ލައިފްސްޓައިލް

މަންސާ މޫސާ: ދުނިޔެ ދުށް އެންމެ ބޮޑު މަހުޖަނު

ދުނިޔޭގައި އުޅޭއިރު މުއްސަނދިވާން ކޮންމެ މީހަކު ވެސް އެދޭނެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގައި އެ މީހެއްގެ ނަން އޮންނަން ބޭނުން ވާނެ އެވެ.

ދުނިޔޭގައި މިހާތަނަށް އުޅުނު އެންމެ މުއްސަނދި މީހަކީ ކާކުކަން އެނގޭ ހެއްޔެވެ؟ އެއީ މިޒަމާނުގެ އެންމެ ބޮޑެތި މަހުޖަނުން ކަމަށްވާ އީލޯން މުސްކް ނުވަތަ ޖެފް ބެޒޯސް ފަދަ މީހެއް ނޫނެވެ. ދުނިޔެ މިހާތަނަށް ދުށް އެންމެ މުއްސަނދި މީހާގެ ކައިރީގައި މިމީހުން އެއްވެސް އެއްޗަކަށް ނުވާނެ އެވެ.

އެއީ އެފްރިކާގެ ރަސްކަލެއް ކަމަށްވާ މަންސާ މޫސާ އެވެ. މޫސާ ވަރުގެ މުއްސަންޖެއް މިހާތަނަށް ދުނިޔޭގައި އުޅެފައެއް ނެތެވެ. އަދި އުފެދިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

މަންސާ މޫސާ އަކީ ކާކު ހެއްޔެވެ؟ އޭނާއަށް މިހާ ބޮޑު މުއްސަނދިކަމެއް ލިބުނީ ކިހިނެއް ހެއްޔެވެ؟ ވެސްޓަން އެފްރިކަން ސަހާރާގައި އޮތް އެންމެ ބޮޑު ގަބީލާގައި ވެރިކަން ކުރީ މޫސާ އެވެ. މީލާދީން 1324 ގައި މޫސާ މާތްވެގެންވާ މައްކާއަށް ހައްޖަށް ދިޔަ އެވެ. އޭނާގެ އެ ދަތުރުގައި 8،000 ބައިވެރިން ގެންދިޔަ އެވެ. އަދި ނޯކަރުންގެ ގޮތުގައި 12،000 މީހުން ގެންދިޔަ އެވެ. އަދި 100 ޖަމަލު ބަރުކޮށް ޚާލިސް ރަން ގެންދިޔަ އެވެ.

މޫސާ އުފަންވީ 1280 ވަނަ އަހަރު އެވެ. އެ ރީޖަންގެ މީހުން އެ ދުވަސްވަރު ވާހަކަ ދައްކާ އުޅުނު ބަހުރުވައިން މަންސާގެ މާނައަކީ "ސުލްތާން" އެވެ.

މޫސާއަށް ކިންގްޑަމް އޮފް މާލީގެ ރަސްކަން ލިބުނީ 1312 ވަނަ އަހަރު އެވެ. އަދި 25 އަހަރު އޭނާ ރަސްކަން ކުރި އެވެ. މިހާރު ވަކިވެފައިވާ ގައުމުތަކުގެ ތެރެއިން ސެނެގާލް، މާލީ، ބުރުކީނަ ފާސޯ، ނައިޖަރު، ގިނީ އަދި އައިވަރީ ކޯސްޓަކީ އެ ޒަމާނުގައި ކިންގްޑަމް އޮފް މާލީ އެވެ.

މޫސާ ރަސްގެފާނުގެ މާލިއްޔަތުގައި ހުރީ ކިހާ ފައިސާއެއްކަން އެނގޭ ހެއްޔެވެ؟ އެއީ އަދަދު މަދު ބިލިއަނުން ގުނައެއް ނުލެވޭނެ އެވެ.

ސާދަ ވަނަ ގަރުނުގައި ވެސްޓް އެފްރިކާގެ މާލީ އެމްޕަޔާގެ ރަސްގެފާނަށް މޫސާ ތަޚުތުގައި ވެޑުވުނީ 1312 ވަނަ އަހަރު އެވެ. މޫސާއަށް ރަސްކަން ލިބުނުއިރު ވެސް އެ ސަރަހައްދު ވަރަށް މުއްސަންޖެވެ. ރަނާއި އެނޫން ވެސް ގުދުރަތީ ރިސޯސް އެ ހިސާބުގައި ހުރުމުންނެވެ. ރަސްގެފާނު ވަޑައިގެން މި ގުދުރަތީ ވަސީލަތްތައް އެހެން ސަރަހައްދުތަކަށް ފުޅާ ކުރައްވައި އިތުރަށް އެހިސާބު މުއްސަނދި ތަނަކަށް ހެއްދެވި އެވެ.

