ފިނިޕޭޖް

އާއިލާ އެދުނުގޮތަށް ސުޝާންތުގެ މަރުގެ ތަހުގީގު ސީބީއައިއަށް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާ ހަވާލު ކޮށްދިނުމަށް އެދި އޭނާގެ އާއިލާއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ އާއިލާ އެދުނު ގޮތަށެވެ. އަދި މިހާރު ސީބީއައި އިން ވަނީ މައްސަލަ ތަހުގީގު ކުރުމަށް ވަރަށް ބޮޑު ޓީމެއް ނަގައި އެ ޓީމުގެ މެމްބަރުން މިހާރު ދަނީ އެކި ތަންތަނުގައި ހަރަކާތްތެރިވަމުންނެވެ.

ސުޝާންތު މަރުވެގެން ގެންދިޔަ ހޮސްޕިޓަލުގެ އެހީތެރިކަމަށް ވެސް ސީބީއައި އިން ވަނީ އެދިފަ އެވެ. އެގޮތުން އެއިމްސްގެ ފޮރެންސިކް ޓީމުގެ ހަތަރު މެމްބަރަކު މިހާރު ދަނީ ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓު ދިރާސާ ކުރަމުންނެވެ. ޑރ. ސުދީރް ގުޕްތާ އިސްކޮށް ހުންނަވާ މި ޓީމުން އޮޓޮޕްސީ އަދި ވިސްކާރާ ރިޕޯޓު ދިރާސާ ކުރުމަށްފަހު ކުރިޔަށް އޮތް ދުވަސްތަކުގައި ރިޕޯޓެއް ތައްޔާރުކުރަން ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި އޮއްވާ ފެނިފައިވަނީ މުމްބައިގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ގައެވެ. މުމްބައި ފުލުހުން މި މަރު ތަހުގީގުކުރުމަށްފަހު ބުނެފައިވަނީ ސުޝާންތު މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް ސުޝާންތުގެ އާއިލާ އާއި އޭނާ ދަންނަ ގިނަ އެކުވެރިން މި ވާހަކަ ގަބޫލެއް ނުކުރެ އެވެ.

ސުޝާންތުގެ އާއިލާއިން ތުހުމަތުގެ އިނގިލި ދިއްކުރަނީ އޭނާ މަރުވިއިރު ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީ އަށެވެ. ސުޝާންތު މަރުވީ އަމިއްލައަށް ނޫން ކަމަށާއި ބަޔަކު ގަސްތުގައި އޭނާ މަރާލީ ކަމަށް އާއިލާ އާއި އެނޫންވެސް ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ މި މައްސަލަ ސީބީއައި އިން ތަހުގީގު ކުރުމަށް ސުޕްރީމް ކޯޓުން ވެސް އަމުރު ނެރުނީ އެވެ.

ސީބީއައި އިން މައްސަލަ އާ ހަވާލުވުމަށް ފަހު މުމްބާއި ފުލުހުން މި ތަހުގީގަށް ހޯދާފައިވާ ހެކިތައް ވެސް ހަވާލު ކުރަން ވަނީ އަންގާފަ އެވެ.

"ވަކިފަރާތަކަށް ނުޖެހި، ހުރިހާ މީހުންނަށް ވެސް ހަމަކަމާއި އިންސާފު ލިބިދޭ ފަދަ ގޮތަކަށް މައްސަލަ ތަހުގީގު ކުރުމަކީ މިވަގުތަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި މީހުން ދައްކާ ތަފާތު ވާޙަކަތަކަށް ނިމުމެއް އައިސް ކަން ހިނގައިދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އޭރުން ކަމަށް" ސުޕްރީމް ކޯޓުން ސީބީއައިގެ މައްޗަށް ކުރި އަމުރުގައި ބުނެފައި ވެއެވެ.

އިންވެސްޓިގޭޝަން އެޖެންސީގެ ޓީމުތައް ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ސުޝާންތުގެ މުމްބައި އެޕާޓްމަންޓަށް ގޮސް އޭނާގެ ކައްކާ އާއި އެނޫންވެސް އެ ހާދިސާ އެންމެ ގާތުން ދުށް ގިނަ ބަޔަކާ ވަނީ ސުވާލު ކޮށްފަ އެވެ. އަދި ކުރިޔަށް އޮތް ހަފުތާގައި ރިއާ އާއި އޭނާގެ އާއިލާގެ މެމްބަރުންނާ ވެސް ސުވާލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.