ރައްޔިތުންގެ މަޖިލިސް

އެފްއޭއެމްގެ އިންތިހާބާ ގުޅޭގޮތުން އަނެއްކާވެސް މަހުލޫފާ ސުވާލުކުރަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއް) ގެ އާންމު އިންތިހާބާއި ގުޅޭގޮތުން ސުވާލު ކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ކުރައްވާ ސުވާލުތަކަކާއި ގުޅިގެންނެވެ.

މެންބަރު ހުސައިން ޝަމީމް މިނިސްޓަރު މަހުލޫފާއި ކުރައްވަން ހުށައަޅާފައިވާ ސުވާލަކީ ޖުލައި މަހުގެ ދެވަނަ ދުވަހު ބޭއްވި އިންތިހާބު ފަސްކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންނެވިއިރު އެފްއޭއެމުން އިންތިހާބު ބޭއްވީ މިނިސްޓަރުގެ އެންގުމާއި ހިލާފަށް ކަމަށް ގަބޫލުކުރަންވަންތޯ ސާފުކުރުމަށެވެ. އަދި ކުޅިވަރު ގާނޫނުގެ ދަށުން ހެދިފައިވާ ގާނޫނުތަކާއި ހިލާފަށް އަމަލުކުރަމުންދާ ކުޅިވަރު ގައުމީ ޖަމިއްޔާތަކާއި އެއްވެސް ހައިސިއްޔަތަކުން ގުޅުން ބަދަހިކޮށްފައިވާނެތޯވެސް ހުސައިން ވަނީ ސުވާލު ކުރައްވާފައެވެ.

އެފްއޭއެމްގެ އިންތިހާބުގެ މައްސަލާގައި މީގެ ކުރިންވެސް މިނިސްޓަރު މަހުލޫފް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އަދި އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލުވެސް ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

އެފްއޭއެމްގެ އިންތިހާބު ފަސްކޮށް ދިނުމަށް މަހުލޫފް އެދިވަޑައިގެންނެވީ މަޖިލީހުން އެެދިވަޑައިގަތުމުންނެވެ. ނަމަވެސް އެކަން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަހުލޫފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއް) ގެ އާންމު އިންތިހާބު ހުއްޓުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމަށާއި އާޒިމް ކުރުއްވަން އުޅުއްވި ކަންކަމަކީ ވަރަށް "ހަޑި" ކަންކަމަށް ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ.

"ހަތަރު މަސް ކުރިން އެފްއޭއެމްގެ އިލެކްޝަންއަށް އެންގުމުން އެއްވެސް ބޭފުޅަކު ކުރިމަތިނުލައި ހަތަރު މަސް ފަހުން އިލެކްޝަން ބާއްވަން އުޅުމުން މިނިސްޓްރީން ފުލުހުން ފޮނުވައި ކުޅިވަރު އެސޯސިއޭޝަންގެ އިލެކްޝަން ހުއްޓުވަން އުޅުމަކީ ވަރަށް ހަޑި ކަމެއް ކަމަށް،" މަހްލޫފު ވިދާޅުވި އެވެ.

އެފްއޭއެމްގެ އާންމު އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިދިޔަ ދައުރުގައި ވެސް އެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. ދެވަނަ ދައުރަކަށް ބައްސާމް ވަނީ އިންތިހާބުވެފަ އެވެ.