ތާޕްސީ ޕަންނޫ

"ރަޝްމީ ރޮކެޓް"ގެ ޝޫޓިން ނޮވެމްބަރުގައި

ތާޕްސީ ޕަންނޫ އަކީ ބޮލީވުޑްގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކުޅަދާނަ އެއް ބަތަލާ އެވެ. އުމުރުން ހަގަސް އަދި ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ ވީ ދުވަސްކޮޅު މަދަސް މި މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ތާޕްސީ ވަނީ ތަފާތު މޮޅު ރޯލުތައް ކުޅެގެން އޭނާގެ ހުނަރުވެރިކަން ސާބިތު ކޮށްދީފަ އެވެ.

ތާޕްސީ ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވާ ޕްރޮޖެކްޓަކީ "ރަޝްމީ ރޮކެޓް" އެވެ. މި ފިލްމުގައި އަނެއްކާ ވެސް ތާޕްސީ ފެންނާނީ ވަރަށް ތަފާތު މޮޅު ރޯލަކުންނެވެ.

އާދިއްތަ ދުވަހު ތާޕްސީ އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ މެސެޖެއްގައި އޭނާ ލޮކްޑައުން އަށް ފަހު އެންމެ އަވަހަށް ފަށާނީ "ރަޝްމީ ރޮކެޓް" ކަމަށް ބުނެފައި ވެއެވެ. އަދި ނޮވެމްބަރު މަހު އެ ފިލްމުގެ ޝޫޓިންގަށް އޭނާ ދާން ގަސްތުކުރާ ކަމަށް ވެސް މި މެސެޖުގައި ބުނެފައި ވެއެވެ.

އާކާޝް ކުރާނާ ޑައިރެކްޓްކުރާ "ރަޝްމީ ރޮކެޓް"ގައި އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ވިކީ ކާޑިއަން އަދި ޕްރިޔަންޝޫ ޕައިންޔޫލީ އެވެ.

"ރަޝްމީ ރޮކެޓް" އަކި ގުޖްރާތުގައި ދިރިއުޅޭ ވަރަށް ބާރަށް ދުވާ އަންހެންކުއްޖެއްގެ ވާހަކަ އެވެ. އޭނާ ދުވާލެއް ބާރުކަމުން އޭނާގެ އަވަށުގެ މީހުން މި އަންހެންކުއްޖާއަށް ވަނަމަކަށް "ރަޝްމީ ރޮކެޓް" ކިޔަނީ އެވެ.