ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާސަންދަ

އާސަންދަ އޮޑިޓް: އެހީ ދިނުމުގައި ބޮޑެތި ގޯސްތައް

އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން މިއަދު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އާސަންދަ ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އާންމު ކޮށްފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އެ ކުންފުނިން ކުރަންޖެހޭ ހަރަދުތަކަށް ކަނޑައަޅާފައި ވަނީ 83,315,122 ރުފިޔާ އެވެ. އޭގެ ތެރެއިން 14,838,341 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކޮށްފައިވާ ހަރަދުތަކަކީ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން ރާއްޖެ ނާދެވި ތިބި އަމިއްލަ ގޮތުންނާއި އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި ދިވެހިންނާއި އެ މީހުންގެ އެހީތެރިންނާއި، އާއިލާއަށް ފައިސާގެ އެހީ ދިނުމާއި ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމެވެ.

ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި އުސޫލުތަކާއި ހިލާފަށް ބައެއް ކަންކަން ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފަ އެވެ. އެގޮތުން ރާއްޖެ އެނބުރި އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ ހޯދާފައި ނުވާތީ ވަކިވަކި މީހުންނަށް ފައިސާގެ އެހީ ދޭން ފަށަން ޖެހޭ ތާރީހު ކަށަވަރު ކުރެވިފައިނުވާ ކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 26 މީހަކަށް 157،284 ރުފިޔާ އެންސްޕާއިން ހަރަދުކޮށްފައި ވަނީ ޓިކެޓްގެ ކޮޕީ ހޯދުމާ ނުލައި ކަމަށެވެ.

އަދި ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރީ ދުވަސްތަކަށް ފައިސާގެ އެހީ ދީފައިވާ މައްސަލަތަކެއް ވެސް އޮޑިޓްގައި ފާހަގަ ކޮށްފައި ވެއެވެ. އެ ގޮތުން ތިން މީހަކަށް 116,807 ރުފިޔާ ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރިން ދީފައިވެއެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން

  • މަރުވެފައިވާ މީހަކަށް މަރުވި ތާރީހުގެ ފަހުން ފައިސާގެ އެހީ
  • އެހީދޭން ޖެހޭ ބައެއް މީހުނަށް އެއް މުއްދަތަކަށް ދެ އިދާރާއަކުން އެހީ
  • ކަނޑައަޅާފައިވާ ރޭޓުން ނުވަތަ ތަފާތު ރޭޓަކުން ފައިސާ ދިނުން
  • ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރީ ދުވަސްތަކަށް ފައިސާގެ އެހީ

ކަނޑައަޅާފައިވާ ރޭޓާއި ހިލާފަށް ތަފާތު ރޭޓަކުން ފައިސާ ދީފައިވާ ކަމަށް އޮޑިޓްގައި ބުނެ އެވެ. އެ ގޮތުން ދެ މީހަކަށް އުސޫލާއި ހިލާފަށް ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް އަދި ދެ މީހަކަށް ދޭންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ ދީފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އާސަންދަ ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ފައިސާގެ އެހީ ދޭންޖެހޭ ބައެއް މީހުންނަށް އެއް މުއްދަތަކަށް ދެ މުއައްސަސާއަކުން ފައިސާގެ އެހީ ފޮނުވާފައިވާ މައްސަލަތަކެއް ވެސް ފާހަގަކޮށްފައި ވެއެވެ. އެ ގޮތުން ހަތަރު މީހަކަށް 21,033 ރުފިޔާ އިތުރަށް ދީފައިވާކަން ހާމަކޮށް އެކަމުގެ ތަފްސީލް ވެސް ހިމަނާފައި ވެއެވެ.

އަދި މަރުވެފައިވާ މީހަކަށް މަރުވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާކަން ވެސް އާސަންދަ އޮޑިޓްގައި ވެއެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ ބޭރުގައި ހުއްޓާ މަރުވި މީހަކަށް އާސަންދަ ކުންފުނިން އަދި އެންސްޕާއިން 9,498 ރުފިޔާ އޭނާ މަރުވި ފަހުން އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. މީގެ އިތުުރުން ވެސް ފައިސާގެ އެހީ ދިނުމުގައި ފާހަގަ ކުރެވިފައިވާ ބައެއް އިތުރު ކަންކަން ވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.