ބޮލީވުޑް

ރިއާގެ އިންޓަވިއު: ތަފާތު ވާހަކަތަކެއް، ގަބޫލުކުރާނީ ކާކު ވާހަކައެއް؟

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރުގެ ވާހަކަތައް އިންޑިޔާގެ ސީބީއައި އިން މިހާރު ތަހުގީގު ކުރަމުން ދާއިރު މި މަރާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް ކުރަމުންދާ އެއް ފަރާތަކީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އެވެ. ސުޝާންތުގެ އާއިލާއިންނާއި ގާތް އެކުވެރިންގެ ތެރެއިން ބައެއް މީހުން ބުނަނީ ސުޝާންތުގެ މަރުވީ ރިއާގެ ސަބަބުން ކަމަށެވެ. މިހާތަނަށް މިކަމާ ގުޅޭ ގޮތުން ރިއާގެ މާ ގިނަ ވާހަކަތަކެއް އަޑުއިވިފައެއް ނެތެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ރިއާ ވަނީ އިންޑިޔާގެ ޓީވީ ޗެނަލަކަށް މިކަމާ ގުޅޭ ވާހަކަތައް ހިއްސާ ކޮށްފަ އެވެ. ރިއާގެ އިންޓަވިއުގައި ދެއްކި ވާހަކަތަކުން ގިނަ ބަޔަކަށް މިހާރު ވަނީ ދޮގު ހަދާ މީހެއް ނޭނގޭ ވަރަށް އޮޅުން އަރާފަ އެވެ. ރިއާ އާއި ސުޝާންތުގެ އާއިލާގެ މީހުންގެ ތެރެއިން ތެދު ހަދަނީ ކޮން ބައެއްކަން އޮޅޭ ހިސާބަށް މިހާރު މި ވާހަކަތައް ބަދަލުވެފައި ވެއެވެ.

ރިއާ ބުނި ގޮތުގައި މިއަހަރުގެ ޖޫން އަށް ވަނަ ދުވަހާ ހަމަޔަށް އޭނާ އާއި ސުޝާންތު އުޅުނީ ލިވިން ރިލޭޝަންޝިޕެއްގަ އެވެ. އެހެން ގޮތަކަށް ބުނާނަމަ ދެ މީހުން ދިރިއުޅުނީ ދެމަފިރިން ގޮތަށް އެއް ގެއެއްގަ އެވެ.

އާޖް ތަކް ޗެނަލްގެ ރާޖްދީޕް ސަރްދެސާއީ އަށް ދިން އިންޓަވިއު ގައި ރިއާ ބުނި ގޮތުގައި ސުޝާންތު މަރުވުމުގެ އެތައް މަހެއް ކުރީއްސުރެ އޭނާއަށް އެންޒައިޓީ އެޓޭކްތަކެއް އަންނަމުން ދިޔަ އެވެ. އަދި ޖޫން އަށް ވަނަ ދުވަހަށް ވެސް ތެރަޕީ ސެޝަނެއް ޝެޑިއުލް ކޮށްފައި އޮތެވެ. އެ ދުވަހު ސުޝާންތުގެ ދައްތަ އަންނާތީ ރިއާ އޭނާގެ ގެއަށް ދިއުމަށް ސުޝާންތު އެދުނު ކަމަށާއި އޭނާ ގެއަށް ދިޔައީ އެހެންވެ ކަމަށް ރިއާ ބުންޏެވެ.

"އަހަރެންވެސް އޭރު އުޅުނީ ބަލިވެ. އަހަންނަށް ވެސް އެންޒައިޓީގެ މައްސަލަތަކެއް ދިމާވެފައި އޭރު ވަނީ. އެހެންވެ އަހަރެން ވެސް ތެރަޕީ ސެޝަނެއް ނަގަން އެ ދުވަހު އުޅުނީ. ނަމަވެސް ސުޝާންތު ކިޔާ ވަރުން އަހަރެން ގެއަށް ދިޔައީ. އަހަރެންނާ ސުޝާންތުގެ އާއިލާގެ ގުޅުން ރަނގަޅެއް ނޫން. އެމީހުން އަހަންނާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. ނަމަވެސް ސުޝާންތުގެ ދައްތަ އައުމުން އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ކަމުގެ އުންމީދުގައި އަހަރެން އެ ގެއިން ދިޔައީ،" ރިއާ ބުންޏެވެ.

