ރާއްޖޭގައި ބޮޑެތި ކުންފުނިތަކާއި އަދި އަމިއްލަ ބައެއް އެހެން ފަރާތްތަކުން ވެސް އާ އަހަރާއި ދިމާކޮށް ތަފާތު ކަލަންޑަރުތައް ނެރެއެވެ. އަހަރު ފެށުމާއެކު ކަލަންޑަރުތައް ލިބޭން ފަށަ އެވެ. އެހެންވެ އެންމެ ތަފާތު އަދި ސަޅި ކަލަންޑަރު ނެރުނީ ކޮން ބައެއްތޯ ބެލުން ވެސް އޮވެ އެވެ. މި ވީޑިއޯކޮޅުގައި އެވަނީ މި އަހަރުގެ މޭޒުމަތީ ކަލަންޑަރެެކެވެ. އެއީ މުއާސަލާތީ ކުންފުނި އުރީދޫގެ ކަލަންޑަރެކެވެ.
އުރީދޫގެ މި ކަލަންޑަރަށް ބަލައިލާއިރު މިއީ ކުރެހުން ހިމެނޭ އާދައިގެ ކަލަންޑަރެއްހެން ހީވެ އެވެ. އެކަމަކު މި ކަލަންޑަރުން "ތާރީހުގެ ތެރެއިން ދިވެހިރާއްޖެ" ވާކަތަކެއް އެބަ ބުނެދެ އެވެ.
މި ކަލަންޑަރުގެ ކޮންމެ ސަފްހާއެއްގައިވާ ކޯޑު ސްނެޕްޗެޓް މެދުވެރިކޮށް ފޯނުން ސްކޭން ކޮށްލުމުން އެ ސަފްހާއެއްގައި ކުރަހާފައިވާ މަންޒަރުތައް "ދިރިގެން" އާދެ އެވެ. އެ މަންޒަރުތަކުގައި ފެންނަ މީހުން ހަރަކާތް ކުރަން ފަށަނީ އޭގައި ބޭނުން ކޮށްފައިވާ އޮގްމެންޓަޑް ރިއަލިޓީގެ ސަބަބުންނެވެ. ކުރެހުންތަކަށް ދިރުން ލިބޭ އިރު އެ މަންޒަރާއި ގުޅޭ އަޑުވެސް އަހައި ލެވެއެވެ.
މިގޮތަަށް ކަލަންޑަރުގެ މަންޒަރުތަކަށް ބަލައިލުމުން 1800 އިގެ އަހަރުތަކުގެ ދިވެހިރާއްޖެއަކަށް "ޓައިމް ޓްރެވެލް" ކުރެވުމުގެ އިހްސާސެއް ވެއެވެ. މިއީ ރާއްޖޭގައި އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން މި ފެންވަރަށް ކަލަންޑަރެއް ނެރުނު ފުރަތަމަ ފަހަރެވެ. އަދި ކަލަންޑަރުގެ ކޮންމެ ސަފްހާއަކުން ތާރީހު ކިޔައި ދީފައިވާ ތަސްވީރާ ގުޅޭ ތަފްސީލު ލިޔެފައި ވެއެވެ.
ކަލަންޑަރު ދައްކުވައި ދެނީ ތާރީހުގެ ތަންތަންކޮޅުން ދިވެހި ދައުލަތާއި ދިވެހިރާއްޖޭގެ ދިމަ ދިމާ އެވެ. ދަންނަބޭކަލުންނާއި އިލްމާއި އުނގެނުމަށް ދިން މުހިއްމު ކަމާއި ސިޔާސީ އެކި އެކި ގަޑުބަޑުތަކާއި ސަރުކާރު ހިންގި ބައެއް ގޮތްތަކާއި ދިވެހިންގެ ފަންނުވެރިކަމާއި ސަގާފަތާއި އަދި އާދަކާދަ އެވެ.
