ހަބަރު

އެފްއޭއެމް އިންތިހާބު ބަލައިގަންނަން: މިނިސްޓަރު

Aug 24, 2020

ދާދި ފަހުން ބޭއްވި ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ އާއްމު އިންތިހާބު ބަލައިގަންނަވާ ކަމަށާއި، ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް ވެސް އެ އިންތިހާބު ބަލައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މަހުލޫފް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދުނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެދުމުގެ މަތީން ކަމަށާއި ނަމަވެސް އިންތިހާބެއް ފަސްކުރަން ނުވަތަ ނުބާއްވަން އެންގުމުގެ ބާރެއް މިނިސްޓަރަށް ލިބިގެންނުވާ ކަމަށެވެ.

"ކުރިން ދުވަހު ވެސް އަޅުގަނޑު ފާހަގަކުރިހެން އިންތިހާބު ހުއްޓުވުުމުގެ ބާރެއް އަޅުގަނޑަށް ވެސް އަދި ސްޕޯޓްސް ކޮމިޝަނަރަށް ވެސް ނޯވޭ. މިކަމާ ބެހޭގޮތުން އެންމެ ފަހުން އިއްޔެ ވެސް ސްޕޯޓްސް ކޮމިޝަނަރު އަޅުގަނޑަށް އަންގާފައިވަނީ މައްސަލައެއް ނެތް ކަމަށް،" އެފްއޭއެމް އިންތިހާބާ ގުޅޭގޮތުން މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހާޒިރުކޮށްފައިވާ މަހުލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބުގެ މައްސަލާގައި މީގެ ކުރިންވެސް މިނިސްޓަރު މަހުލޫފް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އަދި އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލުވެސް ވަނީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

އެފްއޭއެމްގެ އިންތިހާބު ފަސްކޮށް ދިނުމަށް މަހުލޫފް އެދިވަޑައިގެންނެވީ މަޖިލީހުން އެެދިވަޑައިގަތުމުންނެވެ. ނަމަވެސް އެކަން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަހުލޫފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

"ޕާސަނަލީ އަޅުގަނޑު އިންތިހާބު ބަލައިގަންނަން. އެކަމަކު ރަސްމީކޮށް އެކަން ލިޔުމުން އަންގާނީ ސްޕޯޓްސް ކޮމިޝަނުން. އަޅުގަނޑަށް ޔަގީންކުރެވެނީ ވަރަށް އަވަހަށް އެކަން ކުރާނެކަން،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބާ ގުޅޭގޮތުން މިހާތަނަށް އެފްއޭއެމްގެ އެއްވެސް މެމްބަރު ކްލަބަކުން ސްޕޯޓްސް މިނިސްޓްރީ އަށް ނޫނީ ސްޕޯޓްސް ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބާ ގުޅޭ މައްސަލަތައް އަބަދުވެސް އަންނަނީ އިންތިހާބު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮންނަ ވަގުތެއްގައި ކަމަށާއި ދުރާލާ އެ ފަދަ ކަންތައްތަކަށް އެ މަގާމުތަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ތައްޔާރުނުވުމަކީ ފަހަކަށް އައިސް އާންމުކޮށް ކުޅިވަރު ތެރޭގައި ދިމާވާ މައްސަލައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.