ބޮލީވުޑް

ތާޕްސީގެ ކެރިއަރުގެ ބިންގާ، އެންމެ ހަތް މިނެޓުގެ ރޯލަކުން

ތާޕްސީ ޕަންނޫ އަކީ ހިންދީ ސިނަމާގައި މިވަގުތު މަސައްކަތް ކުރަމުންދާ އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ތާޕްސީގެ ފުރަތަމަ ފިލްމަކީ މީގެ ހަ އަހަރު ކުރިން ރިލީޒްކުރި "ބޭބީ" އެވެ. އެ ފިލްމަށް ހަ އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ތާޕްސީ ސޯޝަލް މީޑިއާގައި ޝެއާކުރި މެސެޖެއްގައި އޭނާގެ ކެރިއަރުގެ ބިންގާ އެޅުނީ "ބޭބީ" ގައި ކުޅުނު ކުޑަ ކުޑަ ރޯލުން ކަމަށް ބުނެފައި ވެއެވެ.

ތާޕްސީ، 33، ބުނި ގޮތުގައި ފިލްމީ ދުނިޔެއަށް ވަންނަން މަސައްކަތް ކުރާ ހުރިހާ އެކްޓަރުން ވެސް ބަލަން ވާނީ ފިލްމުގައި އެމީހަކަށް ކުޅެން ލިބޭ ރޯލު ދިގު ވުމަށްވުރެ ރަނގަޅު ޕާފޯމަންސެއް ދެއްކޭ ކަހަލަ ރޯލުތައް ހޯދާށެވެ.

"އެކުވެރި އެކްޓަރުންނޭ. ފިލްމެއްގައި އެމީހާ ފެންނަނީ ކިތައް މިނިޓުތޯ ބަލާނެ ކަމެއް ނެތް. ފިލްމުން ފެންނަނީ ކިތަންމެ މަދު މިނިޓަކު ނަމަވެސް އެ ވަގުތުކޮޅު ތެރޭގައި އޯޑިއަންސްގެ ހިތް އަތުލެވިއްޖިއްޔާ އެ ނިމުނީ. އަހަރެންގެ ކެރިއަރުގެ އޮއިވަރު ބަދަލުކޮށްލީ އެންމެ ހަތް މިނިޓުގެ ފެނިލުމަކުން،" ތާޕްސީ ބުނެފައި ވެއެވެ.

ތާޕްސީގެ މި ޕޯސްޓަށް އެކްޓަރު އަކްޝޭ ކުމާރު ވެސް އެއްބަސްވެ ކޮމެންޓުކޮށްފައި ވެއެވެ. އަކްޝޭ ބުނެފައިވާ ގޮތުގައި ތާޕްސީ އެބުނީ ވަރަށް ބޮޑު ތެދެކެވެ. އަދި ލިބޭ ރޯލަކަށް ރަނގަޅަށް އިންސާފު ކުރަން އަކްޝޭ އެދުނެވެ. އަދި ތާޕްސީގެ ފިލްމީ ދަތުރުގެ މިސްރާބާއި އޭނާ އާ މެދު ފަހުރުވެރިވާ ކަމަށް ވެސް އަކްޝޭގެ ކޮމެންޓުގައި ވެއެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކުރި "ބޭބީ" ގެ ބަތަލަކީ އަކްޝޭ އެވެ. ތާޕްސީ ކުޅުނީ އަންޑަކަވާ އެޖެންޓެއްގެ ރޯލެވެ. އޭނާ އެ ރޯލުން ފެންނަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ ވަގުތުކޮޅު ތެރޭ ވެސް ތާޕްސީ ވަނީ ފިލްމު ބަލާ މީހުން ހަނދާން ނައްތާ ނުލެވޭވަރުގެ ޕާފޯމަންސެއް ދައްކާފަ އެވެ. އޭގެ ފަހުން "ނާމް ޝަބާނާ" ކިޔާ ފިލްމެއްގައި ތާޕްސީ ވަނީ ވަރަށް ވަރުގަދަ އަންހެނެއްގެ ރޯލު ކުޅެފަ އެވެ. މަނޯޖް ބަޖްޕާއީ ބަތަލުގެ ބައި ކުޅުނު މި ފިލްމުގައި ވެސް އަކްޝޭ ކުޑަ ރޯލެއް އަދާ ކުރި އެވެ.

އޭގެ ފަހުން ތާޕްސީ ކުޅުނު "ޕިންކް"، "ބަދްލާ"، "ސާންޑް ކީ އާންކް" އަދި "ތައްޕަޅު" ގައި ވެސް އޭނާ ކުޅެފައި ވަނީ ވަރަށް ވަރުގަދަ ކެރެކްޓާތަކެކެވެ.

މަޝްހޫރު ތަރިން ހިމެނޭ ބޮޑު ބަޖެޓު ފިލްމުތަކަށް ވުރެ ތާޕްސީ އަބަދުވެސް ޚިޔާރު ކުރަނީ އޭނާއަށް ރަނގަޅު އެކްޓިން އެއް ދެއްކޭ ކަހަލަ ފިލްމުތަކެވެ. އެގޮތުން މިހާރު އޭނާ ކުޅެމުންދާ ފިލްމުތައް ކަމަށްވާ "ރަޝްމީ ރޮކެޓު"، "ޝާބާޝް މީތޫ" އަދި "ލޫޕް ލަޕޭޓާ" އަކީ ވެސް އަންހެން ކެރެކްޓާއަށް ޚާއްސަ ކޮށްފައިވާ ފިލްމުތަކެވެ.