ޣައްސާން މައުމޫން

ބައްޕާފުޅު ދިފާއުގައި ޣައްސާން ނުކުންނަވައިފި

Aug 25, 2020
16

ރައީސް މައުމޫންގެ ވެރިކަމުގެ ދިގު ހަޔާތުގައި އައި ކޮންމެ ވޯޓެއްގައި އޮޅުވާލައި މަކަރު ހަދާފައި ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައީސް މައުމޫންގެ ދިފާއު ކުރައްވާ އެ މަނިކުފާނުގެ ހަގު ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވައިފި އެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު ޓުވިޓާގައި ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ދަނިކޮށް ބައްޕާފުޅު ދިފާއު ކުރައްވާ ޣައްސާން ވިދާޅުވީ، ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ޣައްސާންގެ ޓުވީޓެއްގައި އޭނާ މިއަދު ވިދާޅުވީ ރައީސް ނަޝީދު، ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އެއީ އަނެއްކޮޅުން ވާދަ ކުރައްވާ ބޭފުޅަކު ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އިސްތިއުފާ ދިނުމަށްފަހު އެއީ ބަޣާވާތެއް ކަމަށް ވިދާޅުވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރެއް ލިބި ސަރުކާރު ނުހިނގުމުން އެކަން ކުރީގެ ސަރުކާރާއި ނޫނީ ކޯލިޝަނާއި މަތިކުރާ ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދަކީ އިތުރިފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ. އަދި އިތުރުފުޅު ހެއްދެވުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ ކަމަށެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫން ވެސް ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި 30 އަހަރުގެ ތެރޭގައި އައި ހުރި އިންތިހާބެއްގެ ވޯޓު އޮޅުވާލެއްވި އިރު 2008 ވަނަ އަހަރުގެ އިންތިހާބު އޮޅުވާ ނުލެއްވުނީ ކީއްވެތޯ ވެސް އެ މަނިކުފާނު ވަނީ ސުވާލު ކުރައްވާފަ އެވެ.

ރައީސް މައުމޫން ވަނީ ބުއްދި ގަބޫލު ކުރައްވާ ފަދަ ޖަވާބެއް ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ރައީސް މައުމޫނަށް އަމާޒުކޮށް ނަޝީދު ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރައްވާ، ވިދާލުވެފައި ވަނީ މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވެސް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށެވެ. އަދި 2007 ވަަ އަހަރުގެ ނިޒާމު ވޯޓްވެސް އޮޅުވާލާފައިވާ ކަމަށާއި އޮޅުވާ ނުލެވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު އެހެން ވިދާޅުވެ ތުހުމަތުތަކެއް ކުރެއްވީ ރާއްޖޭގެ ސިޔާސީ އިޖްތިމާއީ އިގްތީސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣުލަބިއްތަކުން އެކަން ނިންމަވާފައި ކަމަށް ރައީސް މައުމޫން ވިދާޅުވުމާ ގުޅިގެނެވެ.