ބޮލީވުޑް

ސުޝާންތު މަރުވީ އަމިއްލައަކަށް ނޫން، މަރާލީ!

މީގެ ދެ އަހަރު ކުރިން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވީ އަމިއްލައަށް ކަމަށް މިހާތަނަށް ބެލެވިފައިވީ ނަމަވެސް އޭނާ މަރުވީ އަމިއްލަ ނޫން ކަމަށާއި އޭނާ އޮތީ މަރާލާފައި ކަމުގެ ހެކިތައް އޭނާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށް ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދި ތަނުގައި ހުރި މީހަކު ބުނެފި އެވެ.

ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދީ ކޫޕާ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށްވާ ރޫޕްކުމާރު ޝާހް ޓީވީ9 އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވި އެވެ. އަދި ސުޝާންތުގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާގެ ނިޝާންތައް ފެނުނު ކަމަށާއި ކަރުގައި ވެސް އަނިޔާގެ ނިޝާންތަކެއް ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި މިއީ އަމިއްލައަށް މަރުވާ މީހުންގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް ނޫން ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށް ރޫޕްކުމާރު ބުންޏެވެ.

ރޫޕްކުމާރުގެ މި ވާހަކަތަކަށް ސުޝާންތުގެ އާއިލާގެ ފަރާތުން މި މައްސަލައިގައި ކޯޓުގައި ވަކާލާތުކުރާ ގާނޫނީ ވަކީލު ވިކާސް ސިންގް ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި މި މައްސަލައިގައި އަލަށް މި ދެކެވޭ ވާހަކަތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސުޝާންތުގެ ދައްތަމެން އޭނާ ކައިރީގައި އަދި ބުނެފައެއް ނުވެ އެވެ. ނަމަވެސް ސުޝާންތުގެ މަރަކީ އަމިއްލައަށް ވީ އާދައިގެ މަރެއް ކަމަކަށް އޭނާއެއް ވެސް އަދި ސުޝާންތުގެ އާއިލާއެއްވެސް ގަބޫލެއް ނުކުރެ އެވެ.

މިހާރު ސުޝާންތުގެ މަރުގެ ތަހުގީގުކުރަމުންދަނީ އިންޑީއާގެ ސީބީއައި އިން ކަމަށް ވެފައި ސީބީއައި އިން މިކަމުގެ ހަގީގަތް ހޯދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ގާނޫނީ ވަކީލު ބުންޏެވެ.

ޓީވީ9ގެ އަށް ދިން އިންޓަވިއުގައި ޕޯސްޓް މޯޓަމް ހެދުމުގައި ބައިވެރިވި ރޫޕްކުމާރު އިތުރަށް ކިޔައިދިން ގޮތުގައި އެމީހުން ޕޯސްޓް މޯޓަމް ހަދަން އެތަނަށް ދިޔައިރަކު އެއީ ސުޝާންތުގެ ހަށިގަނޑުކަމެއް އެމީހުންނަކަށް ނޭނގެ އެވެ. އެމީހުންނަށް އެކަން އެނގުނީ އެ ހަށިގަނޑު ފެނުނީމަ އެވެ.

ހަށިގަނޑުގެ އެތަން މިތަނުގައި އަނިޔާގެ ނިޝާންތައް ހުރި ކަމަށާއި ކަރުގައި ވެސް އެފަދަ ނިޝާންތަކެއް ހުއްޓާ ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

ޕޯސްޓް މޯޓަމް ހަދާއިރު ރެކޯޑްކުރަން ޖެހޭ ކަމަށާއި ނަމަވެސް ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދިއިރު ރެކޯޑް ނުކޮށް ހަމައެކަނި ފޮޓޯ ނަގަން ކަމާ ބެހޭ މަތީ އިދާރާއަކުން އަންގާފައި އޮތް ކަމަށް ވެސް ރޫޕްކުމާރު ބުންޏެވެ. އެހެންވެ އެމީހުން އަމަލުކުރީ އޯޑަރާ އެއްގޮތަށް ކަމަށް ވެސް ރޫޕްކުމާރު ބުންޏެވެ.

ސުޝާންތު މަރުވީ ޖޫން 14، 2020 ވަނަ ދުވަހު އެވެ. އޭނާގެ ކުއްލި މަރުން ގިނަ ބަޔަކަށް ބޮޑު ޝޮކެއް ލިބުނުއިރު ފުލުހުން މި މައްސަލަ ތަހުގީގުކުރުމަށްފަހު ބުނެފައިވަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް މި ވާހަކަ ސުޝާންތުގެ އާއިލާގެ މީހުން ގަބޫލެއް ނުކުރެ އެވެ.

އެމީހުން ފުރަތަމަވެސް ބުނަމުން ދިޔައީ ސުޝާންތުގެ މަރުގެ އަޑީގައި ކޮންމެވެސް ބަޔަކު ތިބި ކަމަށެވެ. އަދި ސުޝާންތުގެ ފޭނުންގެ ތެރޭގައި ވެސް އޭނާ އަމިއްލައަށް މަރުވީ ކަމަށް ގަބޫލުނުކުރާ އެތައް ބަޔަކު އެބަތިއްބެވެ. އެމީހުން ގެންދަނީ ސޯޝަލް މީޑިއާގައި "ޖަސްޓިސް ފޯ އެސްއެސްއާރް" (ސުޝާންތު ސިންގް ރާޖްޕޫތަށް އިންސާފު ހޯދައިދީ) ހޭޝްޓެގްގައި ވަރަށް ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ.

ސުޝާންތު މަރުވިއިރު އޭނާ ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީ އާއި ސުޝާންތުގެ އެކުވެރިންގެ ތެރޭގައި ހިމެނޭ އެތައް ބަޔަކުވެސް ހައްޔަރުކޮށްގެން ގިނަ ދުވަސްތަކަކު ގެންގުޅެ އެމީހުންނާ ވެސް ސުވާލުކޮށް ހަދާފައި ވެއެވެ.