ބޮލީވުޑް

"ސޫރިޔަވަންޝީ" އާއި "83" ޑިޖިޓަލްކޮށް ރިލީޒް ކޮށްފާނެ

އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންގްގެ "83" އަކީ މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އެންމެ ރަނގަޅުވާނެކަމުގެ އުންމީދު ބޮޑު ފިލްމުތަކުގެ ތެރެއިން ދެ ފިލްމެވެ. މި ދެ ފިލްމު ކުރިން ރިލިޒްކުރަން ހަމަޖެހިފައި އޮތީ މިއަހަރު ކުރީކޮޅު އެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން އަދިވެސް ފިލްމުތައް ރިލީޒްކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި އަހަރުގެ ކުރިޔަށް އޮތް ތާނގައި ވެސް ސިނަމާތައް ހުޅުވައި ފިލްމުތައް އެޅުވޭނެކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ.
އެހެންވެ މި ދެ ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ޑިޖިޓަލް ރިލީޒްއަކަށް ދިއުމާ މެދު ދަނީ ވިސްނަމުންނެވެ.

"ސޫރިޔަވަންޝީ" އާއި "83" އަކީ ރިލަޔަންސް އެންޓަޓައިންމަންޓް ގްރޫޕުން ޕްރޮޑިއުސްކޮށްފައިވާ ދެ ފިލްމެވެ. އެ ގްރޫޕްގެ ސީއީއޯ ޝިބާޝިޝް ސަރްކާރް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މި ދެ ފިލްމު ވެސް ރިލީޒްކުރާނީ ސިނަމާތަކުގައި ކަން މާ ކުރިއްސުރެ ވެސް އެމީހުން އޮންނާނީ ހުރިހާ އެންމެންނަށް ވެސް ޔަގީންކަން ދީފަ އެވެ. ނަމަވެސް އިތުރަށް ފިލްމު ރިލީޒްކުރުން ލަސް ކުރެވޭކަށް ވެސް މިހާރަކު ނެތެވެ. އެހެންވެ ކޮރޯނާވައިރަހުގެ މައްސަލަ ގޯސްވެ ސިނަމާތައް ހުޅުވުން އިތުރަށް ފަސް ކުރަން ޖެހޭނަމަ ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރުމަކީ ވެސް މިހާރު ވިސްނަމުންދާ ގޮތެކެވެ.

ނޮވެމްބަރު ނުވަތަ ޑިސެމްބަރު ހާ ހިސާބުގައި އިންޑިޔާގައި ވަރަށް ކުލަގަދަކޮށް ކްރިސްމަސް އާއި ދިވާލީ ފާޙަގަ ކުރާތީ އެ ދުވަސްވަރު ރިލީޒްކޮށްފިނަމަ ފިލްމުތައް ވަރަށް ރަނގަޅަށް ހިނގާނެކަމުގެ ޔަގީންކަން ޕްރޮޑިއުސަރުންނަށް އެބައޮތެވެ. ނަމަވެސް މައްސަލައަކީ އެ ދުވަސްވަރު ވެސް ރިލީޒް ކުރެވިދާނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ.

"ސޫރިޔަވަންޝީ" އަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ އަދި ކެޓުރީނާ ކައިފް ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި އަޖޭގެ ވެސް ކުޑަ ރޯލެއް ހިމެނެ އެވެ. އަނެއްކޮޅުން "83" އަކީ ރަންވީރާއި ދީޕިކާ ލީޑް ރޯލު ކުޅެ، ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ބިނާކޮށްފައިވަނީ 1983ގައި އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުން ވޯލްޑްކަޕް ކާމިޔާބުކުރި ގޮތާއި އެ ކާމިޔާބީ ލިބުނުއިރު ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ހަޔާތުގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ.

ބަލިމަޑުކަމުގެ ސަބަބުން ސިނަމާތައް ބަންދުކޮށްފައި އޮންނަތާ ފަސް ވަރަކަށް މަސް ފާއިތުވެފައިވާއިރު އޯޓީޓީ ޕްލެޓްފޯމްތަކުގެ ތެރެއިން ޒީ5، އެމެޒޯން ޕްރައިމް، ނެޓްފްލިކްސް، ޑިޒްނީ ހޮޓްސްޓާ ފަދަ ޕްލެޓްފޯމްތަކުގައި ގިނަ ފިލްމުތަކެއް ވަނީ މިހާރުވެސް ރިލީޒްކޮށް ވަރަށް ރަނގަޅު ކާމިޔާބުތަކެއް ވެސް ހޯދާފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ލޮކްޑައުންކޮށްފައިވާ މުއްދަތުގައި ޑިޖިޓަލްކޮށް ރިލީޒްކުރި "ދިލް ބޭޗާރާ"، "ގުލާބޯ ސިޓާބޯ"، "ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް"، "ޚުދާ ހާފިޒް" އަށް ބޮޑު ތަރުހީބެއް ލިބިފައިވުމަކީ މިހާރު ރިލީޒްކުރެވޭ ވަރަށް ފުރިހަމަ ކުރެވިފައި ހުރި އިތުރު ފިލްމުތައް ވެސް މި މަގުން ދަތުރުކުރުމަށް ލިބިފައިވާ ހިތްވަރެކެވެ.