ދިވެހި ދައުލަތާއި ދިވެހިރާއްޖެ
އަހަރުގެ ފުރަތަމަ މަސް، ޖެނުއަރީ ހާއްސަ ކޮށްފައި ވަނީ ކޮއިމަލާ ކަލޯއަށެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ދައުލަތެއް ގާއިމް ކުރެއްވި ކޮއިމަލާ ކަލޯގެ ކުރެހުމާއެކު ގަނޑުވަރުކޮޅުގެ މަންޒަރެއް ދައްކުވައި ދެއެވެ. ތަހުތުގައި ކޮއިމަލާކަލޯ އިންނަވާ އިރު ފަހަތުގައި ތިބޭ މީހުން ފިނިކުރުމަށް ވިހޭ މަންޒަރު ކަލަންޑަރުން ފެންނަ އިރު ވިހޭ މީހުން ހަރަކާތްކުރާ މަންޒަރު ފޯނުން ފެންނާނެ އެވެ. އަދި އަަރިހަށް ވަޑައިގެން ތިއްބެވި މީހުންގެ ހަރަކާތްތައް ފެނެއެވެ.
ފެބުރުއަރީ މަސް ހާއްސަ ކޮށްފައި ވަނީ ދިހަ ވަނަ ގަރުނުގެ ތެރޭގައި ދެކުނު އިންޑިޔާގެ ޗޯޅާއިންގެ ރަސްގެފާނު ރާޖާރާޖާ ދި ގްރޭޓް ދިވެހިރާއްޖޭގެ އުރުތު ހިފައި އަޅުވެތ ކުރި ހާދިސާއަށެވެ. އޭގެ ސަތޭކަ އަހަރު ފަހުން ކުރިއަށް ދިޔަ "ޗޯޅާ ހަނގުރާމަ" އަށްފަހު ރާއްޖެ ޗޯޅާއިންގެ ކިބައިން މިނިވަންވެ އެއް ދައުލަތެެއްގެ ގޮތަށް ބަދަލުވެއެވެ.
ތާރީހަށް ބަލާއިރު މި ކަލަންޑަރުން 2021 ވަނަ އަަަހަރުގެ ދުވަސްތކުގެ އިތުރުން ރާއްޖޭގެ ފެށުން ކިޔައިދޭކަހަލައެވެ. ސްމާޓް ފޯނު ނަގާ މި މަންޒަރު ބަލާލެވެއެވެ.
ދަންނަ ބޭކަލުންނާއި އިލްމާއި އުނގެނުން ބުނެދޭ
އަހަރު ދެބައިކޮށްލާ ޖޫން މަހުގައި ގެނެސްދީފައިވަނީ ރާއްޖެއަށް އިލްމުގެ ނޫރުން އަލިކޮށް ދެއްވި ވާދޫ ދަންނަކަލޭގެފާނުގެ ވާހަކައެވެ. ހުވަދުއަތޮޅު ވާދޫގައި މިސްކިތުގައި ކިޔަވައިދެއްވުމަށް ފެއްޓެވި ވާދޫ ދަންނަކަލޭގެފާނަކީ އަބަރި ބޮޑެތި ދަންނަ ބޭކަލުންގެ އަރިހުން ދީން އުނގެނިގެން ވަޑައިގެންނެވި ބޭފުޅެކެވެ. މި މަންޒަރު ކަލަންޑަރުން ފެންނަ އިރު ފޯނުން ބަލާއިރު މިސްކިތު ބޭރު ފެންނާނެ އެވެ.
ވާދޫ ދަންނަ ކަލޭގެފާނުގެ އިތުރުން ގާދިރިީ ކަލޭގެފާނު ވާހަކަ ވެސް ކިޔައި ދެއެވެ. މިއީ އައްޑުއަތޮޅު މަރަދޫ ފުއްޓަރު ފަރާތަށް ބެހިގެން އުރުނު ނަވެއްގެ ތެރެއިން ހުންނެވި ބޮޑު ދަންނަބޭކަލަކެވެ. މަރަދޫ އިސްލާމް ކުރެވި ކަމުގެ ޝަރަފު ލިިބިވަޑައިގަތީ އެކަލޭގެފާނަށެވެ. އެކަލޭގެފާނު ދިރިއުޅުއްވައި އަވަހާރަވީ ވެސް މަރަދޫގައެވެ.
