ސުޝާންތު ސިންގް

ސުޝާންތާއި ރިއާ ޑްރަގް ގަނެފައިވާ ކަމުގެ ތުހުމަތު

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން މިހާރު އިންޑިޔާގެ ސީބީއައި އިން ކުރަމުންދާ ތަހުގީގު އަނެއްކާ ވެސް މުޅިން އާ އެންގަލަކަށް ބަދަލުވެއްޖެ އެވެ. އެއީ ސުޝާންތުގެ އެކައުންޓުތަކުން ފައިސާ ޚަރަދުކޮށްފައިވާ ގޮތް ތަހުގީގު ކުރުމުގެ ތެރޭގައި ފެނުނު އިތުރު ހެކިތަކެއްގެ ސަބަބުން މުޅިން އާ ކަންތައްތަކަކަށް ޝައްކު ކުރެވެން ފެށީމަ އެވެ.

މުމްބައި ޕޮލިސް، ޕަޓްނާ ޕޮލިސް، އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީޑީ)، ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) މިހާރު ވަނީ މި ތަހުގީގުގައި ސީބީއައި އާ ބައިވެރިވެފަ އެވެ. އީޑީ އިން އެންސީބީ އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރިއާ ޗަކްރަބަތީ އާއި ސުޝާންތަށް ބަޔަކު ޑްރަގް ފޯރުކޮށް ދެމުން ގޮސްފައިވާ ކަމުގެ ހެކިތަކެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލައި ދިނުމަށެވެ.

ސުޝާންތާއި ރިއާއަށް ޑްރަގް ފޯރުކޮށްދީ ޑްރަގް ފޮނުވައިދޭ މީހުންނަށް ސުޝާންތު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަން ސުޝާންތު ފައިސާ ޚަރަދު ކޮށްފައިވާ ގޮތް ތަހުގީގު ކުރަމުން ދިޔަ އީޑީގެ ޓީމަށް ފާހަގަ ކުރެވިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ. މި މައްސަލަ ބަލައިދޭން އެންސީބީގައި އެދިފައިވަނީ އެހެންވެ އެވެ.

މި އެންގަލްގެ ތަހުގީގު ނާކޮޓިސް ކޮންޓްރޯލް ބޯޑުން ތަހުގީގުކޮށް ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރަން ވަނީ ހަމަޖެހިފަ އެވެ.

އީޑީގެ ފަރާތުން މައުލޫމާތު ދިން މީހުންނާ ހަވާލާ ދީ އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރިއާގެ ޓެލެންޓް މެނޭޖަރު ޖާޔާ ސާހާ އާ ސުވާލު ކުރުމުގެ ތެރޭގައި ރިއާ މެން ކޮންމެވެސް ކަހަލަ ޑްރަގެއް ބޭނުންކުރި ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެއީ ކޮން ކަހަލަ ޑްރަގެއް ކަމެއް ނޭނގެ އެވެ. އަދި އެ ޑްރަގް ބޭނުންކުރީ މި މައްސަލައިގައި ހިމެނޭ މީހުންކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.

މި ތުހުމަތުތަކާއެކު ރިއާގެ ގާނޫނީ ވަކީލު ބުނެފައި ވަނީ ރިއާ ދުވަހަކު ވެސް ޑްރަގް ބޭނުން ނުކުރާ ކަމަށާއި ލޭ ޓެސްޓް ކުރަން އެދިފިނަމަ އެކަން ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ މުމްބައިގައި ދިރިއުޅޭ އެޕާޓްމަންޓުގަ އެވެ. ސީބީއައި އިން މިހާރު ސުޝާންތުގެ މަރު ތަހުގީގު ކުރުމާ ހަވާލުވެފައިވަނީ އިންޑިޔާގެ ސުޕްރީމް ކޯޓުގެ އަމުރަކަށެވެ. އެއީ ސުޝާންތުގެ އާއިލާއިން އެގޮތަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން ނިންމާފައިވާ ނިންމުމެކެވެ.