ރިއާ ތުހުމަތު ކުރަނީ އޭނާގެ ދިރިއުޅުން ހަލާކުކޮށްލީ ސުޝާންތުގެ އާއިލާއިން ކަމަށެވެ. އެމީހުން އޭނާގެ އަބުރު ކަތިލައި ފިލްމީ ކެރިއަރު ހަލާކުކޮށްލަން މަސައްކަތްކުރާ ކަމަށް ރިއާ ތުހުމަތު ކުރެ އެވެ.

ސުޝާންތުގެ މަރާ ގުޅުވައި އޭނާއަށް ލިބެމުންދާ މަރާއި ރޭޕްގެ އިންޒާރުތަކާ ހެދި އަމިއްލައަށް މަރުވާން ވެސް ހިތަށް އަރާ ކަމަށާއި އެހާވެސް އޭނާ އަށާއި އާއިލާއަށް ނޫސްވެރިންނާއި ސުޝާންތުގެ ފޭނުންގެ ފަރާތުން އުނދަގޫތައް ފޯރަމުންދާ ކަމަށް ވެސް ރިއާ ބުންޏެވެ.

ރިއާ އާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ސުޝާންތުގެ ބައްޕަ ބުނެފައި ވަނީ ސުޝާންތުގެ އެކައުންޓުގައި ހުރި 17 ކްރޯޑު ރުޕީސް އިން 15 ކްރޯޑު ރިއާ އޭނާގެ އެކި އެކައުންޓްތަކަށް ޖަމާ ކޮށްފައިވާ ކަމަށެވެ. ރިއާ ބުނި ގޮތުގައި މިއީ ވެސް ބުހުތާނު ދޮގެކެވެ. މި މައްސަލަ ބަލާ ފަރާތްތަކަށް ވެސް މިހާރު މިކަން ހާމަވެފައިވާ ކަމަށާއި ސުޝާންތުގެ ފައިސާގައި އޭނާ ނުޖެހޭ ކަމަށާއި އޭގައި ފައިސާ ހުރި ނަމަ އެއަށް ވީ ގޮތެއް އޭނާއަށް ނޭނގޭ ކަމަށް ރިއާ ބުންޏެވެ.

ރިއާ ބުނާ ގޮތުގައި ސުޝާންތު ޑިޕްރެޝަނަށް ގޮސް އޭނާއަށް ނަފްސާނީ ގޮތުން ބޮޑެތި އުނދަގޫތަކާ ކުރިމަތިވީ "#މީޓޫ" ގެ ތުހުމަތުތަކުގެ ސަބަބުންނެވެ.

"ސުޝާންތުގެ 'ދިލް ބޭޗާރާ'ގެ ބަތަލާ ތަންކޮޅެއް ކުރިން ބުނެފައިވޭ ސުޝާންތު އޭނާއަށް ގޯނާ ކުރި ކަމަށް. އެ ފަދަ ތުހުމަތުތައް ސުޝާންތަށް ނަފްސާނީ ގޮތުން ވަރަށް އަސަރުކުރި ކަމަކަށްވީ. އެހެން ބުނެފައި ދޮޅު މަހަށް ވުރެ ގިނަ ދުވަހު ސަންޖަނާ ހުރީ އެއްވެސް ވާހަކައެއް ނުދައްކާ. ފަހުން ބުނި އެއީ އެހެންވީ ކަމެއް ނޫނޭ. ނަމަވެސް އޭނާ އެ ތުހުމަތުކޮށްފައި ދެން އެއްޗެކޭ ނުބުނެ ފާއިތުވީ ދޮޅުމަސް ތެރޭ ސުޝާންތަށް ހީނުކުރާ ވަރުގެ ނަފްސާނީ އުނދަގޫތައް ދިމާވި. އެއީ އޭނާ ދެއްކި ވާހަކައެއް ނޫންކަމަށް ސަންޖަނާ ބުނީ މާ ފަހުން،" ސުޝާންތަށް ޑިޕްރެޝަނާއި އެންޒައިޓީގެ މައްސަލަ ދިމާވި ސަބަބު ކިޔައިދެމުން ރިއާ ބުންޏެވެ.

ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ، ރިއާ އާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް ވެސް ރިއާ ޖަވާބު ދިނެވެ. އަންކިތާ ބުނެފައި ވަނީ ސުޝާންތު މުޅިން ބަދަލުވީ ރިއާ އާ ގުޅުނު ފަހުން ކަމަށެވެ. ނަމަވެސް ރިއާ މި ވާހަކަ ވެސް ދޮގު ކުރި އެވެ. އޭނާ ބުނި ގޮތުގައި އަންކިތާ އާއި ސުޝާންތު އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާތާ ހަތަރު އަހަރު ވެއްޖެ އެވެ. ސުޝާންތު ބަދަލުވީ އޭނާ އާ ބައްދަލުވީ ފަހުން ކަން އަންކިތާ އަށް އެނގޭނެތޯ ރިއާ ސުވާލު ކުރި އެވެ.

ސުޝާންތު އާ މަނީ ލޯންޑްރިން އާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތައް ވެސް ރިއާ ދޮގު ކުރި އެވެ.

ރިއާ ބުނި ގޮތުގައި އެއްވެސް އެވޯޑަކަށް އޭނާ ނޮމިނޭޓް ނުވުމާއި ސަންޖަނާގެ ދޮގު އިލްޒާމްތަކުގެ ސަބަބުން ސުޝާންތު ހުރީ ވަރަށް މާޔޫސްގެ ކަންބޮޑުވެފަ އެވެ. އަދި މިއީ ކޮންމެވެސް ބަޔަކު ގަސްތުގައި އޭނާއަށް ގެއްލުންދީ ކެރިއަރު ހަލާކުކޮށްލަން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސުޝާންތަށް ގަބޫލު ކުރެވިފައި ވެއެވެ.

ރިއާ ތުހުމަތުކުރާ ގޮތުގައި ޑްރަގްގެ ބާވަތެއް ކަމަށްވާ މެރުޖުއާނާ ކޮންމެ ދުވަހަކު ވެސް ސުޝާންތު ބޭނުންކުރެ އެވެ. އަދި ރިއާގެ ފޯނުން ލީކް ވެފައިވާ ވަޓްސްއަޕް މެސެޖުތަކުގައި އޭނާ ދައްކާފައިވާ ޑްރަގް ހޯދުމާ ބެހޭ ވާހަކަ ތަކަކީ ސުޝާންތު އޭނާ ފޯނުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ރިއާ ބުނެ އެވެ.

އޭނާއާ ދެކޮޅަށް މިހާރު އިންޑިޔާގެ މީޑިއާ ތަކުން ފަތުރަމުންދާ ޚަބަރު ތަކަކީ "ވިޗް ޓްރަޔަލް" އެއްގެ ގޮތުގައި ރިއާ ސިފަ ކުރި އެވެ. އެއީ އޭނާއަށް ބިރުދައްކައި ޖެއްސުން ކުރުމުގެ ގޮތުން ފަތުރާ ޚަބަރުތަކެއް ކަމަށް ރިއާ ބުނެ އެވެ.

ކޮންމެއަކަސް ރިއާ ދެއްކި ވާހަކަ ތަކުން ސުޝާންތުގެ މަރުގެ މައްސަލައިގެ ހަގީގަތް މާ ބޮޑަށް ވެސް އޮޅުން އެރުން ފިޔަވައި އެހެން ކަމެއް ނުވެ އެވެ. މި މައްސަލައިގައި ތެދު ހަދަނީ ކާކުކަން އެނގޭނީ ސީބީއައި އިން ކުރަމުންދާ ތަހުގީގު ރިޕޯޓް ހާމަ ކުރުމުންނެވެ.