ތާރީހުގައި ހިނގާފައިވާ ހާދިސާތަކާއި މުހިއްމު ޝަހުސިއްޔަތުގެ އިތުރުން ދިވެހިންގެ މެދުގައި އިހްތިރާމް ލިބިފައިވާ މަގާމުފުޅެއް ކަމުގައިވާ ކެންދޫ މަގާމުފުޅު މި ކަލަންޑަރުން ޖާގަ ހޯދާފައި ވެއެވެ. ޝަމްސުއްދީން ރަދުންގެ ޒަމާނުގައި ކުޑަރިކިލު ނައިބު ކަލޭގެފާނު، މުހައްމަދު މަނިކުގެ މޭސްތިރިކަމުގެ ދަށުން ދިވެހީންގެ ރޭނުމުގެ ހުނަރު ދައްކައިދޭ ހާއްސަ ތަނަކީ ކެންދޫ މަގާމުފުޅެވެ. މިއީ ރާއްޖެ އިސްލާމް ކުރެއްވި ތަބްރޭޒުގެފާނުގެ ކެންދޫއަށް ވަޑައިގެން އަޅުކަން ކުރައްވަން އިންނެވި ތަނުގައި ހަދާފައިވާ މަގާމެކެވެ.
ސިޔާސީ ގަޑުބަޑުތަކާއި ސަރުކާރު ހިންގި ގޮތް
ދެވަނަ ބޮޑު ހަނގުރާމާ ދުވަސްވަރުގެ "ބޮޑު ތަދާއި" ގުޅިގެން މާލޭގެ އުތުރުން އުފަންވި "އުތުރު ގަޑުބަޑު" ގެ ވާހަކަ ކަލަންޑަރުން ކިޔައި ދެއެވެ. ރިޔާ ނެގި ދޮނިތަކެއް މަންޒަރުން އޯގަސްޓް މަަސް ހާއްސަކޮށްލީ މި ތާރީހު ކިޔައިދޭށެވެ. ކުޅުދުއްފުށީ ބޮޑު މުހަންމަދު ކަލޭގެފާނަކީ މި ގަޑުބަޑުން މަޝްހޫރުވި ޝަހުސިއްޔަތެއް ކަމުގައި ކަލަންޑަރުގެ ލިޔުންކޮޅު ބުނެ ދެއެވެ.
އަށާރަސަތޭކައިގައި ހިނގި ސިޔާސީ ގަޑުބަޑުގެ ނަތީޖާއެއްގެ ގޮތުން 1887 ވަނަ އަހަރު އައްސުލްތާން މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގައި ދިވެހި ދައުލަތާ އިނގިރޭސިންނާއި ދެމެދު ހިމާޔަތެއްގައި މުއާހަދާއެއްގައި ސިއްކަ ޖެހުނެވެ. މިކަން ވެސް ކަލަންޑަރު ކިޔައި ދެއެވެ.
އަދި އިހުޒަމާނުގައި ސަރުކާރު ހިންގީ ލާމަރުކަޒީ އުސޫލުންނެވެ. އެގޮތުން މައި ސަރުކާރަށް ކޮންމެ ރަށަކުން އައި ވާރު (ޓެކްސް) ދައްކަމުންނެވެ. ކޮންމެ ރަށެއްގައި ހުންނަ "ވާރުގެ" އަށް ވެދުން ހިފައިގެން ދާ ދިއުމަކީ އެ ޒަމާނުގައި ވަރަށް މުހިއްްމު ހަފްލާއެކެވެ.
ފަންނުވެރިކަމާއި އާދަކާދައާ ސަގާފަތް
ސެޕްޓެމްބަރު މަހު، ދިވެހި ރޯނު ބޭރު ކުރުމާއި ގުޅޭ މަންޒަރެކެވެ. ދިވެހިންގެ ހަޔާތުގައި ރޯނަކީ މޮޅު އުފެއްދުމެެކެވެ ގިނަ ކަންކަމަށް ބޭނުން ކުރެވޭ ރޯނަކީ އަގުހުރި އެ ޒަމާނުގައި ނުހަނު އަގުހުރި އެއްޗެއްކެވެ. ކަނޑުގެ ލޮަނަށް ގަދަ، ރޯނު ރަށްރަށުން ދޯނި ދޯނިގައި ރާއްޖެއިން ބޭރު އެެހެން ގައުމުތަކަށް ގެންދިޔަ އެވެ. ބުނެވޭ ގޮތުގައި ރޯނުގެ ބޭނުމުގައި އިންޑިއާ ކަނޑުގައި އޮތް ރާއްޖެއަށް ބޭރުގައުމު ތަކުން ނުފޫޒު ފޯރުވަން ވެސް މަސައްކަތް ކުރެއެވެ.
