ބޮލީވުޑް

ސުޝާންތަށް ފުރަގަސްދެވުނީމަ މިހާރު ދެރަވޭ: ޑައިރެކްޓަރު އަނުރާގް

ސުޝާންތު ސިންގް ރާޖްޕޫތަކީ ހިންދީ ސިނަމާއަށް އަރައި ކުޑަ ދުވަސްކޮޅަކު ވިދުމަށްފަހު އޮއްސުނު ވަރަށް އަލިގަދަ ތަރިއެކެވެ. ވަރަށް ހުނަރުވެރި އެކްޓަރެކެވެ. އެހެންވެ 2020ގައި އޭނާގެ ކުއްލި ވަކިވުން ގިނަ ބަޔަކަށް ވަނީ ބަރުދާސްކުރަން ދަތި ވޭނަކަށް ވެފަ އެވެ. އަދި ސުޝާންތުގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު އޭނާ އެކި ގޮތްގޮތުން އެހީތެރިކަމަށް އެދުމުން ބައެއް މީހުން އޭނާއަށް ފުރަގަސްދީ އެހީތެރިވާން ދެކޮޅު ހެދި އެވެ. މިފަދަ މީހުން މިހާރު އެކަމާ ހިތާމަ ކުރެ އެވެ.

ޑައިރެކްޓަރު އަނުރާގު ކަޝޭޕް އަށް ވެސް ސުޝާންތު ގުޅިކަމަށް ޚުދް އޭނާ ދާދިފަހުން އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ. ސުޝާންތު މަރުވުމުގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން އޭނާއަށް ގުޅިކަމަށާއި އެ ފަހަރު ސުޝާންތު އާ ވާހަކަ ދައްކަން އޭނާ ދެކޮޅު ހެދި ކަމަށް އަނުރާގު ބުންޏެވެ. އަދި އެކަމުގެ ހިތާމަ މިއަދާ ހަމައަށް ވެސް ކުރަމުންދާ ކަމަށާއި ސުޝާންތު އަށް އެ ދުވަހު އެހީތެރިކަމުގެ އަތެއް ފޯރުކޮށް ނުދެވުނީތީ އަމިއްލަ ނަފްސަށް މައާފްކުރަން ދަތިވެފައިވާ ކަމަށް އަނުރާގު ބުންޏެވެ.

އަނުރާގު ބުނި ގޮތުގައި ބޮޑެތި ފިލްމުތައް ލިބުމުން އެ ފިލްމުތައް ކުޅެންވެގެން ސުޝާންތު އޭނާގެ ފިލްމުތައް ކުޅެން އޭގެ ކުރިން އެތައް ފަހަރަކު އޮތީ ދެކޮޅުހަދާފަ އެވެ. ސުޝާންތު އެންމެ ފަހުން ކުރި ކޯލު އޭނާ ނުނެގީ އެކަމާ އައިސްފައި ހުރި ރުޅީގަ އެވެ.

އަނުރާގު މި ވާހަކަ ދެއްކީ އޭނާ ދެކެ ހިތްހަމަނުޖެހިގެން އެކްޓަރު އަބޭ ޑެއޯލް ދާދިފަހުން މީޑީއާގައި ދެއްކި ވާހަކަ ތަކަކާ ގުޅިގެންނެވެ.

އަނުރާގު ބުނި ގޮތުގައި އަބޭ އޭނާ ދެކެ ރުޅިއައިސްގެން އުޅޭކަން އެނގުނީ މީޑިއާގައި އެ ޚަބަރުތައް ޖެހީމަ އެވެ. އެ ޚަބަރު ފެނުމާއެކު އޭނާ ވަގުތުން އަބޭ އަށް ގުޅައި އޭނާ ހިތްހަމަނުޖެހޭ ގޮތަށް ކަމެއް ކުރެވިފައިވާނަމަ މައާފަށް އެދިފައިވާ ކަމަށެވެ. ސަބަބަކީ ސުޝާންތު އަށް ދިމާވި ގޮތަށް އޭނާގެ ކިބައިން މައާފަށް ނޭދި ހުއްޓާ ވަގުތު ފާއިތުވިޔަ ނުދިނުމަށެވެ. ސުޝާންތުގެ ފަހުގެ ފޯނު ކޯލު ނުނެގުމުން އެވީ ދެރަ ތަކުރާރުވިޔަ ނުދިނުމަށެވެ.