ޝިފާ މުހައްމަދު

"ހިދުމަތް ނުދެވޭތީ ކަމެއް ފާހަގައެއް ނުކުރޭ"

އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ނުދެވިގެން ކަންބޮޑުވާ އެއްވެސ ކަމެއް ފާހަގަ ކޮށްފައި ނުވާ ކަމަށް މާލެސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މޭޔަރު، ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނީ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ފަޒީނެވެ. އޭނާ އެ މައްސަލ ހުށަހަޅުއްވާފައި ވަނީ ލާމަރުކަޒީ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ޝިފާ އިހުމާލު ވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެވެ. އޭނާ ވަނީ 39 މައްސަލައެއް ފާހަގަ ކުރައްވާފަ އެވެ.

މި މައްސަލަ ހުށަހަޅާއި މައްސަލަ ކުރިއަށް ގެންދިޔުމަށް ކައުންސިލަރުންގެ ވޯޓު ނަގާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ކައުންސިލުން ބޭއްވި ބައްދަލުވުމުގަ އެވެ. އެގޮތުން މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ނުވަ ކައުންސިލަރަކު ވޯޓް ދެއްވި އިރު އެ މައްސަލަ އަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ޝިފާ އަށް 10 ދުވަސް ވަނީ ދީފަ އެވެ.

މި މައްސަލައާއި ގުޅިގެން ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކައުންސިލް ކަމަށް ކުރިމަތި ލައްވަނީ ހިދުމަތެއް ކޮށްދިނުމަށް ކަމަށާއި އަމިއްލަ މަންފާ އާއި ފައިދާ ހޯދަން ނޫން ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ނުދެވޭތީ ކަންބޮޑު ވެގެން އެންމެ ކަމެއްވެސް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

އިތުބާރު ނެތް ކަމަށް މިހާރު ހުށަހަޅުއްވާފައި ވާއިރު މީގެ ކުރިން ވެސް ފަޒީން ވަނީ ޝިފާއަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފަ އެވެ. އެގޮތުން ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޕާކު ހެދުމުގައި ގާނޫނާއި ހިލާފް ކަނކަން ކޮށްފައިވާ ކަމަށާއި މާރުކޭތު ގޮޅި ދޫކުރުމުގައިވެސް ގާނޫނާއި ހިލާފަށް އަމިއްލަ މަންފާ ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށްވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ފަޒީންގެ މި ތުހުމަތުތައް ޝިފާ ވަނީ ދޮގުކުރައްވާފަ އެވެ. އަދި ފަޒީން އެފަދަ ތުހުމަތުތައް ކުރައްވަނީ އެކަމަނާގެ އަގު ވައްޓާލުމަށްކަންވެސް ވަނީ ވިދާޅުވެފަ އެވެ.