ބޮލީވުޑް

އޭ ކެޓަގަރީ އެކްޓަރުން ތާޕްސީ ދެކެ ބިރު ގަނޭ!

ތާޕްސީ ޕަންނޫގެ ފިލްމީ ކެރިއަރުގައި ވަރަށް މޮޅު އަދި ތަފާތު ރޯލުތައް ކުޅެފައި ވެއެވެ. އެއް ފިލްމެއްގައި އޭނާ ސައިންޓިސްޓެއްގެ ރޯލު ކުޅެފައިވާއިރު އަނެއް ފިލްމެއްގައި ހޮކީ ކުޅުންތެރިޔެއްގެ ރޯލު ހަމަ އެހާމެ މޮޅަށް ކުޅެލާފައި ވެއެވެ. އަދި ޝާޕްޝޫޓާ އެއްގެ ރޯލު ވެސް ކުޅުނެވެ.

"ޕިންކް" ގެ ބަތަލާ ބުނާ ގޮތުގައި އޭނާއާއެކު ފިލްމު ކުޅެން ބޮލީވުޑްގެ އޭ-ލިސްޓް އެކްޓަރުންގެ ދަރަޖަ ހޯދަފައިވާ މަޝްހޫރު އެއްވެސް އެކްޓަރަކު ބޭނުމެއް ނުވެ އެވެ. އަދި އާ އެކްޓަރުން ވެސް އޭނާގެ ފިލްމުތަކުގައި ބައިވެރިވާން ފަސް ޖެހޭ ކަމަށް ތާޕްސީ ބުންޏެވެ.

ދާދި ފަހުން އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ތާޕްސީ ކިޔައިދިން ގޮތުގައި އޭނާއާއެކު ފިލްމު ކުޅެން ބޮޑެތި އެކްޓަރުން ޖެހިލުން ވަނީ ކޮންމެ ކަހަލަ ފިލްމެއް އޭނާ ނުކުޅޭތީ އެވެ. ތާޕްސީ ގިނައިން ކުޅެފައި ވަނީ އަންހެނުންނާ ގުޅޭ ޓޮޕިކްތަކަށް ލިޔެފައި ހުންނަ ބަތަލާގެ ބައި މާ ވަރުގަދަ ފިލްމުތަކެވެ. ބަތަލުގެ ފަހަތުން ލަވަކިޔަމުން ދުވާ ކަހަލަ ރޯލުތައް ތާޕްސީ ގަބޫލު ކޮށްފައި ވަނީ މަދު ފަހަރަކު އެވެ.

"އެއް އެކްޓަރަކު އަހަރެން ޑަބަލް ރޯލު ކުޅުނު ފިލްމެއްގައި ބައިވެރިވާން ދެކޮޅު ހެދީ އެއް ތާޕްސީ ހިފަހައްޓަން އުނދަގޫއިރު ދެ ތާޕްސީ ހިފަހައްޓާލާނީ ކިހިނެއްހޭ ކިޔާފަ. އެހެން އެކްޓަރަކު ބުނި ކަމަށް ވަނީ މޮޅު ބަތަލާއިން އުޅޭ ފިލްމުތަކުގައި ހުރިހާ ހަމްދަރުދީއެއް ހޯދާނީ އެމީހުންނޭ ކިޔާފަ،" ތާޕްސީ ބުންޏެވެ.

ތާޕްސީ ބުނި ގޮތުގައި ޕްރޮޑިއުސަރަކާއެކު ފިލްމެއް ކުޅެން ސޮއިކުރަން އިށީންނަ ކޮންމެ ފަހަރަކު އެ ފިލްމެއްގެ ބަތަލަކަށް ޚިޔާރު ކުރަން މިހާރު ފިލްމު ކުޅޭ އެންމެ މަޝްހޫރު ފަސް އެކްޓަރެއްގެ ނަން ޝޯޓްލިސްޓް ކޮށްފައި އޮވެ އެވެ. ނަމަވެސް އެ ފިލްމެއްގައި ތާޕްސީ އުޅޭކަން އެނގުމުން އޭގެން އެއްވެސް އެކްޓަރަކު އެ ފިލްމެއްގައި ބައިވެރިވާކަށް ބޭނުމެއް ނުވެ އެވެ.

ތާޕްސީގެ އެންމެ ފަހުގެ ރިލީޒް "ރަޝްމީ ރޮކެޓް" ގައި ވެސް އޭނާގެ ރޯލު ވަރަށް ބާރުގަދަ އެވެ. ހަމަ އެހެންމެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރެއިން "ލޫޕް ލަޕޭޓާ" އާއި "ޝާބާޝް މީތޫ" އަކީ ވެސް އަންހެން ކެރެކްޓާއަށް ޚާއްސަ ކަމެއް ދީފައިވާ ފިލްމު ތަކެކެވެ. މީގެ ތެރެއިން "ޝާބާޝް މީތޫ އަކީ އިންޑިޔާގެ މަޝްހޫރު އަންހެން ކްރިކެޓް ކުޅުންތެރިޔާ މިތާލީ ރާޖްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. އަދި "ވޮ ލަޅްކީ ހޭ ކަހާނ" ކިޔާ ފިލްމެއް ވެސް ތާޕްސީ ސޮއި ކޮށްފައި ވެއެވެ.