ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މާލޭގެ ގެއަކުން 256 ބަނގުރާ ފުޅި އަތުލައި ބަނގުލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ދެ ގެއަކުން މަސްތުވާތަކެއްޗާއި ބަނގުރާފުޅިތަކެއް އަތުލާފައި ވެއެވެ.
ފުލުހުން މިއަދު ބުނީ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައި ފާސް ކުރިއިރު 256 ފުޅި ބަނގުރާ ފެނިފައި ވާ ކަމަށެވެ. އަދި، އެ މައްސަލައާ ގުޅިގެން ބަނގުލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ޖެހިގެން އައި ދުވަހު މާލޭގެ ރެސްޓޯރަންޓެއްގައި ތިބި ދެމީހަކު ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނުނެވެ. އެތަނުން ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނެވެ.
އަދި، 20 ވަނަ ދުވަހު ގަލޮޅު ގެއަކުން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 45 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް އަތުލި އެވެ. އެ މައްސަލާގައި ހައްޔަރުކުރީި ވެސް ދިވެހި ދެ ފިރިހެނުންނެވެ. ހަމަ އެ ދުވަހު، ބޮޑުތަކުރުފާނު މަގުން ދެ ނަމްބަރު ކުނިކޮށްޓާދިމާ ތޮށިމަތިން ވެސް ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސް ކުރި އެވެ. އެމީހާގެ އަތުން މަސްތުވާތަކެތި ފެނިފައި ވެއެވެ.