ބޮލީވުޑް

ކައިވެނި ކުރަން ނޫޅޭތީ މައިންބަފައިން ކަންބޮޑުވޭ: ތާޕްސީ

ތާޕްސީ ޕަންނޫގެ އެންމެ ފަހުގެ ރިލިޒް "ހަސީން ދިލްރުބާ"އަށް ލިބުނު ކާމިޔާބުން އޭނާގެ ކެރިއަރަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ހަރްޝްވަރްދަން ރާނޭ އާއި ވިކްރާންތު މެސީ އާއެކު އޭނާ ކުޅެފައިވާ ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރުމުން ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ތާޕްސީ އަށް ފިލްމީ ކެރިއަރުގައި ބޮޑެތި ކާމިޔާބުތައް ލިބެމުން ދިޔަޔަސް އޭނާގެ މައިންބަފައިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އޭނާ ކައިވެނި ކުރަން ނޫޅޭތީ އެވެ.

ޑެންމާކްގެ ބެޑްމިންޓަން ކުޅުންތެރިޔާ މިތިއަސް ބޮއެ އާއި ތާޕްސީ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ އަހަރު ތަކެއް ވެއްޖެ އެވެ. ލޯބީގެ ހަޔާތް ސިއްރު ކުރަން ތާޕްސީ ވަރަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާ އާއި މަތިއަސް އެކުގައި ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތައް އަބަދުވެސް ސޯޝަލް މީޑިއާއިން ފެނެ އެވެ.

ތާޕްސީ ބުނި ގޮތުގައި ކިތަންމެ ލޯބިވިޔަސް މައިންބަފައިން ނުރުހޭ މީހަކާ ކައިވެންޏެއް ނުކުރާނެ އެވެ. އަދި ރައްޓެހިވާ އެންމެން ކައިރީ ވެސް ވަރަށް ތެދުވެރިކަމާއެކު މި ވާހަކަ ބުނާ ކަމަށް ތާޕްސީ ބުންޏެވެ. އަދި ސީރިއަސް ނޫން ގޮތަކަށް މީހަކާ ލޯބީގެ ގުޅުމެއް ވެސް ނުބާއްވާނެ ކަމަށް އޭނާ ބުންޏެވެ.

"މަގޭ މައިންބަފައިން މިހާރު އަބަދު އަބަދު ދައްކަނީ ކައިވެނީގެ ވާހަކަ. ކޮންމެ މީހަކާ ވިޔަސް ހެވޭ ކައިވެނި ކޮށްބަލާށޭ ކިޔައިގެން ވަރަށް އުނދަގޫ އެބަކުރޭ. އަހަރެން މިހެން ހުންނަމުން ގޮސް ދުވަހަކުވެސް ކައިވެނި ނުކުރަން ނިންމަފާނެތީ އަސްލު އެމީހުން އެންމެ ބިރު ގަންނަނީ،" ތާޕްސީ ބުންޏެވެ.

ތާޕްސީ ބުނި ގޮތުގައި ކެރިއަރުގައި އަދި އޭނާ ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލެއް ނުވެވެ އެވެ. އެހިސާބަށް ދެވުމުން ކައިވެނިކޮށް ފިލްމުކުޅުން ވެސް މަދުކޮށްލާން އޭނާ ގަސްތުކުރެ އެވެ. މިހާރު އަހަރަކު ފަސް ހަ ފިލްމު ކުޅުނަސް އޭރުން ދެން ކުޅޭނީ އަހަރަކު ދެ ތިން ފިލްމެއް ކަމަށް ވެސް ތާޕްސީ ބުންޏެވެ.

"މައްސަލައަކީ އެހެން މީހަކަށްޓަކައި ހަޔާތުން ވަގުތު ހުސްކުރެވެގެން މި ވަގުތު ނެތުން. އެފަދަ ވަގުތެއް ހުސްވީހާ އަވަހަކަށް ކައިވެނިކުރާނަން،" ތާޕްސީ ބުންޏެވެ.