ފިނިޕޭޖް

ސުޝާންތުގެ ފްލެޓްމޭޓްގެ ވާހަކަތައް އެކި ގޮތަށް!

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ އިންޑިޔާގެ ސީބީއައި އާ ހަވާލު ވުމަށް ފަހު ސީބީއައި އިން ވަނީ ޓީމު އެކި ބައިބަޔަށް ބަހާލައި އެކި ތަންތަނަށް ތަހުގީގަށް ފޮނުވާފަ އެވެ. އެގޮތުން ސުޝާންތު މަރުވެފައި އޮތް އެޕާޓްމަންޓަށް ދިޔަ ޓީމުން ވަނީ އެ ދުވަހުގެ ހާދިސާ ހިނގި ގޮތް އެ ހާދިސާ ހިނގިއިރު ފްލެޓްގައި ތިބި މީހުން ލައްވާ ކުޅުވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ނޫސްތަކުން ބުނެފައި ވަނީ ސުޝާންތު މަރުވިއިރު ފްލެޓްގައި ތިބި އޭނާއާއެކު ފްލެޓް ޝެއާ ކުރާ ސިދާރްތު ޕަތާނީ އާއި ކައްކާ މީހާގެ ވާހަކަތައް ދެ ފަހަރު ދެގޮތަށް ދައްކާފައިވާކަން ސީބީއައިއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޖޫން 13 އަދި ޖޫން 14 ވަނަ ދުވަހު ސުޝާންތުގެ ފްލެޓުގައި ހިނގާ ދިޔަ ކަންތައްތަކާ ސުވާލު ކުރުމުން ސިދާރްތު އެކި ފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށް ކަމަށާއި އެހެން ވީމާ ތިން ވަނަ ފަހަރަށް އޭނާއާ ސުވާލު ކުރަން ސީބީއައި އިން ނިންމާފައިވާ ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

މި ޚަބަރާއެކު ސިދާރްތު ހައްޔަރު ކޮށްގެން ރަނގަޅަށް އޭނާ އާ ސުވާލު ކުރުމަށް ގިނަ ބަޔަކު މިހާރު ސޯޝަލް މީޑިއާގައި ދަނީ ގޮވަމުންނެވެ. އަދި ސުޝާންތުގެ މަރުގެ ހަގީގަތް ސިދާރްތު އަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ސުޝާންތުގެ މަރާ ގުޅިގެން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހަ މީހަކާ ދެކޮޅަށް ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރް) ރަޖިސްޓްރީ ކޮށްފައި ވެއެވެ. އެއީ ސުޝާންތު މަރުވިއިރު ރައްޓެހި ވެގެން އުޅުނު ރިއާ ޗަކްރަބަތީ އާއި ރިއާގެ ބޭބެ ޝޯވިކް، ބައްޕަ އިންދަރްޖީތު، މަންމަ ސަންދިޔާ، ހައުސް މެނޭޖަރު ސެމިއުލް މިރަންޑާ އަދި ޝްރޫތީ މޯދީ އެވެ.

މި ހަ މީހުންގެ މައްޗަށް ކޮށްފައިވަނީ އެއް ކަހަލަ ތުހުމަތުތަކެކެވެ. އަމިއްލައަށް މަރުވާން މަޖްބޫރުވާ ފަދަ ހާލަތެއް ކުރިމަތި ކުރުވުމާއި، ޖިނާއީ ސިއްރު ރޭވުންތަކެއް ރޭވުމާއި، ވައްކަން ކުރުމާއި، މަކަރާއި ހީލަތް، ބިރުދެއްކުން ފަދަ ތުހުމަތު ތަކެކެވެ.

ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓުގައި އޭނާ މަރުވި ގަޑި ޖަހާފައި ނުވުމަކީ ވެސް ސީބީއައިގެ ޝައްކު އިތުރުވާ އެއް ސަބަބަކަށް ވަނީ ވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ ރިޕޯޓު ތައްޔާރުކުރި ޑޮކްޓަރުން ބުނެފައިވަނީ މުމްބާއި ފުލުހުން މާ އަވަސް އަރުވާލައިގެން އެމީހުން ލައްވާ ރިޕޯޓު ތައްޔާރު ކުރުވީމަ ގަޑި ޖަހަން ހަނދާން ނެތުނީ ކަމަށެވެ. ސުޝާންތު މަރުވެފައި ހުއްޓާ ފެނިފައި ވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.