ވެންޓިލޭޓަރުތައް ގަތުމަށް އެއްބަސްވުންތަކުގައި ސޮއި ކުރި މައްސައިގައި ބިޑް ކޮމިޓީގެ މެމްބަރުންގެ ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާއެއްގައި ބައިވެރިވި ފަރާތްތައް ހިމެނޭ ގޮތަށް ތަހުގީގު ކުރަން މި ވަގުތު ސަސްޕެންޑްކޮށްފައި ހުންނެވި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ ނިޝާމާ މުހައްމަދު އެދި ވަޑައިގެންފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓާއެކު އުސޫލުތަކާއި ހިލާފަށް ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާކަން ހާމަވީ މިިދިޔަ ހަފުތާގަ އެވެ. ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދަން ހަވާލުކުރި ކުރުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓްގައި ފާހަކޮށްފައި ވެއެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރި އިރު ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަކަށް އިންނެވީ ނިޝާމާ މުހައްމަދެވެ. މި މައްސަލާގައި ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާ ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރެއްވި ހުރިހާ ވެރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޮޑިޓް ރިޕޯޓާ ގުޅިގެން ހެލްތު މިނިސްޓްރީގެ ވެރިންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ނިޝާމާ މިއަދު ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ބިޑް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވަނީ އެ ކޮމިޓީ އަށް ލިބިފައިވާ ލިޔެކިޔުންތަކާއި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަދި ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ތަހުގީގު އިދާރާތަކަށް ހިއްސާ ކުރާނެ ކަމަށާއި މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި ބައިވެރިވި ފަރާތްތައް ހިމެނޭހެން ކަން ހިންގާފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"... އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަހުގީގެއް ކުރަމުން ދަނިކޮށް ކަން ހިނގައިދިޔަ ގޮތް އޮޅޭ ގޮތަށް ވަކި ބަޔަކު ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަމުން ދަނީ މިހާރު ކުރިއަށްދާ ތަހުގީގަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށް" ނިޝާމާ ނެރުުނު ބަޔާނުގައި ވެ އެވެ.
އަދި ފާހަގަކުރެއްވީ، ވެންޓިލޭޓަރުތައް ގަންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ހަވާލުކުރުމަށް ނިންމީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާ ހުރިތޯ ބެލުމަށްފަހު ކަމަށެވެ. މީގެ އިތުރުން، ބިޑް ކޮމިޓީގެ ފަރާތުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން މައުލޫމާތު ހޯދާ، ފިނޭންސް އިން އެޕްރޫވަލް ދިނުމަށްފަހު ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ކުރިއަށްގެންދިޔުމަށް އަންގާފައިވާތީވެސް ކަމަށެވެ.
"..މިނިސްޓާ އޮފް ފިނޭންސް އެޕްރޫވަލް ދެއްވަވައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ކުރިއަށްގެންދިޔުމަށް އަންގާފައިވުމާއެކު ކޮންމެހެން ހޯދަންޖެހޭ ވެންޓިލޭޓަރުތަކަށް ވާތީ ވަގުތާއި ހާލަތަށް ބަލައި ވެންޓިލޭޓަރުތައް މުހިއްމުވެފައިލެއް ބޮޑުކަމުން ތަކެތި ނުލިބި ލަސްވާނަމަ އެތައް ބަޔެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބަޔާންކޮށްފައިވާތީ.." ވެންޓިލޭޓަރުތައް ގަންނަން ދުބާއީ ކުންފުންޏާ ހަވާލު ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވެ އެވެ.
ވެންޓިލޭޓަރުތައް ގަންނަން ހެލްތުު މިނިސްޓްރީ ބިޑް ކޮމިޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި އަމަލު ކޮށްފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހެޔޮނިޔަތުގައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.