ތާރީހު ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި މޫސާގެ މުއްސަނދިކަން މިޒަމާނުގެ 400 ބިލިއަން ޑޮލަރު ވަރު ވާނެ އެވެ. ނަމަވެސް އޭނާ މަޝްހޫރީ ހަމައެކަނި ރަސްކަލަކަށް ވީމަ އާއި މުއްސަންޖަކަށް ވެގެންނެއް ނޫނެވެ.

އޭނާގެ ހައްޖު ދަތުރު ތަކަކީ ވެސް ވަރަށް މަޝްހޫރު ވާހަކަ ތަކެކެވެ. އިބުނު ބަތޫތާ 1352 ގައި މާލީއަށް ދަތުރު ކުރައްވާފައި ވެއެވެ. އަދި މޫސާ ރަސްގެފާނުގެ މަޝްހޫރު ހައްޖުދަތުރުގެ ވާހަކަތައް އިބުނު ބަތޫތާގެ ތާރީހީ ފޮތްތަކުގައި ވެސް ވެއެވެ.

މޫސާ ރަސްގެފާނު 1324-1325 އަށް ކުރެއްވި ހައްޖު ދަތުރުގައި މާލީން ފެށިގެން މައްކާ އާ ދެމެދުގެ ރަނުގެ ރާސްތާ އަކަށް ހައްދަވައި އެމަނިކުފާނުގެ ގައުމު ދުނިޔޭގައި ޗާޓުގައި ފާހަގަކޮށްލެވޭ ގައުމަކަށް ހެއްދެވި އެވެ.

މޫސާ ރަސްގެފާނަކީ ދީލަތު އެހާމެ ތޯހިރު ބޭފުޅެކެވެ. މައްކާއަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ހުކުރުދުވަހު މަޑުކުރެއްވި ކޮންމެ ހިސާބެއްގައި މިސްކިތެއް ބިނާ ކުރެއްވި ކަމަށް ވެއެވެ. އަދި އެ ހިސާބެއްގެ މީހުންނަށް ގިނަ އަދަދެއްގެ ރަން ހަދިޔާ ކުރައްވައި މުޅި އެ ސަރަހައްދަށް މުއްސަނދިކަން ފަތުރާލެއްވި އެވެ.

"ކިންގް އޮފް ކިންގްސް" -- ރަސްރަސްކަލުންގެ ރަސްގެފާނު -- ގެ ނަމުން މަޝްހޫރުވެފައިވާ މޫސާ ރަސްގެފާނުގެ ދީލަތިކަމުން ގޮސް މިސްރުގެ މީހުން ބަނޑަށް ޖެހުނެވެ. އެ ހިސާބުގެ މީހުންނަށް ރަސް ބެއްސެވިލެއް ގިނަކަމުން ގޮސް ރަނުގެ އަގު ވެއްޓި މިސުރުގެ އިގްތިސާދު އިނދަ ޖެހިގެންނެވެ.

މޫސާ ރަސްގެފާނުގެ މުއްސަނދިކަމުގެ ބޭނުން ކުރެއްވީ ކިހިނެއް ހެއްޔެވެ؟ މަގުމަތިން ދިމާވާހާ މީހަކަށް ރަން ހަދިޔާ ކުރެއްވުމުގެ އިތުރުން ސުވެނިއާ ގަތުން ފިޔަވައި ދެން އޭނާ މުއްސަނދިކަން ހޭދަކުރީ ކިހިނެއް ހެއްޔެވެ؟

މޫސާ ވެރިކަން ކުރެއްވި ކޮންމެ އަހަރެއްގެ ތެރޭގައި އައި ކޮންމެ ހުކުރު ދުވަހު އޭނާ މިސްކިތެއް ބިނާކުރައްވާފައި ވެއެވެ. އަދި ވަރަށް ގިނަ ޔުނިވަސިޓީތައް އޭނާގެ ރަސްކަމުގައި އަޅުއްވައި ދެއްވި އެވެ. އެގޮތުން މޫސާ އަޅުއްވާ ދެއްވި ތާރީޚީ ގިނަ އަދަދެއްގެ މިސްކިތްތަކާއި ސްކޫލްތައް މިހާރުވެސް އެބަހުރި ކަމަށް ވެއެވެ.

މޫސާ ރަސްގެފާނު ދުނިޔެ ދޫކުރެއްވީ 1332 އާއި 1337 އާ ދެ އަހަރުން ކުރެ ކޮންމެވެސް އެއް އަހަރެއްގަ އެވެ. އޭގެ ފަހުން އެތައް ގަރުނެއް ފާއިތުވީއިރުވެސް މޫސާ ރަސްގެފާނުގެ ދީލަތިކަމާއި ހެޔޮކަމުގެ ވާހަކަ އެ ސަރަހައްދުގެ މީހުންގެ ހިތްތަކުން ފޮހެވިގެން ނުދެ އެވެ.