ސަރުކާރުގެ އަންދާޒާއަކީ މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިއްވެވި އެމަނިކުފާނުގެ ހަތަރުވަނަ ރިޔާސީ ބަޔާނުގައެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ތަފާސް ހިސާބު އެކުލަވާލަން ފެށިފަހުން ފެންނަ އެންމެ ބޮޑު އަދި ކުއްލި އަޑި ގުޑަން ރެކޯޑް ކުރެވިފައި ވަނީ 2020 ވަނަ އަހަރު ކަމަށެވެ. އެގޮތުން އޭގެ ކުރީ އަހަރާ އަޅާބަލާ އިރު އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތަ ދަށަށްދިޔަކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އަދި އަވަސް ހަރުދަނާ ފިޔަވަޅު ތަކެއް ނޭޅުނު ނަމަ އާންމު ދިވެހި ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ހާލަތަކަށް ރާއްޖެ ދިޔައީސް ކަމަށް ވިދާޅުވިއެވެ. ސަރުކާރުން އެޅި ފިޔަވަޅުތަކާ އޭގެ ހެޔޮ ނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް ފެންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމިގެން ދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެ ވެސް މަތިން ހާސިލްކުރެވިގެން ކަމަށެވެ.
"... 2021 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިންނަށް. ނަމަވެސް، އެއަހަރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާތަރްކުރި،"
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 އިންސައްތަ އާ 38.5 އިންސައްތައާ ދެމެދުގާ ކަމަށް ބެލެވޭ ކަމަށާ މިއީ ވޯލްޑް ބޭންކާ އައިއެމްއެފް ފަދަ ބައިނަލް އަގްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއް ކަމަށެވެ. އަދި އައިއެމްއެފް އިން ލަފާކުރާ ގޮތުން މި އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެ ކަމަށް ބެލެވޭ މުޅި ދުނިޔޭގެ ފަސް އިގްތިސާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުގެ އަންދާޒާ އަކީ މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން. އަދި މިއަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން،" އައު އަހަރުގެ އަމާޒާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.