އެމްއެމްއޭ

ބައެއް ކުންފުނިތައް ޕްރައިވެޓައިޒްކުރަން އެމްއެމްއޭން ލަފާ ދީފި

Nov 15, 2021
3

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާ ދީފި އެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު ހިމެނޭ ގޮތަށް އިސްވެރިން ހާޒިރުވެވަޑައިގެން ދެއްވި ޕްރޮފެޝަނަލް އޮޕީނިއަންގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުން އަބަދު ފައިސާ ދީގެން ކުންފުނިތައް ހިންގުމަކީ ދާއިމީ ގޮތެއްގައ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންކަމުން މިހާރަށް ވުރެ ރަނގަޅަށް ހިންގިދާނެ ކުންފުނިތައް ދެނެގަނެ ދައުލަތަށް ފައިދާ ވާނެ ގޮތަކަށް ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ލަފާ ދީފައިވެ އެވެ.

ސަރުކާރަށް ފައިދާ ނުވާ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ކުންފުނިތައް ހިންގުމަކީ މިސަރުކާރުގެ ސިޔާސަތަކެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން ދައުލަތަށް އާމްދަނީ ހޯދުމަށް ސަރުކާރުން އޮތީ ނިންމާފަ އެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އަހަރުގެ މިހާތަނަށް އަދި އެއްވެސް ކުންފުންޏެއްގެ ހިއްސާ ވިއްކާލާފައެއް ނުވެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ވެސް ސަރުކާރު ހިއްސާ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކުމަށް ހިމަނާފައިވެ އެވެ. އެގޮތުން ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން 771 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ވަނީ ސަރުކާރު ހިއްސާ އޮތް ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކާފަ އެވެ. އެގޮތުން ދިރާގުގައި އޮތް ސަރުކާރުގެ މެޖޯރިޓީ ހިއްސާ ވިއްކާލުމަށްފަހު ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ހިއްސާ ވެސް އޭރު ވަނީ ވިއްކާލާފަ އެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވަނީ އިންޑިއާގެ ޖީއެމްއާރަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްލާފަ އެވެ.

ސަރުކާރު 100 ޕަސެންޓް ހިއްސާވާ 10 ކުންފުންޏަކާއި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮތް ކުންފުންޏެއް ހިމެނޭ ގޮތަށް 11 ކުންފުންޏެއް އުވާލުމުގެ މަަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓް ފޮތުގައިވާ ގޮތުން ސަރުކާރު ހިއްސާ އޮތް 19 ކުންފުންޏެއް މިހާރު ވެސް އުވާލާފައިވާއިރު އަންނަ އަހަރު 11 ކުންފުންޏެއް އުވާލާނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ މަޝްވަރާގެ މަތިންނެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުނިތައް

  • މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)
  • ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް
  • ވިލިނގިލި އިންވެސްްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
  • ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  • ގަން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  • ފެލިވަރު ފިޝަރީޒް މޯލްޑިވްސް
  • ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
  • ކުޅުދުއްފުށި ޕޯޓް ލިމިޓެޑް
  • ހިތަދޫ ޕޯޓް ލިމިޓެޑް
  • ހަޒާނާ މޯލްޑިވްސް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 36.9 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 34.03 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.