ދިވެހިންގެ ހުނަރާއި ފަންނުވެރި ކަމަށް ހާއްސަކޮށްލީ ސަފްހާ ގައި ހިމެނެނީ ހިރިގާ ކޮށާ މަށައިގެން ދިވެހިން ކޮށްފައި ހުރި ގަލުވަޑާމުގެ އަޖައިބެއްހާ ފުރިހަމަ މަސައްކަތްތަކަށެވެ. އދ. ފެންފުށީގެ ހިރިގަލު މިސްކިތަކީ ދިވެހި ހިރިގަލުގެ ވަޑާމުގެ ފަންނުވެރިކަން ދައްކައިދޭ ފުރިހަމަ ނަމޫނާއެކެވެ. އޮކްޓޯބަރު މަސް އެ ކަމަށް ދިން އިރު އެ މަސައްކަތް ކުރާ ގޮތް ކަލަންޑަރުން ދައްކާލައެވެ.
ހިއްޗަށް ވަޑައިގަތުމަކީ ދިވެހިންގެ ސަގާފަތުގެ ބައެކެވެ. މިގޮތުން ރޯދަމަހުގެ ވަކި ހާއްސަ ރޭ ތަކެއްގައި ރަސްގެފާނު ޝާހީ އިއްޒަތުގައި ގަނޑުވަރުން ނުކުމެވަޑައިގެން ވަކި ހާއްސަ ތަންތަނަކަށް ޒިޔާރަތް ކުރައްވަ އެވެ. ކަލަންޑަރުގައިވާ ކުރެހުމުން ދައްކާލާނީ ހުކުުރު މިސްކިތް މުންނާރު ކައިރިން ހިއްޗަށް ވަޑައިގަންނަނަވާ މަންޒަރެކެވެ.
ރަސްމީ ކޮށް ދިވެހި ހެވިކަމުގެ ކުޅިވަރު ކުޅެ އުޅޭ ތަނެއް ކަމުގައިވާ "ގުޅަކުޅޭ ފަސްގަނޑު" ނުވަތަ އެއިރުގެ ޝާހީ ގަނޑުވަރުގެ ކުރިމަތީގައި އޮންނަ ބިމަކީ ރައްޔިތުން އެއްވާ ތަނެކެވެ. އެތާނގެ ވާހަކަ ގެނެސްދީފައި ވަނީ އިޖްތިމާއީ ގުޅުންތަކާއި ކުޅިވަރުގެ އެ ޒަމާން ސިފަވާނެ ހެނެވެ.
ތާރީހީ ގޮތުން ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ހިނގާފައިވާ ކަންކަމަކީ ދިވެހިންގެ ތާރީހާއި ސަގާފަތުގެ ވާހަކަ ދައްކާއިރު މާ އާއްމުކޮށް ފެންނަ އަދި ދެކެވޭ ވާހަކަތަކެއް ނޫނެވެ. އާ ޓެކްނޮލޮޖީގެ އެހީ ހޯދާފައިވާ "ތާރީހުގެ ތެރެއިން ދިވެހިރާއްޖެ" މި ކަލަންޑަރު ވެގެންދާނީ ދިވެހިންނަށް ދިވެހި ތާރީހު ކިޔައިދިން ރީތި އަދި ތާރީހީ ކަލަންޑަރަކަށެވެ. ފޯނުން ސްކޭން ކޮށްލައިގެން 3ޑީ ކޮށް ޑެސްކްޓޮޕް ކަލަންޑަރުގައި ނެތް މަންޒަރުތައް ވެސް ފެންނަ ކަލަންޑަރަކަށެވެ.