އެމްއެމްއޭ

އެމްއެމްއޭ ޑެޕިއުޓީ ގަވަރުނަރަކަށް އިމާދުގެ ނަން ފޮނުވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް ބޭފުޅެއްގެ ނަން ފޮނުންވައިފި އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ބ. އޭދަފުށި، ދިޔަވަރުގެ އަހުމަދު އިމާދު ނަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުންވާފައެވެ. މި މައްސަލަ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ.

އަހުމަދު އިމާދު މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރގެ މަގާމުގައެވެ.

އޭނާ ވަނީ މާސްޓާ އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންސް ހާސިލްކޮށްފައެވެ.

ސީއެމްޑީއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައި މިހާރުވެސް މަސައްކަތްކުރައްވާ އިމާދަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

އިމާދު ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރައްވަމުންނެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ޒާހިރާއެވެ.

އެމްއެމްއޭ އުފެދުނީއްސުރެ ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި ޒާހިރާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިވެވަޑައިގެންފައި ވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އެވެ. އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ދެ ދައުރު އެވެ.

ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެކެވެ.