ބޮލީވުޑް

ސަންޖޭދަތު އެދެނީ ހެޔޮ ދުއާ ކޮށްދޭން

ސަންޖޭ ދަތުގެ ފުއްޕާމެއަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ވަނީ ދާދި ފަހުންނެވެ. ނޭވާ ލާން އުނދަގޫވާތީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައި ހެދި ޓެސްޓް ތަކުން ކެންސަރު ހުރިކަން އެނގުނުއިރު ވެސް ހުރީ ތިންވަނަ ސްޓޭޖަށް ބަލި ގޮއްސަ އެވެ.

ފަރުވާއަށް ސަންޖޭ ދަތު އެމެރިކާއަށް ފުރާ ކަމުގެ ޚަބަރުތަކެއް ކުރިން އިވުނު ނަމަވެސް ފަހުގެ ޚަބަރުތައް ބުނަނީ އޭނާގެ ފަރުވާ މުމްބައިގެ ހޮސްޕިޓަލެއްގައި ފަށާފައިވާ ކަމަށެވެ. އަދި އެމެރިކާއަށް ދާނީ ވަކި ވަރަކަށް މުމްބައިގައި ކީމޯތެރަޕީ ސެޝަންތަކެއް ފުރިހަމަ ކޮށްފައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ސަންޖޭ ދަތާއި އަންހެނުން މަންނީތާ އަދި ކޮއްކޮ ޕްރިޔާ ދަތު މުމްބައިގެ ކޮކީލަބެން ހޮސްޕިޓަލުން ނުކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އޮންލައިންގައި ވަނީ ވައިރަލް ވެފަ އެވެ.

އަދި ފަހުން ސަންޖޭ ދަތުގެ ގޭ ދޮށަށް އެއްވި ނޫސްވެރިންނާ ބައްދަލު ކުރަން ވެސް އޭނާ ނުކުމެފައި ވެއެވެ. ވަރަށް ދެރަވެފައި ލޮލުން ފެންކަޅިވެފައި ދެއަތް ޖޯޑުކޮށްގެން ހުރި އެންމެންނަށް އަތުގެ ހަރަކާތުން ސަލާމަތް ކޮށްލުމަށް ފަހު ސަންޖޭ ދަތު އެ އެންމެންގެ ކިބައިން އެދުނީ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

ސަންޖޭ ދަތުގެ މަންމަ ނަރުގިސް ދަތު އަދި ފުރަތަމަ އަނބިމީހާ ވެސް މަރުވެފައި ވަނީ ކެންސަރު ބަލީގަ އެވެ.

ސަންޖޭ ދަތުގެ ބަލި ފަސޭހަ ނުކުރެވޭ ވަރަށް ގޯސް ނުވާ ކަމަށް އޭނާގެ އަންހެނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ނަމަވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނަނީ ސަންޖޭ ދަތުގެ ފުއްޕާމޭގެ ކެންސަރު ހީ ނުކުރާ ވަރަށް ބޮޑުވެފައި ވެފައިވާ ކަމަށާއި ކުރިން ހީކުރެވިފައި އޮތީ ތިން ވަނަ ސްޓޭޖުގައި ބަލި ހުރި ކަމަށް ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން ބަލި ހުރީ ހަތަރު ވަނަ ސްޓޭޖުގައި ކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް މި ވާހަކަ ސަންޖޭ އަދި އާއިލާ އިން ޔަގީންކޮށެއް ނުދެ އެވެ.