ބޮލީވުޑް

"ޝަކްތީ"ގެ ރިމޭކް ހަދަން ރަމޭޝް ސިއްޕީ ދެކޮޅު

ބައްޕަ އަކާއި ދަރިފުޅެއްގެ ގުޅުން ވަރަށް އަސަރުގަދަ ގޮތަކަށް ދައްކުވައިދީފައިވާ "ޝަކްތީ" އަކީ 1992 ގައި ރަމޭޝް ސިއްޕީ ޑައިރެކްޓްކުރި ވަރަށް މޮޅު ފިލްމެކެވެ. މި ފިލްމުގައި ބައްޕަގެ ރޯލު ދިލިޕް ކުމާރު އަދާކޮށްފައިވާއިރު ދަރިފުޅުގެ ރޯލު ކުޅެފައި ވަނީ އަމީތާބު ބައްޗަން އެވެ. މި ފިލްމަކީ މިހާތަނަށް ހިންދީ ސިނަމާއިން އުފެއްދި އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

"ޝަކްތީ"ގެ ރިމޭކެއް އުފެއްދުމަށް ޑައިރެކްޓަރު ޝްރީ ނަރަޔަން ސިންގް މިހާރު ވަނީ ގަސްތުކޮށް އެކަން އިއުލާން ކޮށްފަ އެވެ. މިކަމާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހިފައިވަނީ ރަމޭޝް ސިއްޕީ އެވެ. އޭނާ އެހާ މޮޅަށް އުފެއްދި ފިލްމަކަށް ކުރަފި އަރުވަން އަނެއްކާ ވެސް ބަޔަކު އުޅޭތީ އެވެ.

ރަމޭޝް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެންމެ މޮޅޭ މިހާރު ވެސް ބުނާ "ޝޯލޭ" ގެ ރިމޭކް ވެސް ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ އުފައްދާ ރިލީޒްކުރީ ރަމޭޝް ސިއްޕީ ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ. އަނެއްކާ މިފަހަރު ވެސް އޭނާ ހަރުއަޑުން މިކަމާ ނުރުހުން ފާޅުކުރަމުން ދަނިކޮށް "ޝަކްތީ" އުފެއްދުމަށް ވެސް މީހަކު ވަނީ ފޫގަޅާފަ އެވެ.

ސަލީމް-ޖާވީދުގެ ސްކްރިޕްޓަކަށް އުފައްދާފައިވާ "ޝަކްތީ" އަށް ރަމޭޝް ވަނީ ވަރަށް ރަނގަޅަށް އިންސާފު ކޮށްދީފަ އެވެ. އެ ފިލްމު އޭނާ ޑައިރެކްޓް ކޮށްފައިވާލެއް އެހާވެސް މޮޅެވެ. މި ފިލްމުގެ ރިމޭކެއް ތައްޔާރު ކޮށްގެން ޑައިރެކްޓަރު ޝްރީ ނާރަޔަން ކުރަން އުޅޭކަމެއް ހަގީގަތުގައި ވެސް ނުވިސްނޭ ކަމަށް މިކަމާ ދެކޮޅު ހަދާ ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް "ޝަކްތީ" ގައި އަމީތާބާއި ދިލިޕް ކުމާރު ދައްކުވައިދީފައިވާ މޮޅު އެކްޓިން އަލުން ކުޅެވިދާނެ ފަދަ އެކްޓަރުން މިފަދަ ހިންދީ ސިނަމާގައި ތިބި ކަމަށް ގަބޫލު ކުރާ މީހުން މަދެވެ. އެހެންވީމާ ރާމް ގޯޕާލް ވަރުމާ "ޝޯލޭ" އަށް ހަދާލި ގޮތަށް އަނެއްކާ ވެސް މޮޅު ފިލްމެއްގެ ދުވަސް ދުއްވާލަން މީހަކު ތައްޔާރު ވަނީ ކަމަށް މިކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރަމުންދާ މީހުން ދެކެ އެވެ.

"ޝޯލޭ" އާއި "ޝަކްތީ" ގެ ޑައިރެކްޓަރު ރަމޭޝް އިންޑިޔާގެ ނޫހަކާ މިކަމާ ގުޅޭ ގޮތުން ވާޙަކަ ދައްކަމުން ބުނެފައި ވަނީ ރާމް ގޯޕާލް ވަރުމާ "ޝޯލޭ" ގެ ރިމޭކް އުފެއްދިއިރުއްސުރެ އޭނާ ގެންދަނީ އޭނާ އުފައްދާފައިވާ ފިލްމުތައް އަލުން އުފެއްދުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

"ޝަކްތީ" އަލުން އުފައްދަން އުޅޭ ޑައިރެކްޓަރު މީގެ ކުރިން އުފައްދާފައިވާ އެއްވެސް ފިލްމެއް ފެނިފައި ނުވާތީ އޭނާ "ޝަކްތީ" އަށް ހަދާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ވެސް ރަމޭޝް ބުންޏެވެ.

ރަމޭޝް ބުނި ގޮތުގައި "ޝަކްތީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކް އެކެވެ. ނަމަވެސް އޮރިޖިނަލް ފިލްމުން އެމީހުން އެއްވެސް އެއްޗެއް ކޮޕީއެއް ނުކުރެ އެވެ. ސަލީމް-ޖާވީދު ސްކްރިޕްޓް ލިޔުނީ ހަމައެކަނި ތަމަޅަ ފިލްމުގެ ޕްލޮޓް އަށް ބިނާކޮށް ކަމަށާއި އެމީހުންގެ ލިޔުންތެރިކަމުގެ މޮޅުކަން މުޅިން ތަފާތު އަދި އޮރިޖިނަލް އަށް ވުރެ ވެސް މޮޅު ފިލްމަށް އެ ފިލްމު ވެގެން ދިޔަ ކަމަށް ރަމޭޝް ބުންޏެވެ.

އޭނާގެ ފިލްމުތަކުގެ ރިމޭކްތައް ހުއްޓުވުމުގެ ބާރު އޮތްނަމަ ރަމޭޝް އެކަން ކުރާނެ ހެއްޔެވެ؟ ޖަވާބުގައި ރަމޭޝް ބުނީ އެފަދަ އޮތޯރިޓީއެއް އޭނާއަށް ނެތް ކަމަށެވެ. އެއީ ޕްރޮޑިއުސަރުންނަށް އޮންނަ ހައްގެއް ކަމަށާއި އޭނާއަށް އެކަމާ ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޑައިރެކްޓަރު ބުންޏެވެ. "ޝަކްތީ" ގެ ރައިޓްސް އޮތީ ޕްރޮޑީއުސަރު މުޝީރާއި ރިޔާޒް އަތުގަ އެވެ.