ފިނިޕޭޖް

މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ވެބް ސީރީޒެއް ހަދަނީ

ކުރީގެ މަޝްހޫރު ބަތަލާ މީނާ ކުމާރީގެ ބައޮޕިކް އަށް ވެބް ސީރީޒް އެއް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ. ލިޔުންތެރިޔާ އަޝްވިނީ ބަތްނާގަރް ލިޔެފައިވާ މީނާ ކުމާރީގެ ބައޮގްރަފީ "މާހްޖަބީން އޭޒް މީނާ ކުމާރީ" ޕްރޮޑިއުސް ކުރަނީ ޕްރަބްލީން ކޯރް އެވެ. މި ސީރީޒްގައި މީނާ ކުމާރީގެ ރޯލު އަދާ ކުރާނެ ބަތަލާ އަކާއި އަދި އެހެނިހެން ކެރެކްޓާތައް ކުޅޭނެ އެކްޓަރުން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

މި ސީރީޒް ތައްޔާރުކުރާ ފަރާތުން ގަސްތުކުރަނީ ވެބް ސީރީޒް އަށް ފަހު މި ބައޮޕިކް އަށް ފިލްމެއް ވެސް އުފެއްދުމަށެވެ.

"މީނާ ކުމާރީ ކަހަލަ ރީތި އަދި އެހާމެ ވަރުގަދަ ޝަހްސިއްޔަތެއްގެ ހަޔާތުގެ ވާހަކަ ގެނެސްދިނުމުގެ ފުރުސަތު ލިބުމަކީ ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް. އެހެންވެ ހުވަފެން ހަގީގަތަކަށް ވާތީ ވަރަށް އުފާވޭ،" ކޯރު ބުންޏެވެ.

"ޓްރެޖެޑީ ކުއީން" ގެ ނަމުން މަޝްހޫރުވެފައިވާ މީނާ ކުމާރީ ވަނީ ވަރަށް ރީތި ގިނަ ފިލްމުތަކެއް ހިންދީ ސިނަމާއަށް ހަދިޔާ ކޮށްފަ އެވެ. އޭގެ ތެރޭގައި "ސާހިބް ބީބީ އައުރް ގުލާމް"، "ޕާކީޒާ"، "މޭރޭ އަޕްނޭ"، "ބައިޖޫ ބަވްރާ"، "ދިލް އަޕްނާ އައުރް ޕްރީތު ޕަރާއީ"، "ދިލް އޭކް މަންދިރް" އަދި "ކާޖަލް" ހިމެނެ އެވެ.

ބައޮޕިކް ލިޔުނު ލިޔުންތެރިޔާ އަޝްވިނީ ބުނި ގޮތުގައި ޕްރަބްލީން ކޯރް ފަދަ ގާބިލް މީހެއްގެ ޕްރޮޑަކްޝަން ހައުސް އަކާ ގުޅިގެން މި ބައޮޕިކް ވެބް ސީރީޒް އަކަށް ހެދުމުގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.

އަޝްވިނީގެ ފޮތަކީ މިހާތަނަށް މީނާ ކުމާރީގެ ހަޔާތާ ގުޅޭ ގޮތުން ލިޔުނު އެންމެ ސައްހަ މައުލޫމާތު ހިމެނޭ ފޮތް ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ. އުމުރުން 39 އަހަރުގައި މީނާ ކުމާރީ މަރުވީ 1972 ގެ މާޗް 31 ގައެވެ. އޭނާގެ ކުރު ހަޔާތުގެ 33 އަހަރު ހިންދީ ސިނަމާގެ ޚިދުމަތުގައި ހޭދަކޮށްފައި ވެއެވެ.

މީނާ ކުމާރީގެ ވެބް ސީރީޒްގައި އޭނާގެ ކެރިއަރުގައި ދިމާވި މުހިއްމު ކަންތައްތަކާއި އޭނާ އާ ބެހޭ ގޮތުން ފެތުރުނު ތަފާތު އަޑުތަކުގެ ހަގީގަތް ހާމަ ކުރާނެ އެވެ.