މި ދައްކަނީ އާދައިގެ އެއްޗެއްގެ ވާހަކައެއް ނޫނެވެ. އުތުރުގެ މިރަށް، ހއ. އިހަވަންދޫ މާ މިސްކިތް، މި ރަށު މީހުން ކިޔާ އާސާރީ މިސްކިތުގައި އޮންނަ އާދަޔާ ޚިލާފު ތަވައެއްގެ ވާހަކައެވެ. މި ރަށު މީހުން ބުނާ ގޮތުން ވެސް އަދި ކިޔައި އުޅޭ ގޮތުން ވެސް އެއީ "ރަށްގުޑާ ތަވަ" އެކެވެ. މީހަކަށް މި ވާހަކަ ގަބޫލުކުރަން އެހާ ފަސޭހަވާނެ ހެއްުޔެވެ؟
މިރަށުގެ އެންމެ ގަދީމީ ބިނާއަކީ އާސާރީ މިސްކިތެވެ. މި މިސްކިތް ބިނާކުރަން ފެށި ސީދާ ތާރީހު ނޭނގުނަސް މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ ސުލްތޯން މުހައްމަދު މުހިޔުއްދީނުގެ ރަސްކަމުގައި ކަމުގައި ކަމަށް އެ މިސްކިތާ ގުޅޭ ވާހަކަތައް ހިމެނޭ ތާރީހީ ލިޔުންތަކުގައި ހުރެއެވެ. އެ ހިސާބު ލައްވާލައނީ 1692 ވަނަ އަހަރަށެވެ. މިސްކިތް ބޭނުން ކުރާން ފެށި ތާރީހު މިސްކިތުގެ އިރުމަތީ ފަރާތުގެ ފާރުގައި މުސްކުޅި ތާނައަކުރުން ލިޔެފައިވާ ތާރީޚަކީ ޑިސެންބަރު 16، 1701 އެވެ. މިއީ، ހިރިގަލުން "ގަތައިގެން" ބިނާ ކޮށްފައިވާ މިސްކިތެކެވެ. މަތިވަޑާންގަނޑާއި މިސްކިތުގެ އެތެރޭ ފަންގިފިލާގައި ވަނީ ލާޖަހައި ކުރެހުން އަޅާފައެވެ.
ތިން ގަރުނަށް ވުރެ ގިނަ ދުވަސްވީ މި މިސްކިތް ހުންނަނީ މި ރަށުގައި ސަހަރާއެއްގެ ގޮތުގައި ބޭނުންކުރާ ގަބުރެސްތާނުގެ މެދެއްހާ ހިސާބުގަ އެވެ. ނަމާދު ކުރުމަށް މި އާސާރީ މިސްކިތް އަދިވެސް ބޭނުން ކުރެ އެވެ. އަދި މިއީ ރާއްޖޭގެ ތަރިކައިގެ ލިސްޓުގައި ހިމަނައިފައިވާ މިސްކިތެކެވެ. މިރަށުގައި މަޝްހޫރު "ރަށްގުޑާ ތަވާ" މި އޮންނަނީ މި މިސްކިތުގެ ބޭރުފެންޑާގެ ހުޅަނގު ދެކުނު ކަނު ގައެވެ. އަދިވެސް އެ އެތަވާ އެތަނުގައި އެބަ އޮވެއެވެ.
މިސްކިތުގައި ތަވާ ބޭއްވީ ޝިފާއަކަށް
"ރަށް ގުޑާ ތަވާ" އެެއް މިސްކިތުގެ ތެރެއަށް ވެއްދީ ކާކު ކޮން އިރަކު ހެއްޔެވެ؟ ކޮން ބޭނުމެއްގައި ހެއްުޔެވެ؟ މިއީ ޖަވާބެއް ބޭނުންވާ ސުވާލުތަކެވެ. އެއް ކަމެއް ޔަގީނެވެ؛ އެއީ މި ރަށުގެ އާސާރީ މިސްކިތް ބޭނުން ކުރާން ފެށިފަހުން ކޮންމެ ވެސް ބޭނުމަކު އެ ތަނުގައި ބާއްވާފައި އޮތް އެއްޗެކެވެ.
"މިސްކިތުގެ ހުޅަނގު ފަރާތު ބޭރު ކަނުގައި މުށިން ހަދާފައިވާ އޭގެ ދެ ތަވާ އޮތް. މީގެ ތިރީހަކަށް އަހަރު ކުރީން ވަރުވާ ކަނޭ ކިޔުނު ކަނުގައި އޮތް ތަވާ ވަނީ ގެއްލިފައި. އެއަށް ވީގޮތެއް ސާފެއް ނުވޭ." މި ރަށުގެ ތާރީހު ދިރާސާ ކުރައްވާ، މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ. -- މުހައްމަދަކީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެވެ.
