ބޮލީވުޑް

ހަށިގަނޑު ފިރިހެނޭ ކިޔާތީ ތާޕްސީ ދިން ޖަވާބު

ތާޕްސީ ޕަންނޫގެ ހަށިގަނޑު ވަރަށް ފިރިހެން ކަމަށް ބުނެ ސޯޝަލް މިޑިއާގައި އޭނާއަށް މަލާމާތްކުރި ބަޔަކަށް ވަރަށް ރަނގަޅަށް ތާޕްސީ ރައްދު ދީފަ އެވެ.

"މި ފިރިހެން ހަށިގަނޑެއް ލިބިފައިވާ މީހާއަކީ ތާޕްސީ ނޫން މީހަކަށް ނުވާނެ،" ތާޕްސީގެ ފޮޓޯއެއް ޝެއާ ކުރަމުން ޓުވިޓާގައި މީހަކު ލިޔެފައި ވެއެވެ. އެއާއެކު އޭނާއަށް ޓްރޯލް ކުރުމުގެ އޮއިވަރެއް ޓުވިޓާގައި ކުރިޔަށް ދިޔަ އެވެ.

ފާޑުކިޔާ މީހުންނަށް ތާޕްސީ ޖަވާބު ދެމުން ކުރި ޓުވީޓުގައި ބުނީ އެމީހުން އެ ދައްކާ ވާހަކަތައް ހަނދާން ކޮށްގެން ސެޕްޓެމްބަރު 23 އަންނަންދެން މަޑުކޮށްލުމަށެވެ. އަދި އެޑްވާންސްކޮށް ޝުކުރު އަދާ ކުރުމަށާއި އެމީހުންގެ ފާޑުކިއުމަކީ އަސްލު ތައުރީފެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ ހަށިގަނޑު އެގޮތަށް ބަދަލުކުރަން އޭނާ ވަރަށް ބުރަ މަސައްކަތް ކޮށްފައިވާތީކަމަށް ވެސް ތާޕްސީ ބުންޏެވެ.

ތާޕްސީގެ އާ ފިލްމު "ރަޝްމީ ރޮކެޓް" ޒީ5 އިން އޮކްޓޯބަރު 15 އިން ފެށިގެން ސްޓްރީމް ކުރަން ފަށާނެ އެވެ. އާކާޝް ކުރާނާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ރޯލަށް ތާޕްސީ ވަރަށް ބޮޑަށް ފިޓްނަސް ޓްރޭނިން ހަދާފައި ވެއެވެ. ސަބަބަކީ މި ފިލްމުގައި އޭނާ ކުޅެނީ ސްޕްރިންޓާ (ހަލުވި ދުވުންތެރިއެއް) ގެ ރޯލު ކަމަށް ވާތީ އެވެ.

"ރަޝްމީ ރޮކެޓް" އަކީ ކުޑަ އަވަށެއްގައި ދިރިއުޅޭ އާދަޔާޚިލާފު ހުނަރެއް ލިބިފައިވާ ޒުވާން އަންހެންކުއްޖެއްގެ ވާހަކަ އެވެ. ބާރަށް ދުވުމުގެ ހުނަރެވެ. މޮޅު އެތުލީޓެއްގެ ހުނަރެވެ. ނަމަވެސް އެތުލެޓިކް މުބާރާތް މި އަންހެންކުއްޖާއަށް ވެގެން ދަނީ އޭނާގެ އަމިއްލަ ނަފްސާއި އިއްޒަތާއި ގަދަރު އަދި އައިޑެންޓިޓީ ހޯދުމުގެ ހަނގުރާމަ އަކަށެވެ.