ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުއްލި ހާލަތުގައި މަޖިލީސް ޗުއްޓީއަށް ނުދާން އެދެފި

Aug 17, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަދިވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް އިރު، މި ހާލަތުގައި ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ނުގޮސް، ދައުރު ދަންމާލަން މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު އެދިވަޑައިގެންފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެއްޅުވި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދެ އޮޑިޓް ރިޕޯޓުން ވެސް މި ވަގުތު މަޖިލީހުން ކުރަމުންދާ މަސައްތަކުގެ މުހިއްމުކަން ސާފުވެފައިވާ ކަމަށެވެ.

އެހެންކަމުން، ހާއްސަކޮށް ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީސް ރިސެސަށް ނުދިއުމަށް ސައީދު ވަނީ ގޮވާލައްވައިފަ އެވެ.

މަޖިލީހުގެ ހިނގަމުންމިދާ ދައުރު ނިންމައި މިމަހުގެ 27 ގައި މަޖިލިސް ޗުއްޓީއަށްދާނެކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ސައީދުގެ އެދިވަޑައިގަތުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާވަށު ދާއިރާގެ މެންބަރުގެ ހުށަހެޅުމަކީ ވިސްނަންޖެހޭކަމެއް ކަމަށެވެ.

"ނަމަވެސް، މަޖިލީހުގެ އިއްޒަތްތެރި މެންބަރުންވެސް ކުރައްވަންޖެހޭ އެހެން ކަންތައްތަކެއްވެސް ހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން، މިހާރު ކުރިއަށްދާ ބަހުސްގައި ގިނަ މެންބަރުން ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކި ކުރަންޖެހޭކަމަށް ގޮވާލައްވައިފަ އެވެ.