އޭނާ ވިދާޅުވި ގޮތުގައި "ރަށްގުޑާ ތަވާ" ދެ ގޮތަކަށް ކިޔައި އުޅެ އެވެ. އޭގެ އެއް ގޮތަކީ ގަދީމީ ޒަމާނުގައި ބައެއް މީހުން، ހަނދާނަކަށް ޓަކައި ބައެއް ކަހަލަ ތަކެތި މުހިއްމު ބިނާތަކުގައި ބަހައްޓާ އުޅުނެވެ. ރަށަށް ޒިޔާރަތްކުރާ މަތީ ފަންތީގެ މީހުން އެގޮތަށް ތަކެތި ހަދިޔާ ކުރުމާއި މިސްކިތްތަކުގައި އެފަދަ ތަކެތި ބަހައްޓާ އުޅުނެވެ. އެހެންވެ "ރަށްގުޑާ ތަވާ" އެއީ އެގޮތަށް ބޭއްވި ތަވައެއް ކަމަށް ވެދާނެ އެވެ.
މީގެ ތެރެއިން މުހައްމަދު ގަބޫލު ކުރައް ވަނީ ދެވަނަ ގޮތެވެ: ވިދާޅުވި އެވެ: "މުށި ތަވާގައި ލިޔާ ލިޔުންތަކެއް ހުންނާނެ. އެއީ، ރޯދި ބަރަކާތަށާއި އެތަނެއްގެ ކުރިއެރުމަށާއި، އެތަނެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އިންސާނިއްޔަތަށް ބޭނުންވާ ހިދުމަތްތައް ހެޔޮގޮތުގައި ގެނެވި، ދުޅަހެޔޮ، ސަމައްތަރު ހެޔޮ ޖީލެއް އެފަދަ ބަޔަކު އުފެދި އާލާވުމަށް އެދި އެ ޒަމާނުގައި މީހުން ތަވާގައި ލިޔެ އުޅުނު. އެގޮތަށް ލިޔެފައި ބާއްވާފައި އޮތް އެއްޗެއް ކަމަށް ބޮޑަށް ގަބޫލު ކުރެވެނީ."
އިހުއްސުރެ މި ރަށުގައި ދެކެވެމުން އައި ވާހަކަތަކަށް މިހާރު އޮތްް ޖީލުގެ ކާފަ / މާމައިންނާ ހަމައަށް އައިސްފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި ރަށްގުޑި އަހަރު ނުވަތަ އިހަވަންދޫ ގުޑި އަހަރެއްގައި އެކަމުން ރައްކާތެރިވާން ލިޔެފައިވާ އެ ތަވާ ބޭއްވީ އެވެ.
"އެއީ ރަށަށް ގޮތްތަކެއް ވެދާނެތީ އެކަމާ ކަންބޮޑުވެ ދުއާތަކެއް ލިޔެފައި ބޭއްވި ތަވައެއް،" މި ރަށުގެ އައްޑިހައިގެ އަހަރުތައް ގުނަމުންދާ މި ރަށުގެ މުހައްމަދު ހަސަން (ދޮން މުހައްމަދުބޭ) އޭނައަށް ލަފާވާ ގޮތް ބުންޏެވެ.
ދޮން މުހައްމަދުބޭގެ ވާހަކަތަކުން އެނގެނީ ކުރީގެ ތާރީހެއްގައި މޫސުމީ ކޮންމެވެސް ބަދަލެެއްގައި ރަށަށް ގުޑުމެއް އެރި، ނުވަތަ ހެލުމެއް އައި ކަމެވެ.
އިހަވަންދޫ ގުޑި ކަމަށް ބުނާ ވާހަކަތަކަށް ބަލާއިރު އެއީ ކޮންމެވެސް ވަރެއްގެ ބިންހެލުމެއްގެ އަސަރު ކުރި ކުރުމެއް ކަމަށް ވެދާނެ އެވެ. ދޮން މުހައްމަދުބެ އާއި އެހެން ގިނަ މީހުން ވާހަކަތަކުގައި ގުޅުމެއް ވެއެވެ.
