ފިނިޕޭޖް

ޕަރުވީންގެ ބައޮގްރަފީގައި މަހޭޝް ބަޓްގެ ލޯބީގެ ވާހަކަތައް

ޑައިރެކްޓަރު މަހޭޝް ބަޓް އާއި ބަތަލާ ޕަރްވީން ބާބީގެ ލޯބީގެ ވާހަކައަކީ އެ ޒަމާނުއްސުރެ ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ގަދަޔަށް ދެކެވެމުން ގޮސްފައިވާ ވާހަކަ އެކެވެ. އަދި މިހާރުވެސް ބައެއް މީހުން މި ވާހަކަ ދައްކާ އުޅެ އެވެ.

ލިޔުންތެރިޔާ ކަރިޝްމާ އުޕަދްޔޭ ލިޔެފައިވާ ޕަރްވީން ބާބީގެ ހަޔާތުގެ ވާހަކަ ނުވަތަ ބައޮގްރަފީއެއް މިހާރު ވަނީ ނެރެން ތައްޔާރުވެފަ އެވެ. މި ބައޮގްރަފީގައި މަހޭޝް ބަޓް ވަރަށް ތަފްސީލުކޮށް އޭނާ އާއި ޕަރްވީން ލޯބީގެ ގޮތުން ގުޅުނު ގޮތާއި އޭގެ ކުރިން ޕަރްވީން އާއި ކަބީރް ބޭދީގެ މެދުގައި އޮތް ލޯބީގެ ވާހަކަތައް އަދި ޕަރްވީންގެ ނަފްސާނީ މައްސަލަތަކުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ.

އިންޑިޔާގެ ނޫހެއްގައި މިހާރުވަނީ މި ބައޮގްރަފީގެ ބައެއް ސަފުހާތަކުގައިވާ ބައެއް މައުލޫމާތުތައް ހާމަ ކޮށްފަ އެވެ. އެގޮތުން ޕަރްވީން އާ ބެހޭ ގޮތުން ބަޓް ކިޔައިދީފައިވާ ވާހަކަތައް ހިމެނެ އެވެ. ބަޓް ބުނެފައިވާ ގޮތުގައި އެންމެ ކުރިން ޕަރްވީން އަކީ އޭނާގެ އެކުވެރިޔާ ކަބީރް ބޭދީގެ ލޯބިވެރިޔާ އެވެ. ނަމަވެސް ފަހުން މައްސަލަތަކެއް ޖެހި އެ ދެ މީހުން ވަކިވީ އެވެ.

ޕަރްވީންގެ ކެރިއަރު އަޑިއަޅަން ފެށުމުން އެކަން ރަނގަޅުކުރަން އޭނާ މަހޭޝް ބަޓަށް ގުޅި ކަމަށް ވެއެވެ. އޭރު މަހޭޝް ބަޓަކީ ވިހީގެ އަހަރުތައް ގުނަމުންދިޔަ ޒުވާނެކެވެ. ކައިވެނި ކޮށްގެން ދަރިއަކު (ޕޫޖާ ބަޓް) ހުއްޓެވެ. ނަމަވެސް ޕަރްވީންގެ ޖާދޫގައި އޭނާއަށް ނުޖެހި ސަލާމަތް ނުވެވުނު ކަމަށް މަހޭޝް ބަޓް ބުނެފައި ވެއެވެ.

ޕަރްވީން އާއި މަހޭޝް ބަޓްގެ ބައްދަލުވުންތައް އިތުރުވެ ދެ މީހުންގެ ގުޅުން ބަދަހިވެ ގާތްކަން ބޮޑުވެގެން ގޮސް ދެ ލޯބިވެރިންނަށް ވީއިރުވެސް ހިތުގެ އެއް ކަނެއްގައި އަބަދުވެސް އޭނާގެ އަންހެނުންނާއި ދަރިފުޅު، ޕޫޖާ ބަޓް ގޭގައި އޭނާގެ އިންތިޒާރުގައި ތިބި ހަނދާން އޮންނަ ކަމަށް މި ބައޮގްރަފީގައި މަހޭޝް ބަޓް ބުނެފައި ވެއެވެ.

"އަހަރެންނަށް ލޯބީގެ ޖާދޫގައި ޖެހެވިފައި ވިޔަސް އާއިލާގެ މަތިން ހަނދާން ވުމުން ދެރަވޭ،" މަހޭޝް ބުނެފައި ވެއެވެ. "އަހަރެން ޕަރްވީން ކައިރިން ދާން ނުކުންނައިރު އޭނާ އެނދުގައި އަހަރެންގެ އިންތިޒާރުގައި އޮތްކަން އެނގޭ. އޭނާ އަހަރެންނަށް ވަދާއު ކިޔަން ދޮރު ކައިރިއަކަށް ވެސް ނުނުކުމޭ. މުޅި ތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަން. މާ ގިނަ ވާހަކަތަކެއް ދެއްކުމުގެ މާނައެއް ވެސް އޭރަކު ނެތް،" ޕަރްވީންގެ ބައޮގްރަފީގައި މަހޭޝް ކިޔައިދިން ކަމަށް ލިޔެފައި ވެއެވެ.

ޕަރްވީންގެ ސިކުނޑި ގޯސްވަމުންދާކަން މަހޭޝް އަށް އެނގި ތަޖުރިބާ ކުރެވުނު ދުވަހުގެ ވާހަކަ ވެސް އޭނާ މި ފޮތުގައި ކިޔައިދީފައި ވެއެވެ.

"ޕަރްވީން އިނީ ކޮޓަރީއެއް އެއް ކަނެއްގައި ކުރުގެޅިގެން. ބަދިގޭގައި ގެންގުޅޭ ވަޅިއެއް އަތުގައި އޮތް. އަމީތާބު ބައްޗަން އޭނާ މަރާލަން އުޅޭކަމަށް ޕަރްވީން އަށް ހީވި. އޭނާގެ ބޮލަށް ޗާންދަލިއާ އެއް ވައްޓާލައިގެން މަރާލަން ބަޔަކު އުޅޭ ކަމަށް ޕަރްވީން އަށް ހީވި،" މަހޭޝް ބަޓް ކިޔައިދީފައި ވެއެވެ.

ފަހުން ޕެރަނޮއިޑް ޝިޒޮފްރޭނިއާ ކިޔާ ސިކުނޑީގެ ބައްޔެއް ޕަރްވީން އަށް ޖެހިފައިވާކަން ޑޮކްޓަރުންނަށް ޔަގީންވި އެވެ. މި ބަލީގައި ވަރަށް ގިނަ ދުވަސްތަކަކު އުޅުމަށްފަހު ޕަރްވީން މަރުވެފައި އޮއްވާ ފެނުނީ 2005 ގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ. އޭނާ މަރުވެގެން ވެއްޓިފައި އޮތީ ދިރިއުޅުނު ގޭގެ ޓެރަސް މަތީގަ އެވެ. މަރުވީ އެތެރެހަށީގެ ގުނަވަންތައް ފެއިލްވެގެން ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.