ނަމަ އެ ގައުމުގެ މީހުން މިހާރު އުޅޭ ނިކަމެތި ހާލުގައި އުޅޭކަށް ނުޖެހުނީސް ކަމަށެވެ.