"ކާފަމެން ކިޔައި ދެނީ އެއީ ކުރީ ޒަމާނުގައި މީހުން މަރުވާ ނިސްބަތް އިތުރުވާން ފެށުމުން، އޭރު ރަށް ހިންގަން ތިބޭ 'ބޮޑު ބާރަ' އިން އިސްވެ ތިބެ އެކަމަށް ކޮންމެ ވެސް ކަމެއްކޮށް ކިޔެވެއްޔެއް ކިޔަވާފައި ބޭއްވި އެއްޗެއް ކަމަށް،" ދޮން މުހައްމަދުބޭ ބުންޏެވެ. -- "ބޮޑުބާރަ" އިންނަކީ ރަށުގެ ކަންކަން ހިންގަން ރައްޔިތުން ފަރާތުން އެ ރަށުގައި އައްޔަން
"ރަށްގުޑާ ތަވާ" ބާއްވާފައި ވަނީ ބަލިމަޑު ކަމަކަށް ޝިފާއެއް ހޯދަން ކަން ލިޔުމުން އެނގެ އެވެ. އަދި ތަވާ ބޭއްވީ ވިއްސާރައެއްވެ ރަށްގުޑި އަހަރަކު އެވެ. އެއީ ކޮން ޒަމާނަކު ހިނގި ކަމެއް ކަން ސާފު ކޮށް އެނގޭކަށް ނެތެވެ.
"ސީދާ ސާފުކޮށް އެނގޭކަށް ނެތް އެއީ ކޮން އަހަރަކު ބޭއްވި ތަވައެއް ކަމެއް. ކޮން ބޭނުމަކު ބޭއްވި އެއްޗެއް ކަމެއް ވެސް. ހުރީ ދޫދޫ މަތިން ކިޔައި އުޅުނު ވާހަކަތަކެއް. އަޅުގަނޑުމެން އެންމެ ކުޑައިރު ވެސް ތަވައާ ގުޅޭ ވާހަކަތައް ކިޔައިއުޅޭ." މި ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
"ރަށްގުޑާ ތަވާ" ގެ އިތުރުން މިސްކިތުގައި އެހެން އާސާރުތައް ވެސް ފެންނަން އެބަހުއްޓެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ތަރިކައަކީ ގަރުނެއްހާ ދުވަސް ކުރީން އަތުން ލިޔެފައިވާ ކަމަށް ބުނާ ކީރިތި ގުރުއާނުގެ މުސްހަފެކެވެ. މި މުސްހަފު ލިޔެފައިވަނީ ގުރުއާނުގެ 30 ފޮތް ވަކީން ވަކިވަކި ފޮތްތަކެއްގެ ގޮތުގައެވެ.
ތަވާގައި އަތްލައިފިނަމަ ރަށްގުޑާނެތަ؟
"ރަށްގުޑާ ތަވާ" ގައި އަތް ލައިފި ނަމަ ހަމަ ހަގީގަތުގައި ވެސް ރަށް ގުޑާނެ ހެއްޔެވެ؟ އެއީ ފޯކްލޯރެކެވެ.
"އޭގައި މީހުން އަތްލައި އެއަށް ކޮށްފައި ހުރި ކަމެއް ނެތިގެން ހިނގައިދާ ނެތީ މީހުން އޭގައި އަތްލާން ޖެހިލުން ވާނީ އެކަހަލަ ބިރު ގަންނަ ޒާތުގެ ވާހަކައެއް ފެތުރީމަ ކަމަށްވާތީ އެ ގޮތަށް އެ ކިޔަނީ." މުޙައްމަދު ބުންޏެވެ. "މިހާރު އެ ތަވާ އޮތް ހާލަތުން އޭގައި އަތްލުމަކީ އެހާ ރައްކާތެރިކަމެއް ނޫން. އަތްލުމުގެ ސަބަބުން އެ ހަލާކުވުމުގެ ފުރުޞަތު އެބަ އޮތް. ހަގީގަތުގައި އެއީ މިހާރު ސަގާފީ އާސާރެއް. ތަވާގައި އަތްލިޔަސް ރަށެއް ނުގުޑާނެ،"
އެންމެ ގާތީ "ރަށްގުޑާ ތަވާ" އެއީ މި އިހަވަންދުއަށް ބިން ހެލުމެއް ނުވަތަ ރަށްގުޑުމެއް އައި އަހަރަކު ތަވައަކަށް ވީތީ އެއަށް ކިޔާ ނަމަކަށް ވެދާނެ އެވެ. މިހާރު އަތް ނުލަންވީ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ، ރަށް ގުޑާފާނެތީއެއް ނޫނެވެ. އެއީ ހިމާޔަތްކޮށްފައިވާ އާސާރީ ސަގާފީ، މާއްދީ ތަރިކައަކަށް ވާތީއެވެ. އަދި ތަވާއާ ގުޅޭ ފޯކުލޯރެއް ވެސް އޮތީމަ އެވެ.