ބޮލީވުޑް

ސުޝާންތު ދިރިއުޅުނު ގެ ކުއްޔަށް ހިފާނެ ބަޔަކު ނުވި

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވިތާ ދެ އަހަރާ ބައި ވެގެން ދިޔައިރު އޭނާ އެންމެ ފަހުގެ ނޭވާ ދޫކޮށްލި ފްލެޓް ކުއްޔަށް ދޭން އުޅެ އުޅެ އެއްވެސް މީހަކު އެ ގެ ކުއްޔަކަށް ނުހިފި އެވެ.

ރިއަލް އެސްޓޭޓް އެޖެންޓް ރަފީގު މާޗަންޓް ދާދިފަހުން ސޯޝަލް މީޑިއާގައި ޝެއާ ކުރި މެސެޖެއްގައި ފަސް ލައްކަ ރުޕީސް އަށް އެ ފްލެޓް ކުއްޔަށް ދޭން އިއުލާންކޮށްފައި ވެއެވެ. އަދި ފްލެޓްގެ ފޮޓޯއެއް ވެސް މި ޕޯސްޓްގައި ވެއެވެ.

މާޗަންޓް ބުނި ގޮތުގައި އެ ގޭގައި ދިރިއުޅެން މީހުން ބިރުގަނެ އެވެ. އޭނާ އެ ފްލެޓް ކުއްޔަށް ދޭން އިޝްތިހާރު ކުރުމުން ގުޅާ މީހުން ވެސް އެއީ ސުޝާންތު މަރުވީ އެ ފްލެޓްގައި އޮއްވާ ކަން އެނގުމާއެކު އެ ފްލެޓް ބޭނުން ނޫންކަމަށް ބުނެ އެވެ. އެންމެ ކުޑަމިނުން އެ ގެ ބަލާލަން ދާން ވެސް އެއްވެސް މީހަކު އެއްބަސް ނުވާ ކަމަށް ރިއަލް އެސްޓޭޓް އެޖެންޓް ބުންޏެވެ.

މި ފްލެޓަކީ ސުޝާންތު ވެސް ކުއްޔަށް ހިފައިގެން އުޅުނު ތަނެކެވެ. މި ފްލެޓުގެ އަސްލު ވެރިމީހާ އަކީ އިންޑިއާ އިން ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހެކެވެ.

މާޗަންޓު ބުނީ މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ މީހަކަށް އެ ފްލެޓް ކުއްޔަށް ދޭކަށް ގޭގެ ވެރި ފަރާތުން ބޭނުމެއް ނުވެ އެވެ. ނަމަވެސް އެފަދަ މީހަކު ވެސް އަދި އެ ނޫން މީހަކު ވެސް އެ ފްލެޓް ކުއްޔަށް ހިފާން ނުލިބިގެން އަނެއްކާވެސް މި ތަން ކުއްޔަށް ދޭ ވާހަކަ މިހާރު ވަނީ އިޝްތިހާރުކޮށްފަ އެވެ.

މާޗެންޓް ބުނީ ކުއްޔަށް ހިފާނެ މީހަކު ނުވިޔަސް އެ ފްލެޓްގެ ކުލި ކުޑަކުރާކަށް ވެސް ގޭގެ ވެރިމީހާ ބޭނުން ނުވާ ކަމަށެވެ.

ސުޝާންތު މި ފްލެޓް ކުއްޔަށް ހިފައިގެން އުޅުނީ މަހަކު 4.5 ލައްކަ ރުޕީސް އަށެވެ. މިއީ 3600 އަކަފޫޓުގެ ޓެރަސް އަކާއެކު ހުރި ހަތަރު ކޮޓަރީގެ ގެއެކެވެ.

މުމްބައިގެ ބީޗް ފެންނަ ގޮތަށް ހުންނަ މި ގެއަށް ސުޝާންތު ބަދަލުވީ 2019ގެ ޑިސެމްބަރު މަހު އެވެ. މި ގޭގައި ސުޝާންތު ދިރިއުޅުނީ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާ އެކުގަ އެވެ. ބައެއް ކޮޓަރި އޭނާ ހުރީ އެކުވެރިންނަށް ކުއްޔަށް ދީފަ އެވެ.