އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާއެކު އިންޑިޔާ އަށް ވަރަށް ބޮޑު ޝޮކެއް ލިބުނެވެ. ގަދަޔަށް ފިޔަޖަހަމުންދިޔަ ތަރިއެއް ކުއްލިއަކަށް ގެއްލުމުން ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން ވެސް ދަތިވި އެވެ. ޚާއްސަކޮށް ސުޝާންތުގެ މަރާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު އިވޭ ތަފާތު އަޑުތަކުގެ ސަބަބުން ގިނަ ބަޔެއްގެ ހިތުގައި ސުޝާންތުގެ ހަނދާންތައް އަބަދު އާލާވޭވޭ ހުރެ އެވެ.
ސުޝާންތުގެ މަރުގެ ތަހުގީގު މިހާރު އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރިޔަށް ގެންދާއިރު ކޮންމެ ދުވަހަކުވެސް މި ކަމާ ގުޅޭ މުޅިން އާ ވާހަކަތަކެއް އިވެމުން ދެއެވެ. އަދި އޭނާ މަރުގެ ހަގީގަތް އެކި ދުވަހު އެކި ގޮތަށް ގަބޫލު ކުރެވޭތަން އާދެ އެވެ.
ހޮނިހިރު ދުވަހު އިންޑިޔާގެ ނިއުސް ޗެނަލަކުން ވަނީ ސުޝާންތު ދިރިއުޅުނު ބިލްޑީންގްގައި ދިރިއުޅޭ އޭނާގެ އަވަށްޓެރިޔަކާ ވާހަކަ ދައްކާފަ އެވެ. އެމީހާ ވަނީ ސުޝާންތު މަރުވި ދުވަހުގެ ކުރީ ރޭގެ (ޖޫން 13 ވަނަ ދުވަހުގެ ރޭ) އޭނާއަށް ފެނުނު މަންޒަރުތަކެއް ކިޔައިދީފަ އެވެ.
"ސުޝާންތުގެ ފްލެޓްގެ ހުރިހާ ބޮކިތަކެއް ރޭގަނޑު 10.30 އާއި 10.45 އާ ދެމެދުގެ ވަގުތެއްގައި ނިއްވާލި ގޮތަށް އެ ބޮކިތަކެއް އެރެއަކު ނުދިއްލާ. ދިއްލާފައި ހުރީ ހަމައެކަނި ބަދިގޭ ބޮކި އެކަނި. އެއީ މީގެ ކުރިން ދުވަހަކުވެސް ވީ ކަމެއް ނޫން. ދުވަހަކުވެސް އެ ފްލެޓްގެ ބޮކިތަކެއް އޭގެ ކުރިން ނިއްވާފަ ހުއްޓަކާ ނުދެކެން. ސުޝާންތު އާއްމުކޮށް ފަތިހު 4.00 ހާއިރު ވަންދެން ހޭލާ އުޅޭނެ. އާއްމުކޮށް އެއްގޮތަކަށްވެސް އެ ފްލެޓްގެ ބޮކިތަކެއް ނުނިވާ. ނަމަވެސް އެރޭ ހުރީ ހުރިހާ ބޮކި ނިވާފަ. މުޅި ތަން އަނދިރިކޮށްފަ،" ސުޝާންތުގެ އަވަށްޓެރިޔާ ބުނެފައި ވެއެވެ.
އޭނާ ޝައްކު ކުރާ ގޮތުގައި އެރޭ ކޮންމެވެސް ކަހަލަ ކަންތައްތަކެއް އެ ފްލެޓް ތެރޭގައި ވަނީ ހިނގާފަ އެވެ.
މި މީހާގެ ބަޔާނަކީ ކުރިން އިވިފައިވާ ވާހަކަތަކާ މުޅިން ޚިލާފު ބަޔާނެކެވެ. މީގެ ކުރިން އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ސުޝާންތު މަރުވި ދުވަހުގެ ކުރީ ރޭ ސުޝާންތު އޭނާގެ އެކުވެރިންތަކަކަށް ގުޅައިގެން ގެނެސް އެމީހުންނާއެކު ވަރަށް ގިނަ ވަގުތު ހޭދަ ކުރި އެވެ.
ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓުވެސް ސައްހަ ނޫންކަމުގެ ޚަބަރުތަކެއް ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. އޮޓޮޕްސީ ރިޕޯޓު ތައްޔާރުކުރި ފަސް ޑޮކްޓަރަކާ މިހާތަނަށް ސީބީއައި އިން ސުވާލު ކޮށްފައިވާއިރު އެ ޑޮކްޓަރުންނަށް ވެސް މާ ބޮޑަކަށް އެ ރިޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ދޭކަށް ނޭނގުނެވެ. އެމީހުން ބުނެފައިވަނީ މުމްބައި ފުލުހުން މާ އަވަސް އަރުވާލައިގެން އެމީހުން ލައްވާ ރިޕޯޓު ތައްޔާރު ކުރުވުމުގެ ސަބަބުން އެކަށީގެންވާ ގޮތަކަށް ރިޕޯޓު ފުރިހަމަކުރާނެ ވަގުތު ނުލިބުނު ކަމަށެވެ.
ސުޝާންތުގެ އާއިލާ އާއި އެކުވެރިން ގަބޫލުކުރާ ގޮތުގައި ސުޝާންތަކީ އަމިއްލައަށް މަރުވުމާ ވަރަށް ދެކޮޅު އަދި އެފަދަ ކަމެއް ކުރާ ވަރަށް ވުރެ މާ ސިކުނޑި ވަރުގަދަ މީހެކެވެ. އެމީހުން ޝައްކުކުރަނީ ބަޔަކު ރާވައިގެން ސުޝާންތު މަރާލާފައި އަމިއްލައަށް މަރުވި ގޮތް ދައްކާފައި ވަނީ ކަމަށެވެ.